ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނާއި ހިލާފަށް އަމަލުކޮށް ހުއްޖަތަކަށް ބަޖެޓް، ބަލައެއް ނުގަނެވޭނެ!

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީއަށް ހެލްތު މިނިސްޓްރީގެ ބައެއް ވެރިން މައުލޫމާތު ދެއްވަނީ (ފޮޓޯ/ރައްޔިތުންގެ މަޖިލިސް)
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަކީ ދައުލަތުގެ އެންމެ މަތީ ގާނޫނެވެ. ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުންނާއި، އިދާރާތަކަކުން އަމަލުކުރުން ލާޒިމުވާ އުސޫލުތައް ބަޔާންކޮށްފައިވަނީ މި ގާނޫނުއަސާސީއާއި އޭގެ ދަށުން ހެދޭ ގާނޫނުތަކުގައެވެ. ގާނޫނަކުން ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާނަމަ، އެކަމެއް އެގޮތަށް ކުރުމަކީ އިދާރާތަކުގެ މައްޗަށް އޮތް ގާނޫނީ ޒިންމާއެކެވެ. ނަމަވެސް، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ނުހެދި ދެ އަހަރު ދިގުލައިގެން ދިއުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، އެ ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި 14 ގަވައިދެއް ހަދައި ގެޒެޓް ކުރަންޖެހެއެވެ. ނަމަވެސް، ދެ އަހަރު ފާއިތުވެގެން ދިޔައިރުވެސް އަމަލީ ސިފައެއް އައިސްފައިވަނީ އެންމެ ދެ ގަވައިދަށެވެ. މިއީ ސީދާ ގާނޫނާ ހިލާފުވުމުގެ އިތުރުން، ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމާ ގުޅިފައިވާ މުހިންމު ނިޒާމަކަށް ވެވޭ ބޮޑު އިހުމާލެކެވެ. ގާނޫނުން ކަނޑައަޅާފައިވާ މުއްދަތަކީ އިޚުތިޔާރީ ކަމެއް ނޫނެވެ.

ހެލްތު މިނިސްޓްރީން މަޖިލީހުގެ ކޮމިޓީގައި ބަޖެޓުގެ ދަތިކަމުގެ ވާހަކަ ދެއްކެވި ނަމަވެސް، މިއީ ގާނޫނު ތަންފީޒު ނުކުރުމަށް ދެއްކޭނެ ގާނޫނީ ހުއްޖަތެއް ނޫނެވެ. ގާނޫނެއް ފާސްވެގެން އަންނައިރު، އެ ގާނޫނު ތަންފީޒު ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަކީ ސަރުކާރުގެ ޒިންމާއެކެވެ. ބޭރުގެ އެހީއަށް ނުވަތަ ޑަބްލިއުއެޗްއޯ ފަދަ ޖަމިއްޔާތަކުގެ ފަންޑަށް އިންތިޒާރުކޮށްގެން، ގައުމީ ފެންވަރުގެ ގާނޫނެއްގެ މަސައްކަތް ހުއްޓިފައި އޮތުމަކީ ދައުލަތުގެ ހިންގުމުގެ ނިޒާމުގެ ބަލިކަށިކަން ހާމަވާ ކަމެކެވެ.

މިހާތަނަށް ނުނިމި ހުރި ގަވައިދުތަކަކީ ރައްޔިތުންގެ އާންމު ދިރިއުޅުމާ ނުހަނު ގުޅުންހުރި ކަންކަމެވެ. އޭގެ ތެރޭގައި ކާބޯތަކެތި ލޭބަލްކުރުމާއި، އިމްޕޯޓް އެކްސްޕޯޓް ކުރުމާއި، އަދި ކުޑަކުދިންނަށް ދޭ ކިރުގެ ރައްކާތެރިކަމާ ގުޅޭ ގަވައިދުތައް ހިމެނެއެވެ. މި ގަވައިދުތައް ނެތި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އަމަލީ ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ. މިއީ މުޅި މުޖުތަމައުގެ ސިއްހީ ރައްކާތެރިކަން ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެންދާ ކަމެކެވެ.

ދައުލަތުގެ އިދާރާތަކުން ގާނޫނުތަކަށް އަމަލުކުރުމުގައި މިއަށްވުރެ ޒިންމާދާރުވާންޖެހެއެވެ. ގަވައިދުތައް ހެދުމަށް ބޭނުންވާ ފަންނީ މީހުން ހޯދުމާއި، އެކަމަށް ބޭނުންވާ ބަޖެޓު ހަމަޖެއްސުމަކީ އިދާރީ ހިންގުމުގެ ތެރެއިން ކުރަންޖެހޭ ކަންކަމެވެ. ގާނޫނު ހަދާ މަޖިލީހުން ފާސްކުރާ ގާނޫނުތަކަކީ ހަމައެކަނި ރީތިކޮށްލަން ލިޔެފައި ބަހައްޓާ އެއްޗަކަށް ވެގެން ނުވާނެއެވެ. އެއީ އޭގެ ފުރިހަމަ މާނައިގައި ތަންފީޒު ކުރެވެންޖެހޭ އެއްޗެކެވެ.

ކެއިން ބުއިމަކީ އިންސާނާގެ އެންމެ ވަރުގަދަ އދުން ކަމުގައި ވާއިރު ކެއުމާއި ބުއިމުގެ ރައްކާތެރިކަމަކީ ކަށަވަރު ކުރެވިފައި އޮންނަން ޖެހޭ އަސީސީ ހައްގެކެވެ. ކާބޯތަކެތި ރައްކާތެރި ކުރޭވެނެ އެއްވެސް މަގެއް ނެތުމަކީ އިންތިހާއަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ. ސިއްހަތާއި ކާބޯތަކެއްޗަކީ ވަކި ނުކުރެވޭނެ ދޭތި ކަމަށް އެންމެންވެސް ހެކިވާނެއެވެ. އެހެންނަމަވެސް ސިއްހީ ރައްކާތެރި ކަމާއި އަދި ކާބޯތަކެތީގެ ރައްކާތެރި ކަމަކީ އޭގެ ޒާތުގައި މުޅިން ތަފާތު ކަމެކެވެ. ބަޖެޓެއް އޮތަށް ނެތަސް އެންމެ އިސްކަން ދޭން ޖެހޭނެ ކަމަކީ ކާބޯތަކެތީގެ ރައްކާތެރި ކަމެވެ. ގާނޫނީ އޮނިގަނޑު ހަރުދަނާކޮށް ތަންފީޒް ކުރުމެވެ. އެއީ އެއްވެސް ހުއްޖަތެއް ބޭނުންވާ ކަމެއް ނޫނެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު ފުރިހަމައަށް ތަންފީޒު ކުރުމަށްޓަކައި، ބަޖެޓުގެ އުޒުރު ދެއްކުން ހުއްޓާލައި، މިހާރުން މިހާރަށް ހުރިހާ ގަވައިދުތަކެއް ނިންމައި ގެޒެޓްކުރަން ޖެހެއެވެ. ދައުލަތުގެ މުއައްސަސާތަކުން ގާނޫނަށް އިހުތިރާމްކޮށް، ކަނޑައެޅިފައިވާ މުއްދަތުތަކަށް އަމަލުކުރުމަކީ ޑިމޮކްރެޓިކް ނިޒާމެއްގެ އެންމެ އަސާސީ ސިފައެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްވުރެ މުހިންމު އެހެން އެއްވެސް ކަމެއް ދައުލަތުގެ މައްޗަކަށް ނޯންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: