އިދިކޮޅު ސިޔާސީ ޕާޓީތަކުން ކުރަމުންދާ އިހުތިޖާޖުތައް ހުއްޓުވުމަށް ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަކީ ބޮޑު ”ޖޯކެއް“ ކަމަށް، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
ސަރުކާރާއި އިދިކޮޅު ސިޔާސީ ޕާޓީތަކުން މާލޭގައި ކުރިއަށް ގެންދާ މުޒާހަރާތަކަކީ ގާނޫނާ ހިލާފު ހަރަކާތްތަކެއް ކަމަށް ބުނެ، އެކަންކަން ހުއްޓުވައި ފިޔަވަޅު އެޅުމަށް ގޮވާލައި ޕީއެންސީ ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅާފަ އެވެ. ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ގަރާރުގައި ވަނީ، ބައެއް ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކުގެ ސަބަބުން މުޖުތަމައުގެ މަސްލަހަތު ގެއްލި، މާލޭގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަކަށް އިންތިހާއަށް ދަތި އުނދަގޫތަކާ ކުރިމަތިވަމުންދާ ކަމަށެވެ.
ވަކި ޕާޓީއެއްގެ ނަން ގަރާރުގައި ބަޔާންކޮށްފައި ނުވި ނަމަވެސް، މިދުވަސްވަރު މާލޭގައި ސިލްސިލާކޮށް މުޒާހަރާ ކުރަމުންދަނީ އިދިކޮޅު އެމްޑީޕީ އާއި ޕީއެންއެފް އިންނެވެ. ހާއްސަކޮށް ޕީއެންއެފްގެ ހަރަކާތްތައް އިޖްތިމާއީ މިންގަނޑުން ބޭރުވުމުގެ ސަބަބުން، އެއްވުންތައް ލައިވް ބްރޯޑްކާސްޓު ކުރުން ވެސް ވަނީ ހުއްޓުވާފަ އެވެ.
މި ގަރާރުގެ ބަހުސްގައި މައުރޫފް ވިދާޅުވީ، ޕީއެންސީ ހުށަހަޅާފައިވާ ގަރާރަކީ ގާނޫނުއަސާސީއާ ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފަށް، ބައެއް ޕާޓީތަކުން ހިންގާ ހަރަކާތްތައް ހުއްޓުވުމުގެ ނަމުގައި ހުށަހެޅި ގަރާރެއް ކަމަށެވެ. ސިޔާސީ ހަރަކާތްތައް ހުއްޓުވައި އިދިކޮޅުގެ އަޑު ކަނޑުވާލުމަށް ޕީއެންސީ ކެނޑިނޭޅި މަސައްކަތް ކުރަމުންދާއިރު، މި ރާއްޖެއިން އުވާލައި ނައްތާލަން ޖެހިފައި ވަނީ ޕީއެންސީކަމަށް މައުރޫފް ވިދާޅުވި އެވެ.
ހަގީގަތަކީ ހަމަޔާ އަދުލަށް ހިނގާ ސަރުކާރެއް ނަމަ މިއަދު ޕީއެންސީ އުވާލާނެ. ޕީއެންސީ އުވާލަންޖެހޭ އެންމެ ބޮޑު ސަބަބަކީ އެތައް ހާސް ރައްޔިތުންގެ ފިންގަރ ޕްރިންޓާއި އައިޑީ ކާޑުގެ މައުލޫމާތު ވަގަށް ނަގައިގެން އުފައްދާފައިވާ ޕާޓީއަކަށް ވުން
މައުރޫފް ވިދާޅުވި ގޮތުގައި، ގައުމުގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ގެސްޓްހައުސް އިންޑަސްޓްރީއާއި ފަތުރުވެރިކަމުގެ ދާއިރާގެ ކަންބޮޑުވުންތައް އިންތިހާއަށް އޮތް ދަނޑިވަޅެއްގައި، އެކަންކަމަށް ބަހުސް ކުރުމުގެ ބަދަލުގައި ސަރުކާރުން މަސައްކަތް ކުރަނީ ސިޔާސީ ޕާޓީތަކަށް ބިރުދެއްކުމަށް ކަމަށެވެ. އަދި އެއްވެއުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކެއް ކަމަށާއި، އެކަން ހުއްޓުވުމަށް ޕީއެންސީން ކުރާ މަސައްކަތް ކާމިޔާބު ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ މި ސަރުކާރުގެ ދެ އަހަރު ވެގެންދާއިރު ރައްޔިތުންނަށް ވި ކަމެއް ނެތްކަމަށާއި، ފެންނަނީ ހަމައެކަނި ދޮގުހެދުމާއި، ވައްކަމާއި، އޮޅުވާލުން ކަމަށެވެ. އަދި ރައީސް އޮފީހުން ”ދުންގަނޑު“ ފެނުމާއި، އެހެނިހެން ބޮޑެތި މައްސަލައިގެ ވާހަކަ ރައްޔިތުން ދައްކާނީ ސަރުކާރުގެ ތެރޭގައި ހިންގާ ނޭދެވޭ ކަންކަމުގެ ސަބަބުންކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ޒިނޭގެ ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ވާހަކަ ދެކެވޭއިރު، އިސްލާމީ ގައުމެއްގެ ވަލިއްޔުލް އަމުރުގެ މައްޗަށް އެވަރުގެ ބޮޑު ތުހުމަތެއް ކުރެވުނީމާ ރައްޔިތުން އެވާހަކަ ދައްކާނެ
މައުރޫފް ވަނީ ރައްޔިތުން މަގުތަކަށް ނުކުމެ މި ސަރުކާރު ބަދަލުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތައް ޖޫރިމަނާކޮށްގެން ނުވަތަ ފިޔަވަޅު އަޅައިގެން ރައްޔިތުންގެ އަޑު މިއަދު ކަނޑުވާ ނުލެވޭނެ ކަމަށެވެ.

