ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވްސް އިމިގްރޭޝަނާއެކު ސްޓްރެޓީޖިކް ޑިޖިޓަލް ޕާޓްނަރޝިޕެއް ގާއިމްކޮށް، އަމަލުކުރަން ފަށައިފިއެވެ.
މި އެއްބަސްވުމުގެ ދަށުން، ބީއެމްއެލްގެ ކަސްޓަމަރުންގެ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން ކުރާ މުޢާމަލާތްތައް އޮތަރައިޒް ކުރާއިރު، ކާޑުގެ ވެރިފަރާތް އެވަގުތު ހުރީ ރާއްޖޭގައިތޯ ނުވަތަ ރާއްޖޭން ބޭރުގައިތޯ އޮޓޮމެޓިކުން ކަށަވަރު ކުރެވޭނެއެވެ.
މިއާއެކު، ރާއްޖޭން ބޭރުގެ ޕީއޯއެސް އަދި އޭޓީއެމް ފަދަ ޗެނެލްތަކުން މުއާމަލާތް ކުރެވޭނީ، ކާޑުގެ ވެރިފަރާތް ރާއްޖޭން ބޭރުގައި ހުރިކަން ސިސްޓަމުން ކަށަވަރުވުމުންނެވެ.
މި އެއްބަސްވުމާއި ގުޅޭގޮތުން މައުލޫމާތު ދެމުން ބީއެމްއެލް ބުނީ މީގެ ސަބަބުން، އެހެން ފަރާތަކުން ރާއްޖޭގައި ހުރި މީހެއްގެ ކާޑު ހިފައިގެން ގޮސް ރާއްޖޭން ބޭރުގައި ބޭނުންކުރުން މި ނިޒާމުގެ ދަށުން ހުއްޓުވޭނެ ކަމަށެވެ.
ބީއެމްއެލް ބުނި ގޮތުގައި، ކާޑުގެ މަޢުލޫމާތު ބޭނުންކޮށްގެން ހަދާ އީކޮމާސް ޓްރާންސެކްޝަންތައް މީގެ ތެރޭގައި ނުހިމެނޭނެ އެވެ.
ބޭންކުން ބުނެފައި ވަނީ، މި މަސައްކަތް ކުރިއަށް ގެންދަނީ، ކަސްޓަމަރުގެ އަމިއްލަ މަޢުލޫމާތު ހިއްސާކޮށްގެން ނޫން ކަމަށެވެވެ. އެގޮތުން ކާޑުން ޓްރާންސެކްޝަނެއް ހަދާއިރު ހިނގާ އޮތަރައިޒޭޝަން ޕްރޮސެސްގެ ތެރޭގައި، ކާޑުގެ ސައްހަކަމާއި ބެލެންސް ހުރިތޯ ބަލާ އުސޫލުން، އިމިގްރޭޝަނާއެކު ގާއިމުކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަންގެ އެހީގައި ކާޑުގެ ވެރިފަރާތް ހުރި ތަންވެސް މިހާރު ދެނެގަނެވޭނެކަމަށް ބީއެމްއެލް ވަނީ ބުނެފަ އެވެ.
ބީއެމްއެލް ބުނީ މިއީ މާލީ ކުށްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ކާޑު ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޅުވާލުމުގެ އަމަލުތަކުން ރައްކާތެރިވުމަށް ބީއެމްއެލްއިން އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. ހާއްސަކޮށް، ކާޑުގެ ވެރިފަރާތަށް ނޭގި ކާޑު ނަކަލުކޮށްގެން ނުވަތަ ވަގަށް ނަގައިގެން ރާއްޖޭން ބޭރުގައި ހުއްދަނެތް މުއާމަލާތްތައް ހިންގާ މައްސަލަތަކަށް މިކަމުގެ ސަބަބުން ހައްލެއް ލިބޭނެކަމަށް ބުންޏެވެ.
މީގެއިތުރުން ބީއެމްއެލް ބުނީ ބޭންކުގެ ކާޑު ބޭނުންކުރުމުގެ އާންމު އުސޫލުތަކުގައި، ކާޑުގެ ވެރިފިކޭޝަން ހަދަންޖެހޭ މަޢުލޫމާތު ކޮންމެ ފަރާތަކުންވެސް ހޯދުމުގެ ހުއްދަ ކާޑުގެ ވެރިފަރާތުން ބޭންކަށް އަބަދުވެސް ދީފައިވާނެ ކަމަށެވެ. އަދި މިހާރު ގާއިމު ކުރެވުނު އިންޓަގްރޭޝަންއާއެކު މި މާއްދާ ވަނީ އިތުރަށް ތަފްސީލް ކުރެވިފައިވާއިރު، ކާޑުގެ މުއާމަލާތްތަކުގެ ސައްހަކަން ދެނެގަތުމަކީ ބައިނަލްއަގުވާމީ ކާޑު ނެޓްވޯކްތަކުގެ މިންގަނޑުތަކުގެ ދަށުން، ދުނިޔޭގެ ޕޭމަންޓް ނިޒާމުތަކުގެ އިތުބާރު ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަމެއްގެ ގޮތުގައި ބުންޏެވެ.

