ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ބަޔާނަށް އިދިކޮޅުންދޭ ޖަވާބު ހޯމަ ދުވަހުގެ ޖަލްސާއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ރިޔާސީ ބަޔާނަށް ޖަވާބު ދިނުން އަންނަ ހޯމަ ދުވަހުގެ ޖަލްސާއަށް ތާވަލުކޮށްފި އެވެ.

މަޖިލީހުގެ ޤަވައިދުގައި އޮންނަ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ރިޔާސީ ބަޔާނަށް ޖަވާބު ދޭންޖެހޭނީ ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި މަޖިލީހުގައި ދެން އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރެވެ.

މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ބެހިފައިވާ ގޮތުން ރައީސް ނިސްބަތްވާ އެމްޑީޕީގެ 65 މެންބަރުން އެބަ ތިއްބެވިއެވެ. ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ މެންބަރުން ގިނަ ޕާޓީއަކީ ޕީޕީއެމްއެވެ. އެޕާޓީގައި ހަ މެންބަރުން މަޖިލީހުގައި ތިއްބަވަ އެވެ.

އެގޮތުން ރިޔާސީ ބަޔާންގެ ޖަވާބު ހުށަހަޅަން ޖެހެނީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރިޔާސީ ބަޔާނަށް ޖަވާބު ހުށަހެޅުމަށްޓަކައި މައިނޯރިޓީ ލީޑަރު އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި މައިނޯރިޓީ ލީޑަރު އެދިވަޑައިގެންފައިވާ ގޮތުގެ މަތިން ރިޔާސީ ބަޔާނަށް ޖަވާބު ދިނުން ފެބްރުއަރީ 24 ވާ ހޯމަ ދުވަހުގެ ޖަލްސާއަށް ތާވަލުކުރެވިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ދުވަހަކީ މައިނޯރިޓީ ލީޑަރުގެ ދުވަސް. އެބޭފުޅާ ދިވެހި ސަރުކާރަށް، ރައީސުލްޖުމްހޫރިއްޔާގެ ބަޔާނަށް ކިޔުއްވާނެ އެއްޗެއް ކިޔުއްވަން މިމަޖިލީސް އަޅުގަނޑު ހުޅުވާލާ ދުވަސް. އެހެންވީމާ އެއްގޮތަކީ އެމްޑީޕީގެ އިއްޒަތްތެރި 65 މެންބަރުންގެ ނަން އިއްވާފައި، ބައިތިއްބާފައި އެބަޔާން އިއްވޭނެ ގޮތެއް ހޯދުން. ނޫންނަމަ އަޅުގަނޑުމެންނަށް ހުރިހާ ފަރާތަކުން އަދި ބަޔާން އިއްވާ ފަރާތުންވެސް ވާދަވެރި ފަރާތްކަމުގައިވިޔަސްވެސް އެބަޔާނަކީ ވަކި ތަޖުވީދަކަށް އޮންނަ ބަޔާނަކަށް ވުމަށް އަޅުގަނޑު އުއްމީދުކުރަން،” ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނެފައިވަނީ މަޖިލިސް ކޮންމެ އަހަރަކު ހުޅުވުމަށް ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވާ ރިޔާސީ ބަޔާނަށް މަޖިލީހުގައި ތިއްބަވާ މެންބަރުންގެ ތެރެއިން ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އެ ބަޔާނަށް ޖަވާބެއް ތައްޔާރުކޮށް ހުށަހަޅަން ޖެހެ އެވެ.

ރައީސް ނަޝީދު ކުރިން ވިދާޅުވެފައިވަނީ ރިޔާސީ ބަޔާނަށް އިދިކޮޅު މެންބަރުންގެ ފަރާތުން ދޭ ޖަވާބު ތައްޔާރުކުރުމަށް ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި އަމިއްލަ މެންބަރުންގެ ހިޔާލު ހޯދަން ބައްދަލުވުމެއް ބޭއްވެވި ކަމަށެވެ.

އެމްޑީޕީގެ 65 މެންބަރުން ފިޔަވައި ދެން މަޖިލީހުގައި ތިއްބަވަނީ ޕީޕީއެމް ހަ މެންބަރުންނާއި ޕީއެންސީގެ ތިން މެންބަރުންނާއި، ޖުމްހޫރީ ޕާޓީގެ ފަސް މެންބަރުންނާއި އަމިއްލަ ހަތަރު މެންބަރުންގެ އިތުރުން ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: