މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މާލޭގައި ޓެކްސީގެ ހިދުމަތް ދޭން ފެށުމަކީ އާންމު ރައްޔިތުންގެ ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުން އަތްބޭނުމެއް ނޫން ކަމަށް މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ޓެކްސީގެ ހިދުމަތަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތެއް ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މި ހިދުމަތް ރައްޔިތުން ބަލައިގަންނަ ފަދަ، ވަކި މިންގަނޑުތަކެއް ހިފެހެއްޓިފައިވާ ކޮލިޓީ ހިދުމަތަކަށް ހެދުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”ޓެކްސީ ހިދުމަތް އެމްޓީސީސީން ފެށިއަސް، މުޅި ސަރުކާރު އެއްކޮށް ފެށިއަސް ހަމަ ހުންނާނެ ފްލޯސް. ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ހުންނާނެ. މިސާލަކަށް ކޯލް ނެގުން، ދަތުރުތަކަށް ބަރާބަރަށް އެޓެންޑްވުން އަދި ޑްރައިވަރާއި ޕެސެންޖަރުންނާ ދެމެދު ކުރެވޭ މުއާމަލާތްތައް ރީތި ބަހުން ކުރުން ފަދަ ކަންކަން ހިމެނޭ،“ މިނިސްޓަރު ވިދާޅުވިއެވެ. ސަރުކާރުން މި މަސައްކަތް ކުރަނީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަގެއް ދެއްކުމުގެ ގޮތުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްޓީސީސީގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ކަސްޓަމަރަކު ގުޅައިގެން ކާރު ލިބުމާ ހަމައަށް މިހާރު ހޭދަވަނީ އެވްރެޖްކޮށް 8.5 މިނެޓް ކަމަށެވެ. އަދި އޭޕްރިލް 18 އިން މެއި 1 އާ ހަމައަށް ކުރި ދަތުރުތަކުގެ އެވްރެޖް ދިގުމިނަކީ 12.2 މިނެޓެވެ.
މީގެ އިތުރުން، އޭޕްރިލް 13 އިން 18 އަށް އެމްޓީސީސީން 11,128 ދަތުރު ކޮށްފައިވާ ކަމަށާއި، މާލޭގައި ދޭ މި ހިދުމަތް ބޭނުންކުރާ މިންވަރު 50 އިންސައްތަ އިތުރުވަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ދުވާލަކު ގިނަ އަދަދެއްގެ ކޯލްތައް ލިބޭއިރު، ހިދުމަތް އަދި އޮތީ ވަރަށް ކުރީކޮޅު މަރުހަލާއެއްގައި ކަމުން ހުރިހާ ކޯލަކަށް އެޓެންޑް ނުވެވިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ، ޓެކްސީ އެސޯސިއޭޝަނާ އެކުވެސް މަޝްވަރާ ކުރަމުންދާ ކަމަށާއި، ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ހައްލުތަކެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ އެމްޓީސީސީގެ ހިދުމަތުގެ ކޮލިޓީ ދުވަހުން ދުވަހަށް ރަނގަޅުކޮށް، ރައްޔިތުންނަށް އިތުބާރު ހުރި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކޮށްދިނުމެވެ.

