ސަލްޓަންޕާކު މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން ފުރިހަމަކުރަންޖެހޭ އިތުރު މަސައްކަތްތައް ކުރުމަށްޓަކައި، މިއަދުން ފެށިގެން ކޮންމެ ދުވަހަކު އިރުއޮއްސި 18:00 އިން ފެށިގެން އެ ސަރަޙައްދު އާންމުންނަށް ވަގުތީގޮތުން ބަންދުވާނެކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނި ގޮތުގައި މި ނިންމުމަކީ ޕާކުގެ ތަރައްޤީއަށް ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ހަލުވިކަމާއެކު ނިންމުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ ވުޒާރާއިން ވަނީ މަޢާފަށް އެދިފައެވެ.
ކުޑަކުދިންގެ މެދުގައި ނުހަނު މަޤްބޫލު މި ސަރަޙައްދު އާބާތުރަފިލުވުމުގެ މަސައްކަތް ސަރުކާރުން ފެށީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ. މަރާމާތަށްފަހު ފިތުރު ޢީދާ ދިމާކޮށް ޕާކު އަލުން ހުޅުވައިލި ނަމަވެސް، މިހާރު ކުރިއަށްދަނީ އެ މަޝްރޫޢުގެ ދަށުން ނިންމަންޖެހޭ އިތުރު ތަފްޞީލީ މަސައްކަތްތަކެވެ.
މިހާތަނަށް ކުރެވުނު މަރާމާތުތަކުގެ ތެރޭގައި ހިމެނެނީ:
-
ޕާކުގެ ވިއު ސްޓްރަކްޗަރ އާއި ޓްރީހައުސް މަރާމާތުކުރުން.
-
ވޯކްވޭތަކާއި ކުޑަކުދިން ކުޅޭ ސަރަޙައްދުތަކުގެ އާބާތުރަ ފިލުވުން.
-
ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން އާ ބެންޗުތައް ހެދުމާއި، ކޮންކްރީޓް ފްލޯ އަދި ސީސީޓީވީ ކެމެރާތައް މަރާމާތުކުރުން.
-
ގާޑަން ސަރަޙައްދު ފެހިކޮށް، ތަފާތު ރީތި މާގަސްތައް އިންދައި ޒީނަތްތެރިކުރުން.
މާލޭގެ މައިޒާންތައް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢެއް ސަރުކާރުން ކުރިއަށްގެންދާއިރު، ރަސްފަންނު ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތްވެސް އެމްޓީސީސީ އަދި އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން މިހާރު ދަނީ ބާރުސްޕީޑުގައި ކުރިއަށްގެންދަމުންނެވެ.

