ކޮންމެ އަހަރެއްގެ ވެސް މޭ މަހުގެ 8 ވަނަ ދުވަސް ފާހަގަކުރަމުންދަނީ ދުނިޔޭގެ ތެލެސީމިއާ ދުވަހުގެ ގޮތުގައެވެ. ދުނިޔޭގެ ތެލަސީމިއާ ދުވަސް ފާހަގަކުރަމުންދާއިރު، މިއީ ހަމައެކަނި ސިއްހީ ކަންބޮޑުވުމެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، މުޅި މުޖުތަމައުގެ އިޖުތިމާއީ އަދި ގައުމީ ސަލާމަތާ ގުޅިފައިވާ މުހިންމު މައްސަލައެއްގެ ގޮތުގައި ބަލަންޖެހެއެވެ.
ދިވެހިރާއްޖޭގެ ނިސްބަތުން ބަލާއިރު، ތަލަސީމިއާއަކީ ޖީލުތަކުގެ ދުޅަހެޔޮކަމާއި އާއިލާތަކުގެ އުފާވެރިކަމާ ސީދާ ގުޅުންހުރި ކަމެކެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ އާބާދީގެ ބޮޑު ބައެއްގެ ކިބައިގައި ބަލި ވާރުތަކުރުމުގެ ސިފަ ނުވަތަ ”ޓްރޭޓް“ ހުރި ނަމަވެސް، އެމީހުންނަކީ އެއްވެސް ބަލިމަޑުކަމެއް ނެތް، އާންމު ދިރިއުޅުމެއް އުޅެމުންދާ ދުޅަހެޔޮ މީހުންނެވެ.
ތެލަސީމިއާ މޭޖަރ ނުވަތަ ދާއިމީކޮށް ލޭއަޅަންޖެހޭ ކުދިން އުފަންވަނީ، ތެލަސީމިއާ ކެރިއަރުންގެ ގޮތުގައި ތިބި ދެ ފަރާތެއް ކައިވެނިކޮށްގެން ލިބޭ ދަރިންނަށެވެ. މި ބަލީގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް ހީމޯގުލޯބިން އުފައްދައި ނުދިނުމަކީ، ކުއްޖާގެ ދިރިހުރުމަށްޓަކައި މަހަކު އެއްފަހަރު ނުވަތަ އެއަށްވުރެ ގިނައިން ލޭ އެޅުން މަޖުބޫރުވާ ކަމެކެވެ. ނަމަވެސް، މިގޮތަށް ތަކުރާރުކޮށް ލޭ އެޅުމަކީވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެކެވެ. އޭގެ ސަބަބުން ކުއްޖާގެ ދިފާއީ ނިޒާމު ބަލިކަށިވެ، ހަށިގަނޑުގެ މުހިންމު ގުނަވަންތަކަށް ގެއްލުންވުމުގެ ފުރުސަތު އޮވެއެވެ. ވަކިން ޚާއްޞަކޮށް، ހަށިގަނޑުގައި ދަގަނޑުގެ ބައި އިތުރުވުމަކީ ފުރާނައަށް ނުރައްކާވާ ފަދަ ސިއްހީ މައްސަލަތަކަށް މަގުފަހިކުރާ ކަމެކެވެ.
މި ނުރައްކާތެރި ބަލިން އަންނާން އޮތް ޖީލުތައް ރައްކާތެރިކުރުމަށް އޮތް އެންމެ ވަރުގަދަ އައްޑަނައަކީ ކައިވެނީގެ ކުރިން ލޭ ޓެސްޓުކުރުމެވެ. ނަމަވެސް، ހަމައެކަނި ގާނޫނީ ގޮތުން ކުރާ ޓެސްޓަކުން މި މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭނެއެވެ. މީގެ ބަދަލުގައި، މުޅި މުޖުތަމައުގެ ހޭލުންތެރިކަން މިހާރަށްވުރެ ފުޅާކުރަން ޖެހެއެވެ. ޚާއްޞަކޮށް ސްކޫލް ދައުރުން ފެށިގެން ކުދިންނަށް މި ބައްޔާ ބެހޭ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ކައިވެނިކުރާ އުމުރަށް ދާއިރު، ތިމާއަކީ ކެރިއަރެއްތޯ ބެލުމުގެ ޒިންމާދާރުކަން ކޮންމެ ޒުވާނެއްގެ ކިބައިގައިވެސް އަށަގަންނަން ޖެހެއެވެ. މިއީ ހަމައެކަނި ދައުލަތުގެ ޒިންމާއެއްގެ ގޮތުގައި ދޫކޮށްލުމުގެ ބަދަލުގައި، އާއިލާތަކާއި ޒުވާނުން އަމިއްލައަށް އިސްނަގައިގެން ކުރަންޖެހޭ ގައުމީ މަސައްކަތެކެވެ.
