އެތެރޭގެ އިންތިހާބުތަކާއި ގުޅުވައި މައްސަލަތައް ހިފައިގެން ކޯޓަށް ދިއުމަކީ، އެމްޑީޕީގެ ވިސްނުމާއި މުޅިން އިދިކޮޅު އަމަލުތައްކަމަށް ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީލާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާ ގުޅޭގޮތުން އެ ޕާޓީން އިއުލާންކޮށްފައިވާ ތާވަލަކީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފު އެއްޗެއް ކަމަށް ބުނެ، އެ ޓައިމްލައިން ބާތިލުކުރުމަށް ސިވިލް ކޯޓަށް މިއަދުގެ ވަގުތެއްގައި ހުށަހެޅި މައްސަލައާއި ގުޅިގެންނެވެ. މި މައްސަލަ ކޯޓަށް ހުށަހެޅީ ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު އެވެ.
ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ އަސާސީ ގަވައިދުގެ 46 ވަނަ މާއްދާއާ އެއްގޮތަށް އިންތިހާބުގެ ކަންކަން ހިންގުމުގެ ބާރު އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގެ ރައީސަށް އޮންނަންވާނެ ކަމަށް ކަނޑައަޅައިދިނުމާއި، މިދިޔަ މަހުގެ 22 ގައި ނެރުނު އިންތިހާބީ ޓައިމްލައިން ބާތިލުކޮށްދިނުމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީކާއިލް ވިދާޅުވީ، މި މައްސަލަ ކޯޓަށް ހުށަހެޅުމަކީ އެމްޑީޕީގެ އަސްލު ސިފަތަކާ ވަރަށް ބީރައްޓެހި އަދި އިދިކީލި ވިސްނުމެއް ކަމަށެވެ.
މީކާއިލް ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރު ޕާޓީއަށް ދިމާވި ކަންތައްތަކާއި ސަރުކާރު ގެއްލުމުގެ ސަބަބުން އާންމު މެންބަރުން ތިބީ ވަރަށް ބޮޑަށް ހިތުގައި ޖެހިފައެވެ. ނަމަވެސް، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި އޮވެގެންކަން މެންބަރުން ގަބޫލުކުރާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، ޕާޓީ ބައިބައިވެ ފިތުނަ އުފެދޭނެ އެއްވެސް ކަމަކަށް ޖާގަދޭން މެންބަރުން ބޭނުންނުވާކަން އޭނާ ކެމްޕެއިނަށް ކުރި ދަތުރުތަކުން ސާފުވެފައިވާކަމަށް މީކާއިލް ވިދާޅުވިއެވެ.
މީކާއިލް ވިދާޅުވީ ވަކި ކެންޑިޑޭޓަކު ރިޔާސީ ކެންޑިޑޭޓަކީ އެއީކަމަށް ކަނޑައަޅައިގެން، އެ އިންތިހާބު ވެސް އެ މީހަކަށް ފަހިކޮށްދޭން އަތުގައި ހިފައިގެން މަސައްކަތް ކުރުމަށް ޕާޓީގެ އާންމު މެމްބަރުން ނޭދޭކަމަށެވެ. އަދި ވިދާޅުވީ ޕާޓީގެ މެމްބަރުން ބޭނުން ވަނީ އެއްވެސް ކޮޅަކަށް ބުރަ ނުވާ، ވަކި މީހަކު ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ ޗެއާޕާސަނެއް ނޫންކަމަށެވެ.
މި ޕާޓީގެ އާންމު މެންބަރުންނެއް ނޭދޭ ވަކި ކެންޑިޑޭޓަކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވަކި ކެންޑިޑޭޓެއްގެ އަތުގައި ހިއްޕަވައިގެން ރިޔާސީ ރޭސް ފަހިކޮށްދޭނޭ މީހަކު ޗެއަރޕާސަން ކަމަށް ގެންނާކަށް.. މެޗު ކުޅެން ފަށާފަ ގޯލް ޕޯސްޓް ބަދަލުކުރުމަކީ އަޅުގަނޑު ގަބޫލުކުރާ އުސޫލެއް ނޫން. 2013 ގައި އިންތިހާބުގެ ގޯލް ޕޯސްޓާ ކުޅުނު ކުޅުމާ ދެކޮޅަށް އަޅުގަނޑުމެން މަގުމައްޗަށް ނިކުތީ މި އުސޫލުތައް ނެގެހެއްޓުމަށް
އިންތިހާބުގެ ޓައިމްލައިން ބާތިލުކުރަން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމާ ގުޅިގެން މީކާއިލް ވިދާޅުވީ، މިއީ ވޯޓުން ކަންކަން ނިންމުމުގެ ސަގާފަތާ ހިލާފު ކަމެއް ކަމަށެވެ.
މީގެއިތުރުން ޕާޓީގެ މާލީ ހާލަތު ދަށްވެ، އެކައުންޓުތައް ފްރީޒްވެފައިވީ ނަމަވެސް، ފައިސާ ނެތްކަމަށް ބުނެ އިންތިހާބު ފަސްނުކުރެވޭނެ ކަމަށް މީކާއިލް ވިދާޅުވިއެވެ. އަދި ވިދާޅުވީ އޭނާގެ ސްޓޭންޑަކީ ކަނޑައެޅިފައިވާ ތާރީޚު ކަމަށްވާ ޖޫން 12 ގައި އިންތިހާބު ބޭއްވުން ކަމަށެވެ.

