ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓޭޓް ފާމާގެ އަމާޒަކީ ދެ ހަފުތާ ތެރޭގައި ބޭސް ގެނެސްދިނުން؛ މަހެއްގެ ތެރޭގައި 700 އެއްހާ ބޭސްސިޓީ!

ބޭހުގެ މައްސަލައާ ގުޅިގެން މަޖިލީހުގެ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ލިބެން ނެތް ބޭސްތައް ބޭރުން ގެނެސްދިނުމުގެ މަސައްކަތް ސްޓޭޓް ފާމާ އިން ހަވާލުވި ފަހުން، ވޭތުވެދިޔަ އެއް މަސްދުވަހުގެ ތެރޭގައި 700 އެއްހާ ބޭސްސިޓީ ލިބިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.

ޝާހު މިހެން ވިދާޅުވީ ރާއްޖެއަށް ބޭސް ގެނައުމާއި ބޭސް ލިބުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޖިލީހުގެ، ސްޓޭޓް އެންޓަޕްރައިސިސް (އެސްއޯއީ) ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

މެމްބަރުން ކުރެއްވި ސުވާލުތަކަށް ޑރ. ޝާހު ވިދާޅުވީ، ރާއްޖެއިން ބޭރުން ގެންނަންޖެހޭ ބޭސްތަކުގެ މަސައްކަތް އެ ކުންފުނިން އަތުލިތާ އަދި މިވީ މަހެއްހާ ދުވަސް ކަމަށެވެ. ނަމަވެސް މި ކުރު މުއްދަތުގެ ތެރޭގައިވެސް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިހާރުވެސް ގާތްގަނޑަކަށް 700 އެއްހާ ބޭސްސިޓީ އަޅުގަނޑުމެންނަށް މި އެއްމަސް ދުވަސް ތެރޭގައި ލިބިފައި އެބަހުރި، ރާއްޖޭން ބޭރުން ގެންނަ ބޭސްތައް އޭގެތެރޭގައި ހިމެނޭ ގޮތަށް

ބޭސް ސިޓީގައި ލިޔެފައިވާ ބޭސް ދޫކުރުމާ ގުޅޭގޮތުން ޑރ. ޝާހު ވިދާޅުވީ، ބޭސް ދޫކުރެވޭނީ ސީދާ ޑޮކްޓަރު ލިޔެދެއްވާފައިވާ ގޮތަށް ކަމަށެވެ. މިސާލެއްގެ ގޮތުގައި ޑރ. ޝާހު ވިދާޅުވީ ޓްރެމަޑޯލް އެކަނި ލިޔެފައިވާނަމަ ދެވޭނީ އެ ބޭސް އެކަނި ކަމަށާއި، އެހެން މާއްދާއެއް ހިމެނޭ ކޮމްބިނޭޝަން ބޭހެއް ދެވޭނީ ޑޮކްޓަރު އެގޮތަށް ލިޔެދެއްވުމުންކަމަށެވެ.

ކުރިން އެސްޓީއޯގެ ކައުންޓަރުތަކުން ބޭސްސިޓީ ބަލައިގަތުމަށްފަހު، ފަހުން ޕޯޓަލްއަށް އަޕްލޯޑްކުރަން ޖެހުމުން ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވިކަން ޑރ. ޝާހު ފާހަގަކުރެއްވި އެވެ. ނަމަވެސް، ސްޓޭޓް ފާމާގެ ދަށަށް ފާމަސީތައް ބަދަލުވުމުން މި ސިސްޓަމް ކުރިން އޮތް ގޮތަށް ލުއިފަސޭހަ ކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.

