ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ (2008) ބިނާވެފައިވަނީ ބާރުތައް ވަކިކުރެވިފައިވާ، އަސާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދޭ، އަދި މުއައްސަސާތައް ޖަވާބުދާރީކުރުވޭނެ ފަދަ ޑިމޮކްރެޓިކް ނިޒާމެއްގެ މައްޗަށެވެ. ތިއަރީ ގޮތުން ބަލާއިރު، މިއީ ދައުލަތުގެ ބާރުތައް ސާފުކޮށް ކަނޑައަޅައި، އެއްވެސް ބާރަކަށް އޭގެ އިޚްތިޞާޞުން ބޭރުވުމުގެ ފުރުޞަތު ނުދިނުމަށް ފަރުމާކުރެވިފައިވާ ނިޒާމެކެވެ. ނަމަވެސް، ޢަމަލީ މައިދާނުގައި، ރާއްޖޭގެ ސިޔާސީ އަދި ޤާނޫނީ ބަހުސްތަކުގައި ތަކުރާރުކޮށް އުފެދޭ ކަންބޮޑުވުމަކީ މިއެވެ:
ޤާނޫނުއަސާސީގެ މާއްދާތައް އެއް މާއްދާ އަނެއް މާއްދާއާ ފުށުއަރާހެން ހުރުމާއި، މާނަކުރުމަށް ފުޅާ ފުރުޞަތުތަކެއް އޮތުމާއި، ނުވަތަ ޤާނޫނީ އިޚްތިޔާރު ބޭނުންކުރުމަށް ހަނި ދޫދުތަކެއް ނެތުމުގެ ސަބަބުން، އުފެދެނީ ސާފުކަމެއް ހެއްޔެވެ؟ ނުވަތަ ބާރުތައް ބޭނުންކުރަންޖެހޭ ގޮތާ މެދު ސިޔާސީ ގޮތުން އުފެދޭ މެދުނުކެނޑޭ ދެބަސްވުންތަކެއް ހެއްޔެވެ؟ މިއީ ހަމައެކަނި ފަލްސަފީ ސުވާލެއް ނޫނެވެ. މިއީ ރައްޔިތުންގެ މަޖިލީހުގައި ޤާނޫނުތައް ހަދާއިރު، އިޞްލާޙުކުރާއިރު، ނުވަތަ ގޮތް ނިންމާއިރު ތަކުރާރުކޮށް ކުރިމަތިވާ މައްސަލައެކެވެ.
އަސާސީ ޙައްޤުތައް: ސާފު އިބާރާތާއި، ދެބަސްވުން އުފެދޭ ތަންފީޛުކުރުން
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ ދަށުން ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަކަން ކަށަވަރުކޮށްދީ، 17 ވަނަ މާއްދާގެ ދަށުން އެއްވެސް ތަފާތުކުރުމެއް ގެންގުޅުން މަނާކުރެއެވެ. މީގެ އިތުރުން ޑިމޮކްރެޓިކް މުހިންމު މިނިވަންކަންތައްތައް ވެސް ކަށަވަރުކޮށްދެއެވެ:
- 27 ވަނަ މާއްދާ – ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން
- 32 ވަނަ މާއްދާ – އެއްވެސް ހުރަހެއްނެތި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން
ނަމަވެސް، މި ހުރިހާ ޙައްޤުތަކަކީ ވެސް ”ޤާނޫނުން ކަނޑައެޅޭ ހުދޫދުތަކެއްގެ ތެރޭގައި“ ހިމެނޭ ޙައްޤުތަކެކެވެ. ސިޔާސީ ބަހުސްތައް ފެށޭ ހިސާބަކީ މިއީއެވެ.
މުޒާހަރާކުރުމާއި، މީޑިއާ ރެގިއުލޭޓްކުރުން ނުވަތަ އާންމު ނިޒާމާ ގުޅޭ ޤާނޫނުތައް މަޖިލީހަށް ހުށަހެޅޭ ހިނދު، ސަރުކާރާއި އިދިކޮޅު މެންބަރުންގެ މެދުގައި އަބަދުވެސް ޚިޔާލު ތަފާތުވުން އުފެދޭ ބައެއް ކަންކަން ފާހަގަ ކޮށްލާނަމެވެ.
