ދައުލަތުގެ ދަރަނީގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު އިތުރަށް ވެއްޓިދާނެ ކަމުގެ އިންޒާރު އޮޑިޓާ ޖެނެރަލްގެ އޮފީހުން ދީފިއެވެ.
މެދު ރާސްތާގެ ދަރަނީގެ ދެމެހެއްޓެނިވިކަމުގެ ސިޔާސަތު (2025-2027) އާ ގުޅޭގޮތުން ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ބޭރުގެ ބާޒާރުން ހޯދަން ކަނޑައެޅި ދަރަނި ނުލިބުމުގެ ސަބަބުން ދައުލަތަށް ވަނީ އެތެރޭގެ ބާޒާރަށް ބަރޯސާވާން ޖެހިފައެވެ. މިކަމުގެ ސަބަބުން ރުފިޔާގެ އަގު ހިފެހެއްޓުމަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުންދާކަން އޮޑިޓް އޮފީހުން ފާހަގަކުރެއެވެ.
އޮޑިޓް ރިޕޯޓުގައި ވަނީ، ސަރުކާރުން ބަޖެޓު އެކުލަވާލުމުގައާއި ތަންފީޒުކުރުމުގައި ކަނޑައެޅިފައިވާ މާލީ އިންތަކުން ބޭރުވެފައިވާ ކަމަށެވެ. ހާއްސަކޮށް، މިދިޔަ އަހަރުގެ ބަޖެޓުގައި ދަރަނި ނަގަން ނިންމި މިންވަރަކީ ސިޔާސަތުގައި ހުރި އަދަދުތަކާ ނުބައްދަލު އަދަދުތަކެއް ކަމަށް ރިޕޯޓުގައިވެއެވެ.
މީގެ އިތުރުން، މުހިންމު ފިސްކަލް އިސްލާހުތައް ގެނައުން ލަސްކުރުމަކީ މާލީ ހާލަތު ގޯސްވުމަށް މެދުވެރިވި ސަބަބެއްގެ ގޮތުގައި ވަނީ ބަޔާންކޮށްފައެވެ. ސަރުކާރުގެ ގެރެންޓީއާއެކު ކުންފުނިތަކުން ނަގާފައިވާ 21.1 ބިލިއަން ރުފިޔާގެ ދަރަނި އަދާކުރާނެ ސާފު ޕްލޭނެއް ނެތުމުގެ ކަންބޮޑުވުންވެސް އޮޑިޓާ ޖެނެރަލް ވަނީ ފާޅުކުރައްވާފައެވެ. އޮޑިޓުގައި ބުނެފައިވާ ގޮތުން ކުންފުނިތަކަށް މި ފައިސާ ނުދެއްކިއްޖެ ނަމަ، ދައުލަތުގެ ބޭރު ފައިސާގެ ރިޒާވުން އެ ޒިންމާ އުފުލަންޖެހި، ރިޒާވަށް އޮތް ޕްރެޝަރު އިތުރަށް ބޮޑުވާނެއެވެ.
މިދިޔަ މަހު އިންޑިއާއިން ނެގި 400 މިލިއަން ޑޮލަރާއި ކޮވިޑް-19 އާ ގުޅިގެން ނެގި 500 މިލިއަން ޑޮލަރުގެ ދަރަނި މިހާރު ވަނީ އަދާކޮށްފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެއްވި އެއްބަސްވުމުގެ ދަށުން، އިންޑިއާއަށް ދައްކަންޖެހޭ ދަރަނީގެ ބޮޑުބައެއް ވަނީ ރީފައިނޭންސްކޮށްފަ އެވެ.
އޮޑިޓު ރިޕޯޓުތަކުގެ ތެރެއިން ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، އެ ބޭންކަށް ފުރަތަމަ އަހަރު 2.3 މިލިއަން ރުފިޔާގެ ސާފު ގެއްލުމެއް ވަނީ ވެފައެވެ. 2024 ވަނަ އަހަރުގެ ނިޔަލަށް ބޭންކުގެ އޮޕަރޭޝަނެއް ނުފެށުނު ނަމަވެސް، އިދާރީ ހިންގުމަށާއި މުސާރައަށް ބޮޑެތި ހަރަދުތަކެއް ވަނީ ކޮށްފައެވެ. އެގޮތުން އޮފީސް ކުއްޔަށް 1.1 މިލިއަން ރުފިޔާ، މުވައްޒަފުންގެ މުސާރައަށް 9 ލައްކައަށްވުރެ ގިނަ ރުފިޔާ އަދި ޑިރެކްޓަރުންގެ އުޖޫރައަށް 3 ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާކަން ރިޕޯޓުން ވަނީ ހާމަވެފަ އެވެ.