ފާމަސީގެ ކައުންޓަރަކަށް ގޮސް ބޭސްސިޓީ ނުލިބޭ ބޭހެއް އިންކަމަށް ވަންޏާ، އެ ބޭސް ގެނެސްދިނުމުގެ ކަންތައްތަކާ އެ އަޕްލޯޑް ކުރަން ޖެހޭ އެއްޗެއް އިންޓާނަލީ އަޅުގަނޑުމެން މަސައްކަތް ކޮށްދޭނީ. ކޮންމެހެން އިތުރު ޕޯޓަލްއަކަށް ލޮގިން ނުކުރިޔަސް އެކަން ވާނެ

ބޭހުގެ ދަތިކަން ހުރިނަމަ ގުޅުމަށް ސްޓޭޓް ފާމާގެ ކޯލް ސެންޓަރު ނަންބަރު 1515 މެދުވެރިކޮށް، އިންތިޒާމުތައް ހަމަޖެހިގެންދާނެކަން ޑރ. ޝާހު ފާހަގަކުރެއްވި އެވެ. ޑރ. ޝާހު ވިދާޅުވީ އާސަންދަ އާއި އެންސްޕާގެ ކޯލް ސެންޓަރުތަކަށް ވެސް ގިނަ ކޯލް ލިބެމުންދާކަމަށާއި، ނަމަވެސް އަމާޒަކީ ހުރިހާ ހިދުމަތެއް އެއް ކޯލް ސެންޓަރަކުން ލިބޭނެ ގޮތަށް ސްޓްރީމްލައިން ކުރުން ކަމަށެވެ.

ހިދުމަތް އަވަސްކުރުމުގެ ގޮތުން، ކޮންމެ ފާމަސީއެއްގައި ބޭސް ހުރި މިންވަރު ވަގުތުން ބަލާލެވޭނެ ”ލައިވް ސިސްޓަމެއް“ ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ޑރ. ޝާހު ވިދާޅުވީ މި ސިސްޓަމް އައުމުން، ބޭސް ނެތްނަމަ އެ ގެނައުމުގެ މަސައްކަތް ވަގުތުން ފެށިގެންދާނެ ކަމަށެވެ.

ޑރ. ޝަހު ވިދާޅުވި ގޮތުގައި ސްޓޭޓް ފާމާގެ އަމާޒަކީ އާންމުކޮށް ބޭނުންކުރާ ބޭސްތައް ގިނަވެގެން ދެ ހަފުތާ ތެރޭގައި ގެނެސްދިނުމެވެ. އަދި ހޮސްޕިޓަލްތަކަށް ބޭނުންވާ އިމަޖެންސީ ބޭސްތައް އެއަށްވުރެ އަވަހަށް ފޯރުކޮށްދިނުމަށް ހޮސްޕިޓަލްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އެގޮތުން އަންނަ ޖުލައި މަހުން ފެށިގެން މި މަސައްކަތްތަކުގެ ޒިންމާ ސްޓޭޓް ފާމާ ނަގާނެކަމަށް ޑރ. ޝާހު ވިދާޅުވިއެވެ.

މީގެއިތުރުން ޝާހު ވިދާޅުވީ، ބޭސް ހޯދުމަށް އެދި ހުށަހެޅުމަށްޓަކައި ޚާއްސަ ކޯލް ސެންޓަރެއް ގާއިމުކޮށްފައިވާއިރު މި ކޯލް ސެންޓަރަކީ 24 ގަޑިއިރު ހިދުމަތް ދޭނެ ތަނެއް ކަމަށެވެ.

ޑރ. ޝާހު އިތުރަށް ވިދާޅުވީ، ބޭސް ގެނައުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދެނީ ބޭހުގެ ކޮލިޓީއަށް ކަމަށެވެ. އެގޮތުން ބަލްކް ޕްރޮކިއުމަންޓް ނުވަތަ ގަނޑުކޮށް ބޭސް ގަތުން ނުވަތަ ވަކިވަކި ފަރާތްތަކާ ގުޅިގެން ބޭސް ގެނައި ކަމުގައިވިޔަސް، އެއީ ފެންވަރު ރަނގަޅު ބޭސްކަން ކަށަވަރު ކުރެވޭނެކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: