އެމްޑީޕީގެ އެތެރޭގެ އިންތިޚާބީ ފޯރިގަދަވެފައިވާ މި ދަނޑިވަޅުގައި، ޕާޓީގެ ޗެއާޕާސަން އިންތިޚާބާއި އެހެނިހެން އެތެރޭގެ އިންތިޚާބުތައް އަވަހަށް ބާއްވައި ނިންމުމަކީ ޕާޓީ ކުރިއަށް ދިއުމަށް އޮތް މަގު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޔައުގޫބް މިހެން ވިދާޅުވީ ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުން ޔައުގޫބް ވިދާޅުވީ، އޭނާ ހުންނެވީ ނަޝީދާއެކު ކަމަށެވެ. އަދި އިންތިޚާބާ ދިމާކޮށް ވޯޓުލުމުގެ އުޞޫލުތަކަށް ދާދިފަހުން ގެނައި ބަދަލުތަކާމެދު އޭނާ ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.
ޔަޢުޤޫބު ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގައި މީގެކުރިން އޮތީ ވަރަށް ސާފު އަދި ހަރުދަނާ އުޞޫލުތަކެކެވެ. ނަމަވެސް، މިފަދަ މުހިންމު އިންތިޚާބަކާ ދިމާކޮށް ކުއްލިއަކަށް އެ އުޞޫލުތަކަށް ބަދަލު ގެނައި ސަބަބާމެދު އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ އުޞޫލުތަކަށް މިފަދަ ބަދަލުތަކެއް ގެނައުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
ޕާޓީގެ އެތެރޭގެ އިންތިޚާބީ ކަންކަމުގައި މާ ގިނަ ދުވަހު ތާށިވެފައި ތިބުމުގެ ބަދަލުގައި، އިންތިޚާބުގެ ކަންކަން ވީހާވެސް އަވަހަކަށް ނިންމާލުމަށް ޔައުގޫބް ބާރުއެޅުއްވިއެވެ. އޭނާ ވިދާޅުވީ ޕާޓީގެ އެތެރޭގެ ކަންކަމަށްވުރެ މާ މުހިންމު އިސްކަންދޭންޖެހޭ ކަންކަން އެބަހުރި ކަމަށެވެ.
”މިއަށްވުރެ މާ މުހިންމު އިސްކަންދޭންޖެހޭ ކަންކަން އެބަހުއްޓެވެ. ޚާއްޞަކޮށް ޤައުމުގެ ލާބަޔާއި މަންފާއަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަށް އިސްކަންދޭންޖެހޭ،“ ޔަޢުޤޫބު ވިދާޅުވިއެވެ.
ޔައުގޫބް ވިދާޅުވީ، އެމްޑީޕީއަށް ކުރިއަށް ދެވޭނީ އިންތިޚާބު ނިމި، ހުރިހާ މެންބަރުން އެކަތިގަނޑަކަށްވެ، ޤައުމީ މައްސަލަތަކުގައި އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ. އަދި މި އިންތިޚާބަކީ ޕާޓީގެ ކުރިމަގަށް ނުހަނު މުހިންމު އިންތިޚާބެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

