ރިޔާސީ އިންތިހާބުގައި ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް، ވަކި ކެންޑިޑޭޓަކަށް ތާއީދުކުރާ ޗެއާޕާސަނަކު އިންތިހާބުކޮށްގެން ޕާޓީ ބައިބައިވެ 2028 ގެއްލުމުގެ ފުރުސަތު ބޮޑުކަމަށް އެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މީކާއިލާއި އެކު މި އިންތިހާބުގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދު ވަނީ 2028 ގެ ރިޔާސީ ޕްރައިމެރީއަށް ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ތާއީދު ކުރައްވާފަ އެވެ. އަދި ރައީސް ނަޝީދުގެ ކެމްޕެއިން ހަރަކާތްތަކުގައި ފައްޔާޒް ވެސް ބައިވެރިވެ، ދެ ބޭފުޅުންގެ ފަރާތުން ހުށަހަޅާ ”ބޮޑު ބަދަލު“ ހުށަހެޅުމާއި ގުޅޭގޮތުން ދަނީ މައުލޫމާތު އާންމު ކުރަމުންނެވެ.
މީގެ ކުރިން ވެސް މީކާއިލް ވަނީ އޭނާއަކީ ވަކި ބޭފުޅަކު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރާ މީހެއް ނޫންކަމަށް ބުނެ، ރައީސް ނަޝީދަށް ބަހުގެ ހަަމަލާތައް އަމާޒު ކުރައްވާފަ އެވެ.
މީކާއީލްގެ ”އިތުބާރު“ ކެމްޕެއިންގެ ފަރާތުން އެމްޑީޕީގެ މެންބަރުންނަށް ފޮނުއްވި މި ސިޓީގައި ބުނެފައި ވަނީ، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ޕާޓީގެ އެތެރޭގެ ބައިބައިވުންތައް ނައްތާލަން ޖެހޭ ކަމަށެވެ. ހާއްސަކޮށް، ވަކި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދުކުރާ ފަރާތަކުން ޗެއާޕާސަންގެ މަގާމަށް އައުމުން، ޕާޓީ އިތުރަށް ބައިބައިވެ، އިންތިހާބު ގެއްލުމުގެ ބިރު ބޮޑުކަމަށް ވިދާޅުވި އެވެ.
ސިޓީގައި މީކާއީލް ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން މެންބަރުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައިކަަށް ވިދާޅުވެފަ އެވެ. ސިޓީގައި ވަނީ ޕާޓީގެ ލީޑަޝިޕާއި އާންމު މެންބަރުންނާ ދެމެދު އޮތް ގުޅުން ކެނޑި، ލީޑަރުން އަމިއްލަ މަސްލަހަތު އިސްކުރާ ކަމުގެ އިހުސާސް މެންބަރުންގެ ތެރޭގައި އެބައޮތް ކަމަށެވެ.
އެހެންކަމުން އިތުރު ރިޔާސީ އިންތިހާބެއް ގެއްލި، ޕާޓީ މަގުމަތިވުމުގެ އެއްވެސް ފުުރުސަތެއް ނުދިނުމަށް މީކާއިލް ވަނީ ގޮވާލަފަ އެވެ.
އަޅުގަނޑު ގަބޫލުކުރާގޮތުގައި، ވަކި ރިޔާސީ ކެންޑިޑޭޓަކަށް ތާއިދުކޮށްގެން ހުރި ކެންޑިޑޭޓަކު އިންތިހާބު ވެއްޖެނަމަ، ޕާޓީ އަނެއްކާވެސް ބައިބައިވެ، 2028 ގެ ރިޔާސީ އިންތިހާބު ގެއްލުމުގެ ފުރުސަތު ބޮޑުވެ ޕާޓީ އަނެއްކާވެސް މަގުމަތިވުމުގެ ބިރު ބޮޑު
ކައުންސިލް އިންތިހާބުގެ ބައެއް ގޮނޑިތަކާއި ބައި- އިލެކްޝަންތަކުގެ ކާމިޔާބީ ފާހަގަކޮށް މީކާއީލް ވިދާޅުވީ، ޕާޓީ އެކަތިގަނޑަކަށް ވެއްޖެނަމަ އަދިވެސް ކާމިޔާބު ހޯދޭނެކަން އެ ނަތީޖާތަކުން ސާފުވާ ކަމަށެވެ.
މީކާއީލް ވަނީ އޭނާއަށް ޗެއާޕާސަންގެ މަގާމު ލިބިއްޖެ ނަމަ، ވަގުތުން 2028 ވަނަ އަހަރުގެ އިންތިހާބަށް ތައްޔާރުވާން ފައްޓަވާނެކަމަށާއި، ހުރިހާ މެންބަރުންގެ އިތުބާރު ލިބޭނެ ފަދަ އިންސާފުވެރި ލީޑަޝިޕެއް ގާއިމުކޮށްދެއްވާނެކަމަށް ވައުދުވެފަ އެވެ.

