ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖުގެ މަތިވެރި އަޅުކަމަށް ބޭނުންވާ އެންމެހާ އިންތިޒާމްތައް ފުރިހަމަކުރުމަށްޓަކައި 15 ބޭފުޅުންގެ އެޑްވާންސް ޓީމެއް މިއަދު ސައުދީ އަރަބިއްޔާއަށް ފުރައިފިއެވެ.
މި ޓީމުގެ މައިގަނޑު މަސައްކަތަކީ މި މަހުގެ 15 ވަނަ ދުވަހު ރާއްޖެއިން ފުރާ ހައްޖުވެރިން އެ ގައުމަށް ދިޔުމުގެ ކުރިން، ހޮޓާތަކާއި މަޝާއިރުގެ ސަރަހައްދުތަކުގައި ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން ކަށަވަރުކޮށް ނިންމުމެވެ. އެގޮތުން މައްކާގެ ހޮޓެލްތަކުގެ އިތުރުން މިނާ، އަރަފާތު އަދި މަދީނާގައި ހައްޖުވެރިންނަށް ބޭނުންވާނެ އެންމެހާ ޚިދުމަތްތައް ހުރީ އެންމެ އެދެވޭ ފެންވަރުގައިތޯ ބަލައި، އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން މި ޓީމުގެ ބެލުމުގެ ދަށުން ފުރިހަމަ ކުރެވިގެންދާނެއެވެ. މިއީ ހައްޖުވެރިން ސައުދީއަށް ފައިބާއިރު އެއްވެސް ދަތިކަމެއް ނެތި ޚިދުމަތްތައް ލިބޭނެކަން ކަށަވަރު ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
ހައްޖު ކޯޕަރޭޝަނުން ހާމަކުރި ގޮތުގައި އެ ކުންފުނީގެ އަބަދުވެސް އަމާޒަކީ ޚިދުމަތްތައް އަހަރަކަށްވުރެ އަހަރެއް ހަރުދަނާކޮށް ފުރިހަމަ ކުރުމެވެ. އެގޮތުން މިދިޔަ އަހަރުގެ ހައްޖު ދަތުރުގައި ހައްޖުވެރިންގެ ފަރާތުން ލިބުނު ފާހަގަކުރުންތަކާއި ފީޑްބެކްތަކަށް ބަލައި، މިއަހަރުގެ އިންތިޒާމްތައް ކުރިއަށްވުރެ ބޮޑަށް ވަނީ ވަރުގަދަކޮށްފައެވެ. މި މަސައްކަތްތައް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ. އެމަނިކުފާނު ގެންދަވަނީ މަދުވެގެން ހަފްތާއަކު އެއްފަހަރު ކަންކަން އޮޅުންފިލުއްވައި، ހައްޖުވެރިންނަށް ވީހާވެސް ލުއިފަސޭހަވާނެ ގޮތަށް އިންތިޒާމްތައް ބައްޓަންކުރުމަށް އިރުޝާދު ދެއްވަމުންނެވެ.
ރައީސްގެ އިރުޝާދާ އެއްގޮތަށް ގިނަ ބަދަލުތަކެއް ގެނެސް، މިއަހަރުގެ ހައްޖުގެ ދަތުރަކީ ހައްޖުވެރިންނަށް އެއްވެސް އުނދަގުލެއްނެތް، އަމާން އަދި ހިތްފަސޭހަ ދަތުރަކަށް ހެދުމަށްޓަކައި ސަރުކާރާއި ކޯޕަރޭޝަން ގުޅިގެން ވަނީ ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައެވެ. ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން، އަޅުކަމުގެ ކަންކަން ފުރިހަމައަށް އަދާކުރެވޭނެ މާހައުލެއް ގާއިމްކުރުމަކީ ހައްޖު ކޯޕަރޭޝަންގެ އެންމެ ބޮޑު މަގްސަދެވެ. މި އަހަރުގެ ފުރަތަމަ ހައްޖު ގްރޫޕް ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގައެވެ. އެހާތަނަށް ސައުދީގައި ކުރަންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ފުރި އެޑްވާންސް ޓީމުން ނިންމާނެ ކަމުގެ ޔަގީންކަން އެ ކޯޕަރޭޝަނުން އަރުވައެވެ.

