ސްްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ހެނދުނު ކޮލަމްބޯގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ޒިޔާރަތްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހައިކޮމިޝަނަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ސްްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްޢޫދު އިމާދާއި ހައިކޮމިޝަނުގެ މުވައްޒަފުންނެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހައިކޮމިޝަނުގެ އިމާރާތް ބައްލަވާލައްވައި، އެތަނުގައި އަލަށް ފެށި ދިވެހިރާއްޖޭގެ އައިޑީ ކާޑާއި އިލެކްޓްރޯނިކް ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވާފައެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ހައިކޮމިޝަނުގެ މެހުމާނުންގެ ފޮތުގައި ސޮއިކުރައްވައި، މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.
ހައިކޮމިޝަނަށް ކުރެއްވި ޒިޔާރަތަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮލަމްބޯގައި ހުންނަ ދިވެހި ސަގާފީ މަރުކަޒު (ސޯސަން ވިލާ) އަށް ޒިޔާރަތްކުރައްވާފައެވެ. އެތަނުގައި ލަންކާގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް އެމަނިކުފާނު ބައްލަވާލެއްވިއެވެ. ސޯސަން ވިލާއަކީ ލަންކާގައި އުޅޭ ދިވެހި ކުދިންނަށް ދިވެހިބަހާއި އިސްލާމްދީން އުނގަންނައިދިނުމާއި، ތަފާތު ސަގާފީ ހަރަކާތްތައް ހިންގާ މުހިންމު މަރުކަޒެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތްތަކުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ދައުލަތުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދިޔަ ހަރަކާތްތަކެކެވެ.

