އެމްޑީޕީގެ އިންތިހާބަށް ކުރިމަތިލީ އެ ޕާޓީގެ އޮޑި ދުއްވޭނެ ފަދަ ގާބިލު މާލިމީއަކާ އެކު ކަމަށާއި، އެހެންކަމުން އެމްޑީޕީގެ އޮޑި ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން، ވަހީދު ވިދާޅުވީ މި އިންތިހާބަކީ އެބޭފުޅުން ބޮޑުތަނުން ކާމިޔާބު ކުރައްވާނެ އިންތިހާބެއް ކަމަށެވެ. އަދި މި ފަހަރު މި އޮޑި ކާމިޔާބުކަމާއެކު ސަލާމަތުގެ އައްސޭރިއަކަށް ގެންނާނެ ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.
ވަހީދު ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީއަށް މިވަގުތު ބޭނުންވަނީ އާދައިގެ ކުޑަ ވިސްނުމެއް ނޫނެވެ. އެއަށްވުރެ ބޮޑު ވިސްނުމަކާއި ބަދަލު ގެނެވޭނީ އެ ތަޖުރިބާއާއި ފަންނާއި ޖޯޝު ހުރި ބޭފުޅަކަށް ކަމަށާއި، އެބޭފުޅަކީ ރައީސް ނަޝީދު ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން 2028 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރެވޭނީ މުޅި ޕާޓީ އެކުގައި ގުޅިގެން މަސައްކަތް ކޮށްގެން ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.
ސަރުކާރަށް ފާޑުވިދާޅުވަމުން ވަހީދު ވިދާޅުވީ މިހާރުގެ ސަރުކާރުން ވަނީ ގާނޫނުއަސާސީ އޮޅާލައި، އެ ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ހައްގުތައް ނިގުޅައިގެންފައި ކަމަށެވެ. އަދި މިހާރުގެ ވެރިޔާގެ އަނިޔާވެރިކަމުން ސަލާމަތްވެވޭނީ ރައީސް ނަޝީދަށް ވޯޓު ދީގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ކެމްޕެއިން ދަތުރުތަކުން ފެނިގެންދިޔައީ ރާއްޖޭގެ ރައްޔިތުން ބަދަލަކަށް ބޭނުންވެފައި ތިބި މިންވަރު ކަމަށާއި، ރައީސް ނަޝީދާއި ފައްޔާޒް އިސްމާއިލް ހުށަހަޅުއްވާ ބަދަލަކީ މިކަމަށް ވަރަށް މުހިންމު ބަދަލެއް ކަމަށް ވަހީދު ފާހަގަކުރެއްވިއެވެ. އެ ބަދަލުތަކާ ނުލައި ގައުމު ކައްސާލައިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވިދާޅުވެ، ގައުމު ސަލާމަތްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

