އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކޮމްޕްލަޔަންސް ކޮމިޓީ އެކުލަވާލައި، ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ.
މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 12 ޖޫން ވާ ހުކުރު ދުވަހުއެވެ.
އެމްޑީޕީން ބުނި ގޮތުގައި، އިންތިޚާބާއި ބެހޭ ކޮމިޓީން މިހާރު ވަނީ އިންތިޚާބާއި ބެހޭ ގަވާއިދުގެ 46 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮމްޕްލަޔަންސް ކޮމިޓީ އެކުލަވާލާފައެވެ. މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ށ. ފޯކައިދޫ، އިވްނިންއިން، މުޙައްމަދު ނިޝާން އިބްރާހީމް އާއި، މާލެ، މ. ހިޔާވަހިގެ، ޑޮކްޓަރ ޢައިޝަތު ޢަލީ ގެ އިތުރުން ދ. ކުޑަހުވަދޫ، ބޯގަންވިލާ، ޝާޠިރު ޢަބްދުއްރަޙްމާން އެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު މިހާރު އާންމުކޮށްފައިވާއިރު، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 06 މެއި 2026 ވާ ބުދަ ދުވަހުގެ 14:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އިންތިޚާބާ ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ ގޫގުލް ލިންކް މެދުވެރިކޮށް ނުވަތަ 7219637 އަށް މެސެޖުކޮށްގެން ހުށަހެޅޭނެ ކަމަށް އެ ޕާޓީން ބުނެއެވެ.
މީގެ އިތުރުން، އިންތިޚާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް ވެސް އެމްޑީޕީން ވަނީ އިއުލާންކޮށްފައެވެ. މާލޭގައި ބަހައްޓާ ވޯޓު ފޮށިތަކުގެ ކައިރީގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ މެންބަރުން 30 މެއި 2026 ގެ 14:00 ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ހުށަހަޅަން ޖެހެއެވެ.
އޮފިޝަލުންގެ ގޮތުގައި ކުރިމަތިލާ މެންބަރުންނަކީ ކެންޕޭން ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވާ މެންބަރުންނަށް ވެގެން ނުވާނެ ކަމަށް އެމްޑީޕީން ބުނެއެވެ. އަދި އޮފިޝަލުން މަސައްކަތް ކުރާނެ މަރުކަޒުތައް ކަނޑައަޅާނީ އެ ޕާޓީގެ އިންތިޚާބާއި ބެހޭ ކޮމިޓީންނެވެ.

