ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީ.އެން.އެފް) އިން ސިލްސިލާކޮށް ބާއްވަމުންދާ އެއްވުންތަކުގައި ޤާނޫނާ ޚިލާފު ޢަމަލުތަކެއް ހިނގަމުންދާ ކަމަށް ބުނެ، އެކަންކަން އިޞްލާޙު ނުކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.
މިއަދު އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގެ ދަށުން، މަގުތަކާއި ޢާންމު މައިދާންތަކުގައި ސިޔާސީ ޙަރަކާތްތައް ހިންގަންވާނީ ”ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު“ އާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. ނަމަވެސް، ޕީ.އެން.އެފް އިން ބާއްވާ އެއްވުންތަކުގައި މި މިންގަނޑުތަކާ ޚިލާފަށް ތަކުރާރުކޮށް ޢަމަލުކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ކޮމިޝަނުން ބުނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރި ގޮތުގައި، އެއް ޕާޓީއަކުން ބާއްވާ ބައްދަލުވުމަކަށް ހުރަސްއެޅުމާއި، އެއް ވަގުތެއްގައި އެހެން ޕާޓީއަކުން ހަރަކާތް ހިންގަން މަސައްކަތް ކުރުމަކީ ސިޔާސީ ޕާޓީތަކުގެ ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ޚިލާފު ކަމެކެވެ. މިކަންކަމާ ގުޅޭގޮތުން ނަސޭޙަތްތެރިވެ، މަޝްވަރާ ކުރުމަށް ޕީ.އެން.އެފް ގެ އިސްވެރިން ކޮމިޝަނަށް ޙާޟިރުވުމަށް އެދުމުން، އެ ޕާޓީން އެކަމަށް އުޒުރުވެރިވެފައިވާ ކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ކޮމިޝަނުން އިތުރަށް ބުނީ، ޤާނޫނާ ޚިލާފު މިފަދަ ޢަމަލުތައް ތަކުރާރުވާނަމަ، ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ހަރުކަށި ފިޔަވަޅުތައް އެ ޕާޓީއާ މެދު އަޅާނެ ކަމަށެވެ. މީގެ ކުރިންވެސް ބައެއް ޕާޓީތަކުން ޤާނޫނީ އިމުން ބޭރުގައި ހަރަކާތްތައް ހިންގާތީ ކޮމިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެ ކޮމިޝަނަށް ޙާޟިރުވުމަށް ދަޢުވަތު ދީފައިވީނަމަވެސް، ކޮމިޝަނަށް ޙާޟިރުވުމަށް ޕީ.އެން.އެފް އިން އުޒުރުވެރިވެފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ
ޕީ.އެން.އެފް އަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދާފައިވާ ޕާޓީއެކެވެ.

