ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރި ކްރޫޒް ޝިޕަކުން ފެނިފައިވާ ”ހަންޓާވައިރަސް“ ރާއްޖެއަށް ފެތުރުމުގެ ފުރުސަތު އޮތީ ވަރަށް ކުޑަ މިންވަރަކަށްކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އެޗްޕީއޭ ބުނީ، ސްޕެއިންގެ ޓެނެރީފް އައިލެންޑަށް ދަތުރުކުރި ”އެމް.ވީ ހޮންޑިއަސް“ ނަމަކަށް ކިޔާ ބޯޓުން ފެނުނު މި ބަލީގެ ހާލަތު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އާ ގުޅިގެން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި މިހާތަނަށް ރާއްޖެއިން މި ބަލީގެ އެއްވެސް މީހަކު ފެނިފައި ނުވާކަމަށާއި، ބަލި ޖެހުނު މީހަކާ ދިމާވި މީހަކު ވެސް ފާހަގަކުރެވިފައި ނުވާކަމަށް އެ އިދާރާގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ހަންޓާވައިރަސް އަކީ އާންމުކޮށް މީދާ އާއިލާގެ ޖަނަވާރުންގެ މެދުގައި ފެތުރޭ ވައިރަހެކެވެ. އަދި އިންސާނުންގެ ގަޔަށް މި ބަލި އަރަނީ ބަލި ޖެހިފައިވާ މީދަލުގެ ނަޖިސް ނުވަތަ ކުޅު ނޭވާލާ ނިޒާމުގެ ތެރެއަށް ވާސިލްވުމުންނެވެ. މިއީ އިންސާނުންގެ މެދުގައި ފެތުރުން ނާދިރު ބައްޔެއް ނަމަވެސް، ބަލި ޖެހިއްޖެ ނަމަ ނޭވާލާ ނިޒާމަށާއި ކިޑްނީއަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ.
ޑަބްލިއުއެޗްއޯ އިން ހާމަކޮށްފައިވާ ގޮތުގައި، އެ ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން މިހާތަނަށް ތިން މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. އަދި ފަސް މީހަކަށް ބަލި ޖެހިފައިވާކަން ކަށަވަރުވެފައިވާއިރު، އިތުރު ތިން މީހަކަށް ބަލި ޖެހިފައިވާކަމަށް ޝައްކު ކުރެވެއެވެ.
މި ބަލި އިންސާނުންގެ މެދުގައި ފެތުރެނީ ވަރަށް ގާތުން މުއާމަލާތްކޮށް، ކުޅު ފަދަ ތަކެތި ހަށިގަނޑަށް ވާސިލްވުމުންނެވެ.

