އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާ ގުޅޭގޮތުން އެ ޕާޓީން އިއުލާންކޮށްފައިވާ ތާވަލަކީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފު އެއްޗެއް ކަމަށް ބުނެ، އެ ޓައިމްލައިން ބާތިލުކުރުމަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅީ ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު އެވެ.
ކޯޓަށް ހުށަހެޅި މައްސަލައާއި ގުޅޭގޮތުން ޝާއިރު ވިދާޅުވީ، ޕާޓީގެ އިދާރާއިން ނެރުނު ޓައިމްލައިނަކީ އަސާސީ ގަވައިދުގެ 46 ވަނަ މާއްދާއާ ސީދާ ފުށުއަރާ ނިންމުމެއް ކަމަށެވެ. އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ޗެއާޕާސަން އިންތިހާބުގެ އެންމެހާ ކަންކަން ރާވައި ހިންގަންވާނީ ޕާޓީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ރައީސްގެ ބެއްލެވުމުގެ ދަށުންނެވެ. ނަމަވެސް މިހާރު އިއުލާންކޮށްފައިވާ ޓައިމްލައިނަކީ އެ މަޖިލީހުގެ ރައީސް އަހްމަދު އަބްދުﷲ އަފީފަށް އެނގުމެއްނެތި، އޭނާގެ ލަފައާ ހިލާފަށް ނެރެފައިވާ އެއްޗެއްކަން ޝާއިރު ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި ޝާއިރު އިތުރަށް ވިދާޅުވީ، ކުއްލި ގޮތަކަށް އިންތިހާބުގެ ކަންކަން އިއުލާންކުރުމުގެ ސަބަބުން، އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ހަރަކާތްތަކަށް ހުރަސްއެޅި، އެމަނިކުފާނަށް ލިބިދީފައިވާ ހައްގުތަކަށް އުނިކަން އަންނަ ކަމަށެވެ. ހާއްސަކޮށް، އިއުލާން ނެރުނު ވަގުތާ ހަމައަށް މެންބަރުންގެ ގޮތުގައި ތިބި މީހުންނަށް އެކަނި ވޯޓުލެވޭ ގޮތަށް ސުންގަޑި ކަނޑައެޅުމަކީ އިންސާފުގެ ހަމަތަކުން ބޭރު ނިންމުމެއްގެ ގޮތުގައި އޭނާ ވިދާޅުވެފައި ވެއެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅީ ޕާޓީގެ ތެރެއިން މިކަމަށް ހައްލެއް ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބުވުންކަމަށް ފާހަގަކުރައްވައި ޝާއިރު ވިދާޅުވި ގޮތުގައި، މިދިޔަ މަހުގެ 23 ވަނަ ދުވަހު އިންތިހާބީ ޝަކުވާ ހުށަހަޅާ ކޮމިޓީއަށް މައްސަލަ ހުށަހެޅި ނަމަވެސް، ގަވައިދުގައި ބުނާ 48 ގަޑިއިރު ހަމަވެގެން ދިޔައިރުވެސް އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.
ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ އަސާސީ ގަވައިދުގެ 46 ވަނަ މާއްދާއާ އެއްގޮތަށް އިންތިހާބުގެ ކަންކަން ހިންގުމުގެ ބާރު އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގެ ރައީސަށް އޮންނަންވާނެ ކަމަށް ކަނޑައަޅައިދިނުމާއި، މިދިޔަ މަހުގެ 22 ގައި ނެރުނު އިންތިހާބީ ޓައިމްލައިން ބާތިލުކޮށްދިނުމަށެވެ.
މީގެ ކުރިން 2017 އަދި 2021 ވަނަ އަހަރު ބޭއްވި ޗެއާޕާސަން އިންތިހާބުތަކުގައިވެސް އަމަލުކޮށްފައިވަނީ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ބެލުމުގެ ދަށުން ކަމަށްވާއިރު، މިފަހަރުގެ ނިންމުމަކީ އިލެކްޝަން ކޮމިޓީން އެ ކޮމިޓީގެ އިހްތިސާސުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ޝާއިރު ވަނީ ތުހުމަތުކޮށްފަ އެވެ.

