މިއަދުގެ ހުކުރު ޚުޠުބާގައި، މައިގަނޑު ގޮތެއްގައި އަލިއަޅުވާލައިފައިވަނީ އިސްލާމްދީނުގެ ފަސްވަނަ ރުކުން ކަމުގައިވާ ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަމުގެ މައްޗަށެވެ. އެގޮތުން، ”ޙައްޖުގެ އަޅުކަން ފުރިހަމަ ގޮތުގައި އަދާކުރުން“ މި މައުޟޫޢަށް ބިނާކޮށް ދެއްވި މި ޚުޠުބާގައި، ޙައްޖުގެ އަޅުކަމަކީ ކުޅަދާނަކަން ލިބިގެންވާ ކޮންމެ މީހެއްގެ މައްޗަށް މާތް الله ވާޖިބުކުރައްވާފައިވާ މަތިވެރި އަޅުކަމެއްކަން ވަނީ ހަނދާންކޮށްދެއްވާފައެވެ.
ޚުޠުބާގައި ފާހަގަކުރި ގޮތުގައި، ޙައްޖުގެ އަޅުކަން އަދާކުރުމަށް ނިޔަތްގަންނަ މީހާ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ކުރެވިފައިވާ ފާފަތަކަށް އިޚްލާޞްތެރިކަމާއެކު ތައުބާވުމެވެ. އަދި ދިރިއުޅުމުގައި އެއްވެސް މީހަކަށް ދަރަންޏެއް އޮތް ނަމަ އެކަން ލިޔެ ބަލަހައްޓައި، ޙައްޖުގެ މަތިވެރި ދަތުރަށް ކުރާ ހޭދައަކީ ޙަލާލު ގޮތުގައި ހޯދާފައިވާ ތަކެތިކަން ކަށަވަރުކުރުމަކީ މަޤްބޫލު ޙައްޖެއް ލިބުމުގެ އެންމެ މުހިންމު އެއް އަސާސްކަމަށް ވެސް ހުތުބާގައިވެއެވެ. މާތް الله އީ ޠާހިރުވެވޮޑިގެންވާ އިލާހެއް ކަމަށްވުމުން، ޙަލާލު ތަކެއްޗާއި ޢަމަލުތައް މެނުވީ އެކަލާނގެ ޤަބޫލުފުޅެއް ނުކުރައްވާނެކަން ޙަދީޘްފުޅުތަކުގެ އަލީގައި ޚުޠުބާގައި ބަޔާންކުރެއްވިއެވެ.
ޙައްޖުގެ އަޅުކަން ފުރިހަމަވުމަށްޓަކައި، ކޮންމެ މީހަކުވެސް އެ އަޅުކަމުގެ ރުކުންތަކާއި ވާޖިބުތައް ރަނގަޅަށް އުނގެނި ދަސްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ޚާއްޞަކޮށް ޢަރަފާތް ދުވަހު ޢަރަފާތް ބިމުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ ބޮޑު ރުކުން ކަމަށާއި، މި ރުކުން ދޫވެއްޖެ މީހަކަށް އެ އަހަރުގެ ޙައްޖުގެ އަޅުކަން ފުރިހަމަ ނުވާނެކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. ޙައްޖުގެ އަޅުކަން ފެށެނީ ޙައްޖު މަސްތައް ކަމުގައިވާ ޝައްވާލު، ޛުލްޤަޢިދާ އަދި ޛުލްޙިއްޖާ މަހުގައެވެ.
މީގެ އިތުރުން، ޙައްޖު މަބްރޫރެއް ނުވަތަ މަޤްބޫލު ޙައްޖެއްގެ އެންމެ މުހިންމު ނިޝާނަކީ، އެ މީހަކު ޙައްޖުގެ އަޅުކަމަށްފަހު އެނބުރި އައުމުން، ކުރީގެ ދިރިއުޅުމަށްވުރެ ހެޔޮލަފާ، ތަޤުވާވެރި ދިރިއުޅުމަކަށް ބަދަލުވުމެވެ. މާތް الله ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވެ، އެކަލާނގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންތެރިވުމުގައި ދެމިހުރުމަކީ ޙައްޖު މަބްރޫރެއްގެ ހެއްކެކެވެ. އަދި އެފަދަ ޙައްޖެއްގެ ޖަޒާއަކީ ސުވަރުގެ ނޫން އެހެން އެއްޗެއް ނޫންކަމުގެ އުފާވެރި ޚަބަރު ވެސް މިއަދުގެ ޚުޠުބާގައި ވަނީ ދެއްވާފައެވެ.
ޚުޠުބާ ނިންމާލައްވަމުން، އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ އެކިކަހަލަ ދަތިތަކުން ސަލާމަތްކޮށްދެއްވުމަށާއި، ޚާއްޞަކޮށް ފަލަސްޠީނުގެ ނިކަމެތި ކުރެވިފައިވާ އަޚުންނަށް ނަޞްރާއި ކާމިޔާބު ދެއްވައި، ޣާޞިބު ޔަހޫދީންގެ ނުބައި ރޭވުންތައް ބާތިލްކޮށްދެއްވުން އެދި މާތް الله ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ. އަދި އެންމެހައި މުސްލިމުންނަށް ދުނިޔެއާއި އާޚިރަތުގެ ހެޔޮކަން ދެއްވައި، ނަރަކައިގެ ޢަޛާބުން ސަލާމަތްކޮށްދެއްވުމަށް އެދި ދުޢާކުރައްވަމުން ޚުޠުބާ ނިންމަވާލެއްވިއެވެ.

