ޖަލު އޮފިސަރުންނަށް ނުކިޔަމަންތެރިކަން ދައްކާ ގައިދީންނަށް ފިޔަވަޅު އެޅުމުގެ ގޮތުން، އެ މީހުންގެ އަތާއި ފައިގައި ބިޑި އެޅުވުމަށްފަހު، އިންތިހާއަށް ހޫނުވާ ސަރަހައްދުތަކުގައި އެކަހެރިކޮށް ބައިތިއްބާ މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ފެންމަތިކޮށްފިއެވެ.
ބައިނަލްއަގްވާމީ އެންޓި-ޓޯޗާ މުއާހަދާގެ ދަށުން ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ ގޮތުގައި ރާއްޖޭގައި ހަރަކާތްތެރިވާ އެޗްއާރްސީއެމުން، ޖަލުތަކުގެ ހާލަތު ބަލައި ތައްޔާރުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބަންދު މަރުކަޒުތަކުގައި އަޅަމުންދާ ބައެއް ތައުދީބީ ފިޔަވަޅުތަކާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ ފާޅުކޮށްފައެވެ.
އެޗްއާރްސީއެމްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފުލުހުންގެ ބަންދުގައި ތިބޭ މީހުން ބައިތިއްބާ ދޫނިދޫ ޖަލުގައި އޮފިސަރުންގެ އަމުރުތަކަށް ނުކިޔަމަންތެރިވާ ހާލަތްތަކުގައި، ގައިދީން ބިޑި އަޅުވައި އެހެން މީހުންނާ ވަކިން ގޮޅިން ބޭރުގައި ބައިތިއްބާކަން ވަނީ ފާހަގަކުރެވިފައެވެ. ޖަލުގެ މަސްލަހަތަށްޓަކައި މިފަދަ ވަގުތީ ފިޔަވަޅުތައް އެޅުމަށް ގަވާއިދުތަކުން ހުއްދަކުރި ނަމަވެސް، އެކަން ކުރާ ގޮތާ މެދު ކޮމިޝަނުން ވަނީ ސުވާލު އުފައްދާފައެވެ.
އެގޮތުން، ގައިދީން އެކަހެރިކޮށް ބައިތިއްބާ ސަރަހައްދަކީ މެންދުރު ވަގުތު އިންތިހާއަށް ހޫނުވާ ތަނެއްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ބައެއް ހާލަތްތަކުގައި ބަންދުގައި ތިބޭ މީހުންގެ އަތާއި ފައިގައި ”ކްލިޕް ބިޑި“ އަޅުވައި، ކުނަލެއްގެ މަތީގައި ގިނަ އިރުތަކެއް ވަންދެން ބާއްވާކަން އެޗްއާރްސީއެމްގެ ތަހުގީގަށް ވަނީ އެނގިފައެވެ.
މިގޮތަށް ގައިދީން ބައިތިއްބާ ވަގުތުތަކުގައި ނަމާދު ކުރުމަށާއި ފާހަނާ ކުރުމަށް ފުރުސަތު ދޭ ކަމަށް ޖަލު އޮފިސަރުން ބުނި ނަމަވެސް، އެފަދަ ކަންކަން ރަސްމީކޮށް ލޮގްކޮށްފައި ނުވާތީ އެކަން ކަށަވަރު ކުރެވެން ނެތް ކަމަށް ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން ވެސް ޖަލުތަކުގެ ހާލަތާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް އެޗްއާރްސީއެމްގެ ރިޕޯޓުގައި ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި:
- ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބާ (ރިމާންޑް) މީހުންގެ އަދަދު އިންތިހާއަށް އިތުރުވުން.
- ކަސްޓޯޑިއަލް ޖަލުތަކުގައި ރިމާންޑް ބަންދު މީހުން ބައިތިއްބަން ޖެހުމުން ކުރިމަތިވާ ގޮންޖެހުންތައް.
- ގައިދީންނަށް ބޭނުންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގައި ބޮޑެތި ލަސްތަކެއް ކުރިމަތިވުން.
- ޖަލުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު މަދުވުމުގެ ސަބަބުން ކުރިމަތިވާ ދަތިތައް.
- މުހިންމު އުސޫލުތަކާއި ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތައް (އެސްއޯޕީ) އެކުލަވާލާފައި ނެތުން.
- ދައުލަތުގެ އިދާރާތަކަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ބޭނުންވާ އެކަށީގެންވާ ވަސީލަތްތައް ހުރި މަރުކަޒުތައް ގާއިމްކޮށްފައި ނެތުން.
މި މައްސަލަތަކަކީ ގައިދީންގެ އިންސާނީ ހައްގުތަކާ ގުޅިފައިވާ މުހިންމު ކަންތައްތަކެއް ކަމަށްވާތީ، މިކަންކަން އިސްލާހު ކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އެޗްއާރްސީއެމުން ވަނީ އިރުޝާދު ދީފައެވެ.