- ހުށަހެޅޭ ހަނިކުރުންތަކަކީ އަމަނުއަމާންކަމަށް ކޮންމެހެން ބޭނުންތެރި ކަމެއްތޯ؟
- ނުވަތަ އެއީ ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތައް ނުހަނު ބޮޑަށް ހަނިކުރުންތޯ؟
މިސާލަކަށް، މަގުމަތީގައި އެއްވުންތައް ބޭއްވުމާ ގުޅޭ ޤަވާއިދުތަކަށް ބަހުސްކުރާއިރު، އެއް ބަޔަކު ފާގަކުރަނީ އެއީ ރައްކާތެރިކަމަށާއި ދަތުރުފަތުރަށް ހުރަސްނޭޅުމަށް ބޭނުންވާ ކަންކަން ކަމަށެވެ. ނަމަވެސް އަނެއް ބަޔަކު ދެކޭ ގޮތުގައި އެފަދަ ހުރަސްތަކުގެ ސަބަބުން 32 ވަނަ މާއްދާގެ ދަށުން ލިބިދޭ ޙައްޤުގެ ބޭނުން ޢަމަލީ ގޮތުން ހިފުން އުނދަގޫވެ، އެ ޙައްޤުގެ ބާރު ކެނޑިގެންދެއެވެ.
އެހެންކަމުން، ޤާނޫނުއަސާސީގެ މައިގަނޑު ކަންބޮޑުވުމަކަށް ވަނީ ޙައްޤުތައް ޤާނޫނުއަސާސީން ކަށަވަރުކޮށްދީ، ނަމަވެސް ޤާނޫނަކުން އެ ޙައްޤުތައް ހަނިކުރެވޭއިރު، އެ ޙައްޤަކީ ހަމައެކަނި ނަމެއްގައި އޮންނަ އެއްޗަކަށް ވުމުގެ ކުރިން، މަޖިލީހަށް އެ ޙައްޤު ހަނިކުރެވޭނީ ކިހާ މިންވަރަކަށް ހެއްޔެވެ؟
ބާރުތައް ފުށުއެރުމާއި މުއައްސަސާތަކުގެ މަސްއޫލިއްޔަތު
ޤާނޫނުއަސާސީން ބާރުތައް ވަކިކޮށް، 141 ވަނަ މާއްދާގެ ދަށުން އަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ މިނިވަންކަން ކަށަވަރުކޮށްދެއެވެ. އެހެންނަމަވެސް، މި ނިޒާމު ހިނގުމަށްޓަކައި އެކި މުއައްސަސާތައް ޚާއްޞަކޮށް ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، މިނިވަން މުއައްސަސާތައް ގުޅިގެން މަސައްކަތްކުރަން ޖެހެއެވެ.
ބާރުތައް ފުށުއެރުމުގެ މައްސަލަ ސިޔާސީ ގޮތުން އެންމެ ބޮޑަށް ފާހަގަވަނީ މިދެންނެވި މުއައްސަސާތަކުގެ ދައުރާ ގުޅޭގޮތުންނެވެ. މަޖިލީހުގެ ބަހުސްތަކުގައި މިކަން ފެންމަތިވަނީ މިނިވަން މުއައްސަސާތަކަށް މީހުން އައްޔަންކުރުމުގައި، ރެގިއުލޭޓަރީ އިދާރާތައް ސުޕަވައިޒްކުރުމުގައި، ނުވަތަ ސަރުކާރުގެ ނިންމުންތަކަށް ޖަވާބުދާރީކުރުވުމުގައެވެ.
މިސާލަކަށް، މިނިވަން މުއައްސަސާތަކަށް މީހުން އައްޔަންކުރުމުގެ މަރުޙަލާގައި، ސަރުކާރާއި މަޖިލީހުގެ ދައުރު އޮންނަ އޮތުމަކީ އެ މުއައްސަސާއެއްގެ މިނިވަންކަން ގެއްލޭ ކަމެއްތޯ މެންބަރުން ބަހުސްކުރެއެވެ. އެއް ބަޔަކު ދެކޭގޮތުގައި މިއީ ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ޖަވާބުދާރީކުރުވުން ކަމަށެވެ. ނަމަވެސް އަނެއް ބަޔަކު ދެކޭ ގޮތުގައި މިއީ މިނިވަންކަމާއެކު ހިނގަންޖެހޭ މުއައްސަސާތަކުގެ މައްޗަށް ނުސީދާ ސިޔާސީ ނުފޫޒު ފޯރުވުމެވެ.
