އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ނިއު ދެއްލީއަށް ފުރާވަޑައިގެންފިއެވެ.
މި ކޮންފަރެންސަކީ ރާއްޖެއަށް އިންތިހާއަށް މުހިންމު މަޝްވަރާތަކެއް ހިންގޭނެ ޕްލެޓްފޯމެއްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މި އަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ ’އިންޑިއަން އޯޝަން ރީޖަން އިން އަ ޓްރާންސްފޯމިން މައިންޑް‘ އެވެ.
ރައީސް ނަޝީދުގެ އޮފީހުން ނެރުއްވި ބަޔާނެއްގައިވާ ގޮތުން، މި ޝިއާރުގެ ދަށުން ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން، ނޫ އިގްތިސާދު، ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް، އިންވެސްޓްމަންޓާއި އިގުތިސޯދީ ހަރަކާތްތައް، ސައިންސާއި ޓެކްނޮލޮޖީގެ އިތުރުން އަންހެނުން ބާރުވެރިކުރުވުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޮންފަރެންސްގައި ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވަނީ ޑިޒާސްޓާ ރިސްކް މެނޭޖުމަންޓުގެ މައުލޫއަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އިންޑިއާ ކަނޑުގެ ސަރަހައްދުގައި ރާއްޖެއަށް އަދާކުރެވޭނެ މުހިންމު ދައުރާއި، ފަހިކުރެވެން އޮތް އިގުތިސޯދީ އަދި ވިޔަފާރީގެ ފުރުސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާނެއެވެ.
ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި ހިނގާ ކެމްޕެއިން ހަރަކާތްތަކުގައި ދެއްލީއާއި ކޮޅުމަބަށް ވަޑައިނުގެން ކެމްޕެއިންގެ ކަންކަން ފުރިހަމަ ނުވާނެ ކަމަށެވެ. މީގެ އިތުރުން، މި ދަތުރުފުޅުގެ ތެރެއިން އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ތާވަލުކުރެވިފައެވެ.
ކޮންފަރެންސްގެ ހަރަކާތްތައް ނިންމަވާލެއްވުމަށްފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ.

