ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ސާވޭ އަދި ޑިޒައިން މަރުހަލާ ފެށުމަށް މި މަހުގެ ތެރޭގައި ޓީމެއް ރާއްޖެ އަންނާނެ ކަމަށާއި، މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނީ ޑިޒައިން ފައިނަލްވުމުން ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މަޝްރޫއު ލަސްތަކެއް އުޅެނީ މިއީ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއަކަށް ވާތީ ކަމަށެވެ.
”މިހާރު ގޮސްފައި އޮތް ހިސާބަކީ ފީސަބިލިޓީ ސްޓަޑީގެ މަސައްކަތް ނިންމައި ސާވޭ އެެންޑް ޑިޒައިން ކުރާނެ ބަޔަކު ހޮވުމަށް ޓެންޑާގެ މަސައްކަތް މިހާރު ނިމިފައި ވަނީ. މި މެއި މަހުގެ ތެރޭގައި ސާވޭ ޑިޒައިން ކުރުމަށްޓަކައި އެ ޓީމު މިކޮޅަށް އަންނާނެ،“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޑިޒައިން މަސައްކަތް ނިމުމާއެކު މަގު ހަދާނެ ކުންފުންޏެއް ހޯދުމުގެ މަސައްކަތް ޗައިނާ ސަރުކާރުން ފަށާނެ ކަމަށެވެ. އަދި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނީ ކޮންޓްރެކްޓަރު ހޮވުމުން ކަމަށާއި، މި މަސައްކަތް ކުރިއަށްދަނީ ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާފައިވާ ގޮތަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މި މަޝްރޫއުގެ އަގު 100 މިލިއަނަށްވުރެ ގިނަ ޑޮލަރަށް އަރާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ. މި މަޝްރޫއުގެ ފީސަބިލިޓީ ދިރާސާ ކުރުމަށް ޗައިނާގެ ޓީމެއް ނޮވެމްބަރު 2024 ގައި ރާއްޖެ އައިސް އެ މަސައްކަތް ވަނީ ނިންމާފައެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވައުދުފުޅެކެވެ. މި މަޝްރޫއު ޗައިނާގެ ހިލޭ އެހީގައި ކުރިއަށްގެންދާނެކަން އެމަނިކުފާނު އިއުލާން ކުރެއްވީ 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ތެރޭގައެވެ.

