ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގުމަތީ ހަރަކާތުގެ ލައިވް ހުއްޓާލަން އެންގުމާއި ގުޅޭ ރަސްމީ ނިންމުމެއް މީޑިއާ ކޮމިޝަނުގެ ނެތް: ޗެނަލް 13

ބައްދަލުވުމަށް ފަހު އަލީ ހުސެއިން މީޑިއާތަކަށް މައުލޫމާތު ދެއްވަނީ/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޗެނަލް 13 އިން ގެނެސްދޭ މަގުމަތީ ހަރަކާތްތައް 60 ސިކުންތުގެ ޑިލޭއަކާއެކު ބްރޯޑްކާސްޓް ކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމް.އެމް.ބީ.ސީ) އިން އެންގި އެންގުމަކީ ކޮމިޝަނުގެ ރަސްމީ ނިންމުމެއް ނޫންކަން ބައްދަލުވުމުން އެނގިފައިވާކަމަށް އެ ސްޓޭޝަންގެ ގާނޫނީ ޓީމުން ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ސަރުކާރާއި ދެކޮޅަށް ކުރިޔަށް ގެންދާ އިހުތިޖާޖުތައް ބްރޯޑްކާސްޓު ކުރުން ހުއްޓާލުމަށް ކޮމިޝަނުން ވަނީ ޗެނަލް 13 އަށް އަންގާފަ އެވެ. ޗެނަލް 13 ގެ ސީއީއޯ އިސްމާއިލް ސޮފްވާންއަށް އޭޕްރިލް 27 ގައި މި އެންގުން ފޮނުވާފައި ވަނީ، ކޮމިޝަނުގެ ސެކޭޓްރީ ޖެނެރަލް ހަމްދީ އަގީލް ސޮއިކޮށް ފޮނުވި ސިޓީއެއްގަ އެވެ.

ކޮމިޝަނުގެ ސިޓީގައި ބުނެފައި ވަނީ ޗެނަލް 13 އިން މި ހަރަކާތްތައް ލައިވްކޮށް ގެނެސްދިނުމުގައި އާންމު އިޖްތިމާއީ މިންގަނޑާއި، ބްރޯޑްކާސްޓާރުންނާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑާ ހިލާފު މަންޒަރުތަކާއި ވާހަކަތައް ފަތުރަމުންދާކަމަށެވެ. މައްސަލައިގައި ސިޓީގައި ބުނީ 20 އެޕްރީލްގައި ޗެނަލް 13 އަށް 60 ސިކުންތުގެ ޑިލޭއެއް ބޭނުންކޮށްގެން ލައިވް ބްރޯޑްކާސްޓްކުރުމަށް ސިޓީ ފޮނުވައި، ތަކުރާރުކޮށް އެކަން ގުޅައި ހަނދާންކޮށްދިން ނަމަވެސް ޑިލޭއެއް ނެތި ނެތި ގާނޫނާ ހިލާފު މަންޒަރާއި އަޑު ފަތުރަމުންދާކަން ވަނީ ފާހަގަކުރެވިފައިވާކަމަށެވެ. އެހެންވެ ވަކި ގޮތެއް އަންގަން ދެން ޕީއެންއެފްގެ ހަރަކާތްތައް ލައިވް ބްރޯޑްކާސްޓު ކުރުން ހުއްޓާލުމަށް އެމްއެމްބީސީން އެންގީ އެވެ.

މި ސިޓީގެ މައްސަލައިގައި ޗެނަލް 13 ގެ ފަރާތުން މިއަދު ކޮމިޝަނާއި ބައްދަލު ކުރުމަށް ފަހު، މީޑިއާތަކަށް މައުލޫމާތު ދެމުން އަލީ ހުސެއިން ވިދާޅުވީ ގުމަތީ ހަރަކާތްތައް ގެނެސްދޭއިރު 60 ސިކުންތު ލަސްކުރުމަށް އަންގާ ފޮނުވި ސިޓީގައި އެއީ ކޮމިޝަނުގެ ނިންމުމެއްކަމަށް ބުނެފައިވީ ނަމަވެސް، އެފަދަ ނިންމުމެއް ކޮމިޝަނުން ނިންމާފައި ނުވާކަން މިއަދުގެ ބައްދަލު އިރު ސާފުވެފައިވާ ކަމަށެވެ. އެ ސިޓީގައި ސޮއިކޮށްފައި ވަނީ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްކަމަށާއި، ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރުމުން އެފަދަ ނިންމުމެއް ރަސްމީކޮށް ނެތްކަމަށް މައުލޫމާތު ދިންކަމަށް އަލީ ހުސައިން ފާހަގަކުރެއްވިއެވެ.

