ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގުޅުވައިދޭ ޗެނަލް ޕާކު ސަރަހައްދުގެ މޫދަށް އޮއިވަރާ އެކު ޖަމާވާ ކުނި މަދުކުރުމަށްޓަކައި، އެ ސަރަހައްދުގައި ދާ ޖެހުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
އެޗްޑީސީން ރޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި މަސައްކަތަކީ ޗެނަލް ޕާކު ސާފުކޮށް ބޭއްވުމަށާއި އެ ސަރަހައްދުގެ ރީތިކަން ދެމެހެއްޓުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. މިއީ އެ ސަރަހައްދަށް އޮއިވަރާއެކު ވަންނަ ޕްލާސްޓިކް ފުޅިއާއި އެހެނިހެން ކުނިބުނި ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ސަރަހައްދުގެ ސާފުތާހިރުކަމުގެ މައްސަލަ ބޮޑުވެ، އާންމުންގެ ސަމާލުކަމަށް މިކަން އައީ މިދިޔަ ހޯމަ ދުވަހު އެ ސަރަހައްދުން ކޯމަހެއް ފެނުމާ ގުޅިގެންނެވެ. އެ ހާދިސާއާއެކު ޗެނަލް ޕާކުގެ ރީތިކަމުގެ ވާހަކަ ގިނަ ބަޔަކު ދެއްކި ނަމަވެސް، އޭގެ ޖެހިގެން އައި ދުވަހު މުޅި މޫދު ސަރަހައްދު ޕްލާސްޓިކް ފުޅިއާއި ކުނިބުނިން ފުރިފައި އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން އެޗްޑީސީއަށް އަމާޒުވިއެވެ.
ހުޅުމާލޭގެ ދެ ފޭސް ގުޅުވައިދޭ ބްރިޖު ހިމެނޭ މި ސަރަހައްދަކީ ގިނަ އަދަދެއްގެ ބަޔަކު ހިތްހަމަޖައްސާލުމަށް ޒިޔާރަތްކުރާ، އިޖުތިމާއީ ގޮތުން މުހިންމު ސަރަހައްދެކެވެ. ހަވީރުގެ ވަގުތުތަކުގައި އާއިލާތަކާއި ރަހުމަތްތެރިން އެކުގައި ވަގުތު ހޭދަކުރުމުގެ އިތުރުން، ރޯދަ މަހު ރޯދަ ވިއްލުމަށް ވެސް ބްރިޖު ދަށުގައި ފޮތިގަނޑު އަޅައިގެން ގިނަ ބަޔަކު ތިބެއެވެ.
އެޗްޑީސީން މި ފެށި މަސައްކަތާއެކު، ހުޅުމާލޭގެ މި ހިތްގައިމު ސަރަހައްދު އިތުރަށް ސާފުތާހިރުކޮށް ބޭއްވުމަށް މަގުފަހިވެގެންދާނެއެވެ.

