އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ އެތެރޭގެ އެންމެ ވާދަވެރި އިންތިހާބު ކަމަށްވާ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ.
އެމްޑީޕީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި މިހާރު ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ މެންބަރުންނަށް އެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ. އެގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ވެސް ރީ-ރަޖިސްޓްރީ ކުރެވޭނެ ކަމަށް އެ ޕާޓީން މައުލޫމާތުދެއެވެ.
ރީ-ރަޖިސްޓްރީވުމަށް އެދޭ މެންބަރުން މި މަހުގެ 22 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އެމްޑީޕީން ކަނޑައަޅާފައިވާ ގޫގުލް ފޯމް މެދުވެރިކޮށް ހުށަހަޅަން ޖެހެއެވެ. އެ ޕާޓީން ބުނި ގޮތުގައި މިހާރު ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަނުގެ ގޮތުގައި ބަލާފައިވަނީ މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މެންބަރުން ވޯޓުލީ ތަނެވެ.
ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބުގައި ތިން ކެންޑިޑޭޓުން ވާދަކުރައްވައެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ އިތުރުން އިބްރާހީމް މުހައްމަދު (ވާޑު) އެވެ.
މި އިންތިހާބުގެ ކެމްޕެއިން ފޯރިއާއެކު ކުރިއަށްދާއިރު، ހާއްސަކޮށް ރައީސް ނަޝީދާއި މީކާއިލްގެ މެދުގައި އޮތް ވާދަވެރިކަން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. މިއީ އެމްޑީޕީގެ ކުރިމަގަށް ވަރަށް މުހިންމު އިންތިހާބެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