މީގެ އިތުރުން، މިހާރު މި ބަލި ތަހައްމަލު ކުރަމުންދާ ކުދިންނަށް ބޭނުންވާ ލޭ ހޯދުމަކީ ކޮންމެ ދުވަހަކުވެސް އާއިލާތަކުން ކުރާ ބޮޑު ހަނގުރާމައެކެވެ. މި ގޮންޖެހުން ހައްލުކުރެވޭނީ ”ވޮލަންޓަރީ ބްލަޑް ޑޯނާސް“ ނުވަތަ އަމިއްލަ އިސްނެގުމާއެކު ލޭ ހަދިޔާކުރާ މީހުންގެ އަދަދު އިތުރުކޮށްގެންނެވެ. ލޭ ހަދިޔާކުރުމަކީ ހަމައެކަނި ބޭނުންޖެހޭ ވަގުތު ކުރާ ކަމެއްގެ ގޮތުގައި ނުބަލައި، އެއީ ދިރިއުޅުމުގެ ސަގާފަތެއް ނުވަތަ އާދައެއްގެ ގޮތުގައި ހެދުމަކީ، ތެލަސީމިއާ ކުދިންނަށް މުޖުތަމައުގެ ފަރާތުން ދެވޭނެ އެންމެ މަތިވެރި އިންސާނީ އެހީތެރިކަމެވެ.
ޒަމާނީ ސިއްހީ ފަރުވާގެ ތެރެއިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަކީ ބަލިން މުޅިން ފަސޭހަވުމަށް އޮތް އުންމީދެކެވެ. އެހެންނަމަވެސް، މިއީ ބޮޑު ހޭދައެއް ހިނގާ އަދި ގިނަ ފަހަރަށް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ފަރުވާއަކަށް ވާތީ، އަޅުގަނޑުމެންގެ އެންމެ ބޮޑު އިސްކަމެއް އަމާޒުކުރަންވީ ބަލި އުފެދުން ހުއްޓުވުމަށެވެ.
އެންމެން ގުޅިގެން، އެކަކު އަނެކަކަށް ހޭލުންތެރިކަން ފޯރުކޮށްދީގެން މަސައްކަތްކޮށްފިނަމަ، ރާއްޖެއިން ތަލަސީމިއާ މޭޖަރ ކުދިން އުފަންވުން ހުއްޓުވައި، އަންނާން އޮތް ޖީލުތަކަކީ ދުޅަހެޔޮ، ހަކަތަ ހުރި ޖީލުތަކަކަށް ހެދުމުގެ ފުރުސަތު އެބައޮތެވެ. މިއަދު އަޅުގަނޑުމެން އަޅާ ހޭލުންތެރިކަމުގެ ފިޔަވަޅަކީ މާދަމާގެ އުފާވެރި އާއިލާތަކުގެ ބިންގަލެވެ.
ތަލަސީމިއާގެ ކެރިއަރުންނަކީ ބަލިމީހުން ނޫންކަން މުޖުތަމައަށް ވިސްނައިދިނުމާއެކު، ތަފާތުކުރުންތަކެއް ނެތި އެކުދިންނަށް ފުރިހަމަ ފުރުސަތުތައް ހޯދައިދިނުމަކީވެސް އަޅުގަނޑުމެންގެ ބޮޑު މަސްއޫލިއްޔަތެކެވެ.