އެ ސިޓީގައި އެބައޮތް އެމްއެމްބީސީގެ ނިންމުމެއްގެ ވާހަކަ. އެހެންނަމަވެސް ކޮމިޝަނުން ބުނަނީ އެގޮތަށް ނިންމާފައި އޮތް ނިންމުމެއް ހަގީގަތުގައި ނެތް ކަމަށް. ކޮމިޝަންގައި އެކަމާ ގުޅޭގޮތުން ވާހަކަދެކެވި، ޔައުމިއްޔާ ކުރެވިފައި އޮތް ނަމަވެސް ވަކި ނިންމުމެއް ނެތް

އަލީ ހުސެއިން އިތުރަށް ވިދާޅުވީ، ސީދާ ސަބަބުތައް އެނގެން އޮތީ ލިޔުމުންކަމަށާއި، އެ ލިޔުން ލިބުމުން ކޯޓަށް ގޮސް އެ ނިންމުން ޗެލެންޖް ކުރާނެ ކަމަށެވެ. މީގެއިތުރުން، އެމްއެމްބީސީގެ އެންމެ މުހިންމު ޒިންމާއަކީ މީޑިއާގެ މިނިވަންކަން ކަށަވަރުކުރުންކަމަށްވާއިރު، ނޫސްވެރިކަމުގެ މިނިވަންކަން ދިފާއުކުރުމަށް ކޮމިޝަނުން މަސައްކަތް ނުކުރާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ.

މީގެއިތުރުން އަލީ ހުސެއިން ވަނީ ޑޮކިއުމަންޓްރީއެއްގެ މައްސަލައިގައި ”އަދަދު“ ނޫސް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް، ކޮމްޕިއުޓަރުތަކާއި ހާޑް ޑްރައިވްތައް ގެންދިޔައިރު ވެސް އެމްއެމްބީސީން އެއްވެސް ބަހެއް ބުނެފައި ނުވާކަމަށެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާގޮތުން މީޑިއާއެއް ބަލައި ފާސްކުރާއިރު އެމްއެމްބީސީގެ ބައިވެރިވުން އޮންނަންޖެހޭނެކަމަށް ވެސް އަލީ ހުސެއިން ވިދާޅުވިއެވެ.

މީޑިއާތަކުގެ މެދުގައި ތަފާތުކުރުން ގެންގުޅޭކަން ފާހަގަކުރައްވަމުން އަލީ ހުސައިން ވިދާޅުވީ، ސަރުކާރުގެ ކޮންޓްރޯލް އޮންނަ ދައުލަތުގެ މީޑިއާ ޕީއެސްއެމް ސަރުކާރުގެ ބޮޑެތި ސިޔާސީ ޖަލްސާތައް ގެނެސްދޭއިރު އެއްވެސް ޑިލޭއެއް ގެންނަން ނާންގާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ތަންތަނަށް ވަޑައިގަންނަވާއިރު ސަފު ހަދައިގެން ސަލާމްކުރާ މަންޒަރުތައް ތަކުރާރުކޮށް ދައްކަމުންދާއިރު، އެފަދަ ކަންކަން ޑިލޭކުރަން ނާންގަނީ ކީއްވެގެންތޯ ސުވާލު އުފެއްދެވިއެވެ.

ޓެކްނޮލޮޖީގެ ގޮތުން ބަލާއިރު ލައިވް ބްރޯޑްކާސްޓެއް ޑިލޭކޮށްގެން ގެނައުމަކީ ވަރަށް އަގުބޮޑު އިކުއިޕްމަންޓާއި އިތުރު މޭންޕަވަރ ބޭނުންވާ ކަމެއް. މި ހުރިހާ ޚަރަދެއް ކުރާނީ ކާކުތޯ؟

އަލީ ހުސައިން ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ދަށަށް ދިޔުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

އެމްއެމްބީސީން ޗެނަލް 13 އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ޕީއެންއެފްއިން ބާއްވާ މަގުމަތީ ހަރަކާތްތަކުގެ ކަވަރޭޖުގައި ސުލޫކީ މިންގަނޑާ ހިލާފު މަންޒަރާއި އަޑު ހިމެނޭ ކަމަށެވެ. އަދި މައްސަލަ ބަލައި ނިމެންދެން އެ ހަރަކާތް ލައިވް ނުކުރުމަށް އެންގުމުގައި ވެއެވެ.

ކޮމިޝަނުގެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި 32 ވަނަ މާއްދާއިން ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަމުގެ ބޭނުން ހިފާއިރު، ބްރޯޑްކާސްޓަރުން އަމަލުކުރަންޖެހޭނީ ގާނޫނު ނަންބަރު 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން) އާއި ކަމާބެހޭ އެހެނިހެން ގަވާއިދުތަކުގެ އިމުގެ ތެރޭގައެވެ.

އެގޮތުން ”ނޫސްވެރިންގެ ސުލޫކީ މިންގަނޑު“ އާއި، ގަވާއިދު ”އެއްވެ އުޅުމާ ގުޅޭ ގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓްކުރުމުގެ ޤަވާއިދު“ ގައި ބަޔާންކުރާ ހަމަތަކަށް ޗެނަލް 13 އިން ފުރިހަމައަށް ބޯލަނބާފައި ނުވާކަމަށް ކޮމިޝަނުން ބުންޏެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: