މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ އަނިޔާވެރިގޮތަކަށް މަރާލި ގ. ވޭރު، އަބްދުލްމުހީތު (ބޮބީ) ގެ މަރުގެ މައްސަލާގައި، އޭރު ކުޑަކުއްޖެއްގެ ގޮތުގައި ހުރި މީހަކަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
2012 ގައި ފިނޭންސް މިނިސްޓްރީ ކުރިމަތީގައި މުހީތު ހުއްޓައި ގްރޫޕަކުން ގޮސް އޭނާއަށް ހަމަލާދީ މަރާލި މައްސަލާގައި ޖުވެނައިލް ކޯޓުން 2013 ވަނަ އަހަރު އޭރު 18 އަހަރު ނުފުރޭ ދެ މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވި އެވެ. ސުޕްރީމް ކޯޓުން ވަނީ، މިއަދު އޭގެ ތެރެއިން އެކަކުގެ މައްސަލައިގެ ހުކުމް އިއްވާފަ އެވެ.
މި މައްސަލައަކީ، އުމުރުން 17 އަހަރުގައި އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމަށް ހައިކޯޓުން ތާއިދުކޮށްފައި ވާތީ، އެއީ ނިހާއީ ހުކުމެއް ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. މިހާރު އޭނާގެ އުމުރުން 31 އަހަރެވެ. ނަމަވެސް 2019 ވަނަ އަހަރު އަމަލުކުރަން ފެށި ކުޑަކުދިންގެ އަދުލުގެ ގާނޫނުން، ކުޑަ ކުއްޖަކު ކުރާ ކުށަކަށް، އުމުރުން 18 އަހަރުވުމަށް ފަހު ވެސް މަރުގެ އަދަބު ނުދެވޭނެ ކަމަށް ބަޔާންކޮށްފައި އޮތުމުން، ދައުލަތުން ފަހުން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.
މި މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ، ކުޑަކުދިންގެ އަދުލުގެ ގާނޫނު މިހާރު އޮތްގޮތުން ކުޑަކުއްޖެއްގެ މައްޗަށް މަރުގެ އަދަބު ދިނުމަކީ ހުއްދަކަމެއް ނޫން ކަމަށެވެ. އަދި އިސްލާމީ ޝަރީއަތުގައި ވެސް ގާތިލަކީ ކުޑަކުއްޖަކަށްވާ ހާލަތުގައި ގިސާސް ހިފުން މަނާވާކަން ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
ދައުލަތުން ވެސް ކޯޓުގައި ބުނީ މިހާރު އަމަލުކުރަމުންދާ ގާނޫނުގެ ދަށުން މަރުގެ އަދަބު ތަންފީޒު ނުކުރެވޭނެ ކަމަށެވެ. މި ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ ޖުވެނައިލް ކޯޓާއި ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، އަލުން އަދަބު ކަނޑައެޅުމަށްޓަކައި މައްސަލަ ޖުވެނައިލް ކޯޓަށް ފޮނުވުމަށް އަމުރުކޮށްފައެވެ.
މުހީތުގެ މަރުގެ މައްސަލާގައި އިތުރު ދެ މީހަކަށް ވެސް މަރުގެ ހުކުމް އިއްވާފައިވެއެވެ. އެއީ ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫނާއި، ގދ. ގައްދޫ އަބްލައީގޭ މުހުޖަތު އަހުމަދު ނާސިހުގެ މައްޗަށެވެ.
ދެ މީހުންގެ މައްސަލަ އަދިވެސް އޮތީ ހައި ކޯޓުގެ މަރުހަލާގައެވެ.

