މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ދާކިރު ހުށަހެޅުއްވި މި މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވަނީ، މިކަމާ މެދު ބަހުސްކުރުމަށް ފެނޭތޯ ބެލުމަށް ނެގުނު ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން އެ މައްސަލަ ބަލައިގަންނަން ނުފެންނަކަމަށް ނިންމުމާ ގުޅިގެންނެވެ.
މަޢުރޫފް ދާކިރު ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ، މެދުއިރުމަތީގެ ހަނގުރާމައިގެ މައިދާނާ ރާއްޖެ އެތައް ހާސް ކިލޯމީޓަރެއް ދުރުގައި އޮތް ނަމަވެސް، ރާއްޖެއަށް އޮތީ އަސްކަރީ ނުރައްކަލަށްވުރެ ބޮޑަށް އިގްތިސާދީ ނުރައްކަލެއް ކަމަށެވެ. ވަކިން ހާއްސަކޮށް ވިލާތުގެ ގައުމުތަކާއި ރާއްޖެ ގުޅުވައިދޭ ދަތުރުފަތުރުގެ މަގުތަކަށް އެޅޭ ހުރަސްތަކުގެ ސަބަބުން، ރާއްޖޭގެ އިގްތިސާދުގެ މައި އިންޖީނު ކަމުގައިވާ ފަތުރުވެރިކަމުގެ ދުވެލި މަޑުޖެހިފައިވާ ކަމަށް އެ މައްސަލާގައި ފާހަގަކޮށްފައިވެއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތަފާސްހިސާބުތަކާ ހަވާލާދީ އެ މައްސަލާގައި ބުނެފައިވަނީ، ހަނގުރާމައާ ގުޅިގެން ދުވާލަކު އަންނަ ފަތުރުވެރިންގެ އަދަދު 7,000 އިން 4,000 އާއި 5,000 އާ ދެމެދަށް ދަށްވެފައިވާ ކަމަށެވެ. އަދި ދުވާލަކު ގާތްގަނޑަކަށް 2,000 ބުކިން ކެންސަލްވަމުންދާ ކަމަށާއި، ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު 21 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ލަފާކޮށްފައިވާ ގޮތުގައި، ތެލުގެ އަގު އުފުލުމާއި ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތަކާއެކު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 2025 ވަނަ އަހަރު 5.4 އިންސައްތައިގައި އޮތުމަށްފަހު، 2026 ވަނަ އަހަރު 1.9 އިންސައްތައަށް ދަށްވާނެއެވެ.
މި ހާލަތުން އަރައިގަތުމަށް މެންބަރު މަޢުރޫފް ވަނީ ސަރުކާރަށް މުހިންމު ހުށަހެޅުންތަކެއް ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- މުވައްޒަފުންގެ މުސާރަ ދިނުމަށާއި ވިޔަފާރި ކުރިއަށް ގެންދިއުމަށް ”ވޯކިންގ ކެޕިޓަލް ލޯނު“ ނުވަތަ ”އިންކަމް ސަޕޯޓް އެލަވަންސް“ ތައާރަފުކުރުން.
- ފަތުރުވެރިކަމުގެ ދާއިރާގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނުގެ އަސްލު ފައިސާ ދެއްކުން 6 މަސްދުވަހަށް ފަސްކޮށްދިނުން (މޮރެޓޯރިއަމް).
- ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ލުއި ލޯނުތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައި، 1 އަހަރާއި 2 އަހަރާ ދެމެދުގެ ގްރޭސް ޕީރިއަޑެއް ދިނުން.
- ކަރަންޓާއި ތެލުގެ ޚަރަދުތަކަށް ލުއި ދިނުމަށް އުޓިލިޓީ ސަބްސިޑީ ތައާރަފުކުރުން.
- ރިސޯޓުތަކުގެ ކުއްޔާއި އެއާޕޯޓް ޗާޖުތައް ވަގުތީގޮތުން ކުޑަކުރުން.
- ޓޫރިޒަމް ޖީއެސްޓީ އާއި ކޯޕަރޭޓް އިންކަމް ޓެކްސް ދެއްކުން ވަކި މުއްދަތަކަށް ފަސްކޮށްދިނުން.
ކޮވިޑް-19 ގެ ހާލަތުގައިވެސް ސަރުކާރުން އިގްތިސާދީ އެހީތެރިކަން ފޯރުކޮށްދިން ފަދައިން، މިހާރު ދިމާވެފައިވާ ހީނަރުކަމުން ސަލާމަތްވުމަށް ސަރުކާރުގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާ ކަމަށް މަޢުރޫފްގެ މައްސަލާގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް، މަޖިލީހުގެ އަޣުލަބިއްޔަތުން ނިންމީ މި މައްސަލައަކީ މިވަގުތު ބަހުސްކުރަންޖެހޭ މައްސަލައެއް ނޫން ކަމަށެވެ.

