ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފުހު ރައީސްގެ ދެކަނބަލުން މާލެއަށް ވަޑައިގެންފި

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި އެ ގައުމުގެ ރައީސާއެކު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވައި އެކި ދާއިރާތަކުން ރާއްޖެއާއި ލަންކާގެ ގުޅުން އިތުރަށް ބަދަހިކޮށް އެއްބާރުލުންދިނުން އިތުރުކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެއްވިއެވެ. އަދި މަޝްވަރާތަކަށްފަހު ދެ ގައުމުގެ މެދުގައި ހަތް ދާއިރާއަކުން އެއްބާރުލުންދިނުމުގެ އެއްބަސްވުންތައް ގާއިމުކުރެވުނެވެ.

މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި މުހިންމު ދާއިރާތަކަކުން ގުޅުން ބަދަހިކުރެއްވުމަށް އެކުލަވައިލެއްވި ފަހުމުނާމާތައް ބަދަލުކުރެއްވުމުގެ ރަސްމިއްޔާތުގައި ދެ ރައީސުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ ތެރޭގައި ޒުވާނުން ތަރައްޤީކުރުމާއި، އަރުޝީފުކުރުމުގެ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާ އާއި، ހައްދުފަހަނައަޅައިދިޔުން ހުއްޓުވުމާއި، ޞިއްޙީ އަދި ދިފާޢީ ދާއިރާގެ ދިރާސީ މަސައްކަތްތަކުގައި ގުޅުންބަދަހިކުރުމާއި، ސްކޫލްތަކަށް ބޭނުންވާ މުދައްރިސުންނަށް ފަންނީ ތަމްރީނާއި ތަޖުރިބާ ފޯރުކޮށްދިނުމުގެ ދާއިރާގައި އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތައް ހިމެނެއެވެ.

މި ދަތުރުފުޅުގައި ހިމެނިގެން ދިވެހިރާއްޖެއާއި ސްރީލަންކާގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަނދާނީ ގަސް އިންދުމުގެ ރަސްމިއްޔާތުގައި ދެ ޤައުމުގެ ރައީސުން ބައިވެރިވެވަޑައިގެނެވިއެވެ.

ރަސްމީ މަޝްވަރާތަކުގެ އިތުރުން، މިދަތުރުފުޅުގައި ސްރީލަންކާ ސަރުކާރުގެ ބައެއް އިސްވެރިން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތްކުރެއްވިއެވެ. އޭގެތެރޭގައި ސްރީލަންކާގެ ބޮޑުވަޒީރު، ޑޮކްޓަރ ހަރިނީ އަމަރަސޫރިޔާ، ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލިހުގެ ރައީސް އޮނަރަބަލް (ޑޮކްޓަރ) ޖަގަތް ވިކްރަމަރަތްނަ އެމް. ޕީ އަދި އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް، އެމް.ޕީ، ވިޖިތަ ހޭރަތު، ހިމެނިވަޑައިގަންނަވައެވެ. މި ބައްދަލުވުންތަކުގައި ދެ ޤައުމުގެ ގުޅުން މިހާރަށްވުރެ ބަދަހިކޮށް، ދެ ޤައުމުން މަސްލަހަތު ހިއްސާކުރާ ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރެއްވުމަށް މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ”މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް“ ޝަރަފުވެރިކޮށްދެއްވައި، ތަޤުރީރެއް ކުރައްވާފައެވެ. މި ތަޤުރީރުގައި އެމަނިކުފާނު ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް އިންވެސްޓްމަންޓްތަކުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ސްރީލަންކާގެ އިންވެސްޓަރުން ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތަކުގައި މިހާރަށްވުރެ ބޮޑަށް ބައިވެރިވުމަށް ބާރުއަޅުއްވާފައެވެ.

މީގެ އިތުރުން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ އުފެއްދުންތައް ސްރީލަންކާގައި އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ މިފްކޯގެ އަގުއެއްކުރި މަހުގެ އުފެއްދުންތައް ސަރަޙައްދީ ބާޒާރުތަކަށް ފުޅާކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

ރައީސް ޑރ. މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ޝަރަފުގައި ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ދެއްވި ރަސްމީ ޖާފަތުގައި، ރައީސްގެ ދެކަނބަލުން ބައިވެރިވަޑައިގެންނެވިއެވެ. މީގެ އިތުރުން މިދަތުރުފުޅުގައި ހިމެނިގެން ސްރީލަންކާގެ ޤައުމީ ދާރުލްއާސާރަށާއި، ދިވެހިރާއްޖޭގެ ހައިކޮމިޝަނަށާއި ދިވެހިރާއްޖޭގެ ކަލްޗަރަލް ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ރަސްމީ ހަރަކާތްތަކުގައި ހިމެނިގެން ކޮލަމްބޯގައި ހުންނަ ލޭޑީ ރިޖްވޭ ހޮސްޕިޓަލް ފޯރ ޗިލްޑްރަން އަށް ޒިޔާރަތް ކުރެއްވިއެވެ. މި ޒިޔާރަތުގައި ކަށީގެ ޚިދުމަތްތަކާ، އަދި ޕްލާސްޓިކް ސާރޖަރީ ވޯޑާ، ކުޑަކުދިންގެ ވޯޑަށް ވަޑައިގެން، އެތަންތަނުން އެވަގުތު ޚިދުމަތް ހޯއްދަވަމުން ގެންދެވި ފަރާތްތަކާ އެކަމަނާ ބައްދަލު ކުރައްވިއެވެ. އަދި އެކަމަނާ ވަނީ އެ ޤައުމުގެ އަންހެން ވިޔަފާރިވެރިން އިސްނަގައިގެން ކުރިއަށްގެންދާ ވިޔަފާ އުފެއްދުންތައް ދައްކާލާ ގުޑް މާކެޓް އޮފީހަށް ޒިޔާރަތްކުރައްވާ ވިޔަފާރިވެރިންނާ ވެސް ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ކޮލަމްބޯގެ މޭޔަރު ކެލީ ބެލްތަޒާ އިންތިޒާމުކުރެއްވި، ސްރީލަންކާގެ ސައިގެ ސަގާފަތް ތަޖުރިބާކުރުމުގެ ޚާއްޞަ ހަފްލާއެއްގައި ވެސް އެކަމަނާ ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނަބަލުން ވަނީ ކޮލޮމްބޯގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ވެސް ބައްދަލުކުރައްވާފައެވެ.

މި ދަތުރުފުޅަކީ 2025 ޖުލައި 28 އިން 30 އަށް ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅެކެވެ. މިދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރެއްވި ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: