ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން މިއަހަރު ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފެންވަރުގެ ބޮޑު ހަރަކާތް ކަމަށްވާ ”އޭޝިއާ މީޑިއާ ސަމިޓް“ ގެ ރަސްމީ ޕާޓްނަރަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ހަމަޖައްސައި، އެކަމާ ގުޅޭ ހާއްސަ އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ އެކްޓިން ހެޑް އޮފް ސީއެސްއާރު ޑިޕާޓްމަންޓް ހަސަން ޝަހީދެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަކީބެވެ. މި އެއްބަސްވުމުގެ ދަށުން، ސަމިޓްގެ އެކި ކަންކަމުގައި އެޗްޑީސީގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ޕީއެސްއެމްއަށް ލިބިގެންދާނެއެވެ.
މިއަހަރުގެ އޭޝިއާ މީޑިއާ ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 އިން 14 އަށް ވިލާ ނޯޓިކާ ރިސޯޓުގައެވެ. މި ސަމިޓަކީ އޭޝިއާ ސަރަހައްދުގެ މީޑިއާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ދާއިރާގެ ކުރިމަގާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ. ސަމިޓާ ގުޅުވައިގެން، ރާއްޖޭގެ ގުދުރަތީ ރީތިކަން ބައިނަލްއަގުވާމީ މަންދޫބުންނަށް ދައްކާލުމަށް، ސަމިޓުގެ ފަހު ދުވަސް ކަމަށްވާ މި މަހުގެ 14 ވަނަ ދުވަހު، ކުޑަގިރި ”ދޫނިޔާ ޑައިވް ރެކް“ ސަރަހައްދުގައި މުރަކަ އިންދުމުގެ ހާއްސަ ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.
ކުޑަގިރީގައި ކުރިއަށްގެންދާ މި މުރަކަ އިންދުމުގެ ހަރަކާތަކީ ދޫނިޔާ ޑައިވް ރެކް ސަރަހައްދުގެ ކަނޑުއަޑީގެ ދިރުންތައް އާލާކޮށް، އެ ސަރަހައްދުގެ ގުދުރަތީ މާހައުލު ހިމާޔަތްކުރުމަށް އެޗްޑީސީން ކުރަމުންދާ އިޖުތިމާއީ ޒިންމާގެ މަސައްކަތްތަކުގެ ތެރެއިން ހިންގާ ހަރަކާތެކެވެ. މި މަސައްކަތުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް އާ ދިރުމެއް ލިބި، ފަތުރުވެރިންނާއި ޑައިވް ކުރާ ފަރާތްތަކަށް އެ ސަރަހައްދުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް މަގުފަހިވެގެންދާނެއެވެ.
ތިމާވެށީގެ މި މުހިންމު ހަރަކާތުގައި ވީހާވެސް ގިނަ ބައެއްގެ ބައިވެރިވުން ހޯދުމުގެ ގޮތުން، ގްރޭޓާ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާ (އެންޖީއޯ) ތަކަށް މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އެޗްޑީސީން ވަނީ މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުން ފެށިގެން ހުޅުވާލާފައެވެ. އެޗްޑީސީން ބުނީ މި ހަރަކާތުގައި ބައިވެރިވާން ޝައުގުވެރިވާ ޖަމިއްޔާތަކުން csr@hdc.mv އަށް އީމެއިލް ކުރުމުން އެ ފުރުސަތު ހަމަޖެހިގެންދާނެ ކަމަށެވެ.
މިއީ ދައުލަތުގެ މީޑިއާއާއި ސަރުކާރުގެ ކުންފުނިތައް ގުޅިގެން، ރާއްޖެ އިޝްތިހާރުކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް ކުރާ މުހިންމު މަސައްކަތެއްގެ ގޮތުގައި އެޗްޑީސީން ސިފަކުރެއެވެ.

