ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލަ ބޭރުގެ ޤާނޫނީ މާހިރުންނާ ހަވާލުކުރުމުގެ ފަހުގެ މަރުހަލާތައް ފަށާފައިވާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސަރުކާރަށް އެންމެ ބޮޑަށް އޭރުގެ އިދިކޮޅުން ކުރި ތުހުމަތަކީ ރާއްޖެ – މޮރިޝަސް ކަނޑުގެ ސަރަހައްދު ފުށު އަރާ މައްސަލައިގައި އިންޓަނޭޝަނަލް ޓަރައިބިއުނަލް ލޯ އޮފް ދަ ސީސް (އިޓްލޮސް) ގައި ރާއްޖެއަށް ގެއްލުންވާ ގޮތަށް މައްސަލަ ނިމުނީ އެމަނިކުފާނު އެކަމުގައި އަމަލު ކުރެއްވި ގޮތުގެ ސަބަބުން ކަމަށެވެ. އަދި ރާއްޖެއިން ސްޓޭންޑު ބަދަލުކޮށް މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުވުމުގެ ފަހަތުގައި ވެސް ޑީލްތަކެއް ވާކަމަށް ބުނެފައި ވެއެވެ.
ގެއްލުނުކަމަށް ބުނާ ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަކީ، ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އަދި އެކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ރިޕޯޓުތަކެއް އެކުލަވާލައި އެކަމަށް މަސައްކަތް ކުރަމުންދާކަން ހާމަކޮށްފައި ވެއެވެ.
ގެއްލުނު ކަނޑުގެ ސަރަހައްދާއި ގުޅޭގޮތުން ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، އެ މަސައްކަތް ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން ސުވާލު ކުރުމުން އުޝާމް ވިދާޅުވީ، މި މައްސަލަ ދިރާސާކުރި ހާއްސަ ޓީމުގެ ރިކޮމެންޑޭޝަންތަކާ އެއްގޮތަށް ކުރިއަށް ދިއުމަށް ވަޒީރުންގެ މަޖިލީހުން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މި މަސައްކަތް ހަވާލުކުރެވޭ ފަރާތްތަކުގެ ތަފްސީލު ހާމަކުރެވޭނެކަމަށް އުޝާމް ވިދާޅުވިއެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި، ރައީސް މުއިއްޒު ވިދާޅުވީ 22 އޮގަސްޓް 2022 ގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގެ ސަބަބުން ރާއްޖޭގެ ސިޔާދަތަށް ނޭދެވޭ އަސަރުކޮށްފައިވާކަމަށް މާހިރުން ލަފާދީފައިވާކަމަށެވެ. އަދި އެކަމަށް ރިއާޔަތްކޮށް ކުރީ ސަރުކާރުން ފޮނުވި ސިޓީ ބާތިލުކޮށް ރާއްޖޭގެ އީއީޒެޑް އަމަލުކުރަން ފެށުމަށް ނިންމާފައިވާކަމަށެވެ.
މައްސަލައިގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅައި ސުވާލު ކުރުމަށް، ކޮމިޝަނެއް އުފައްދާނެކަމަށް ރައީސް ވަނީ އިއުލާނު ކުރައްވާފަ އެވެ.
ޗާގޮސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައިވާތީ، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައި ނެތެވެ. ސަރަހައްދީ އިން ވަކި ކުރުމުގައި އެއްބަސް ނުވެވޭ ހާލަތެއްގައި، ދެން އަމަލު ކުރަން ޖެހެނީ އިކުއިޑެސްޓެންސަށް ބަލައިގެންނެވެ. އެކަމަކު ރާއްޖެއަށް ބޮޑުބައި ލިބެން ވަކާލާތު ކުރެވެން އޮއްވައި ގަސްތުގައި އެ ގޮތް ދޫކުރީކަމަށް ތުހުމަތު ކުރެވެ އެވެ.

