ސިޔާސީ ޕާޓީތަކުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިކުރެވޭނެ އުސޫލުތަކާއި އިޖުރާއަތްތައް ކަނޑައަޅާ ބިލު އަންނަ ހަފުތާގައި މަޖިލީހަށް ހުށަހަޅާނެކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅުމަށް ތައްޔާރުވެފައިވާ ބިލުތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އުޝާމް ވިދާޅުވީ، ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހާ ގުޅިގެން މެންބަރަކު ޕާޓީން ވަކިކުރުމުގެ މާއްދާ ތަންފީޒުކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. މި ބަދަލުތައް ގެނައުމަށް ނިންމާފައިވަނީ މިހާރު އަމަލުކުރަމުންދާ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅައިގެންކަމަށް އުޝާމް ވިދާޅުވި އެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެނައިތާ އަހަރެއްވިއިރު، އިޖުރާއަތުތައް ބަޔަންކޮށް ހުށަހަޅަން ޖެހޭ ބަދަލުތައް ލަސްވީ ކީއްވެގެންތޯ ސުވާލު ކުރުމުން އުޝާމް ވިދާޅުވީ، ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ސައްހަކަމާ މެދު ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް އޮތުމުން، ކޯޓުން ވަކި ގޮތެއް ނިންމަން ދެން ކަމަށެވެ.
ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސައްހަކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ، ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ހުށަހެޅުމަށް މިހާރު މަގު ފަހިވެފައިވާކަމަށް އުޝާމް ވިދާޅުވި އެވެ.
މި އެންޓި ޑިފެކްޝަން ގާނޫނާ ގުޅިގެން ގާނޫނަށް ނޫނީ ސިޔާސީ ޕާޓީގެ ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް އަޅުގަނޑުމެން އެއިސްލާޙު ނުގެނެސް.. އަސްލު މަޑުކޮށްލި އެ ސަބަބަކީ މި ސުޕްރީމް ކޯޓުގެ މި މައްސަލަ އޮތީމަ. ސުޕްރީމް ކޯޓުގެ މައްސަލަ ނިމޭންދެން އަޅުގަނޑުމެން މަޑުކޮށްލައިގެން ތިބީ. ސުޕްރީމް ކޯޓުގެ މައްސަލަ ނިމޭ ގޮތަކުން އެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށްޓަކާ.
ގާނޫނުއަސާސީއަށް ގެނެސްފައިވާ ”އެންޓި-ޑިފެކްޝަން“ އިސްލާހުގައި، މެންބަރަކު އިންތިހާބުވި ޕާޓީން ވަކިކުރާ ހާލަތުގައި ގޮނޑި ގެއްލޭނެ ކަމަށް ބުނެފައިވީ ނަމަވެސް، އެކަން ކުރެވޭނީ ގާނޫނުގައި ބަޔާން ކުރާގޮތުގެ މަތިންކަމަށް ވެއެވެ. އެހެންކަމުން، އަލަށް ހުށަހަޅާ ބިލުން ޕާޓީތަކުން މެންބަރުން ވަކިކުރުމުގައި އަމަލުކުރާނެ ދުސްތޫރީ ހަމަތައް ކަނޑައެޅޭނެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި ބިލު ހުށަހަޅާއިރު، ގާނޫނުއަސާސީގައި މިހާރު ބަޔާންކުރާ ގޮތުން ހަތަރު ހާލަތެއްގައި މެންބަރުންގެ ގޮނޑި ގެއްލޭނެއެވެ. އެއީ އަމިއްލައަށް ޕާޓީން ވަކިވުމާއި، އެހެން ޕާޓީއަކަށް ސޮއިކުރުމާއި، ގާނޫނާ އެއްގޮތަށް ޕާޓީން ވަކިކުރުމުގެ އިތުރުން، އަމިއްލަ މެންބަރަކު ޕާޓީއަކަށް ސޮއިކުރުމެވެ.
އުޝާމް ވިދާޅުވި ގޮތުގައި، ޕާޓީން މެންބަރަކު ވަކިކުރާ ހާލަތުގައި އަމަލުކުރާނެ ގޮތް ގާނޫނުގައި ސާފުކޮށް ބަޔާންވެފައި ނެތުމަކީ ކުރިންވެސް ފާހަގަކުރެވުނު ގޮންޖެހުމެކެވެ.