މީގެ ސަބަބުން މަޖިލީހުގައި ތަކުރާރުކޮށް އުފެދޭ ސުވާލަކީ:
ޤާނޫނުއަސާސީގެ ދަށުން މުއައްސަސާއެއްގެ ކޮންޓްރޯލް އޮންނަ ނަމަ، އެ މުއައްސަސާއެއްގެ މިނިވަންކަން ނިމި، ސިޔާސީ ނުފޫޒު ފެށެނީ ކޮން ހިސާބަކުން ހެއްޔެވެ؟
ޤާނޫނުއަސާސީ މާނަކުރުމާއި މަޖިލީހުގެ ޤާނޫނީ ދެބަސްވުންތައް
މަޖިލީހުގެ ބަހުސްތަކުގެ މައިގަނޑު އަޞްލަކީ ހަމައެކަނި ޤާނޫނުއަސާސީގައި އޮތް އެއްޗެއް ނޫނެވެ. އެއީ އެ އޮތް އެއްޗެއް މާނަކުރާ ގޮތެވެ. މިސާލަކަށް، އާންމު ސިޔާސަތުތަކާއި، ވަޒީފާގެ ނިންމުންތަކާއި، ނުވަތަ ދައުލަތުގެ ޢިނާޔަތްތަކާ ގުޅޭގޮތުން ވާހަކަދައްކާއިރު 16 ވަނަ މާއްދާ (ޤާނޫނުގެ ކުރިމަތީގައި ހަމަހަމަވުން) އަށް ވަރަށް ބޮޑަށް ރިޢާޔަތްކުރެވެއެވެ. ނަމަވެސް، ވަކި ސިޔާސަތަކީ ހަމަހަމަކަން ގެއްލޭ ކަމެއްތޯ ނުވަތަ އެއީ ޤާނޫނީ އިޚްތިޔާރުގެ ތެރޭގައި ހިމެނޭ ކަމެއްތޯ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވެއެވެ.
ހަމައެފަދައިން، މީޑިއާ ރެގިއުލޭޓްކުރުމުގެ ނުވަތަ އަބުރާ ބެހުމުގެ ޤާނޫނުތަކުގެ ބަހުސްގައި 27 ވަނަ މާއްދާ (ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން) މައިގަނޑު ދައުރެއް އަދާކުރެއެވެ. އެއް ބަޔަކު ފާހަގަކުރާގޮތުގައި ހަނިކުރުންތަކަކީ އާންމު މަޞްލަޙަތާއި އަބުރު ރައްކާތެރިކުރުމަށް ބޭނުންވާ ކަމެއް ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އެއީ ނުސީދާ ގޮތެއްގައި ސެންސަރުކުރުން ކަމަށެވެ.
މީގެ ސަބަބުން، ކޯޓުތަކާ ހަމައަށް މައްސަލަ ދިއުމުގެ ކުރިން، ޤާނޫނުއަސާސީ މާނަކުރުމުގެ ފުރަތަމަ ހަނގުރާމަ ފެށޭ ތަނަކީ ރައްޔިތުންގެ މަޖިލީހެވެ. އެހެންކަމުން، މީގެ އަޞްލު މައްސަލައަކީ ޤާނޫނުއަސާސީގެ އެއް މާއްދާއަކުން ސިޔާސީ ދެ ވިސްނުމުގެ ބަހުސަށް ވެސް ބާރު ލިބޭއިރު، މާނަކުރުމަކީ ޤާނޫނީ މަރުޙަލާއެއް ހެއްޔެވެ؟ ނުވަތަ ސިޔާސީ މަރުޙަލާއެއް ހެއްޔެވެ؟
ކުއްލި ނުރައްކަލުގެ ހާލަތާއި އަމަނުއަމާންކަމުގެ ބާރުތައް
ކުއްލި ނުރައްކަލުގެ ހާލަތްތަކާ ގުޅޭ އުޞޫލުތަކާއި އާންމު އަމާންކަމާ ގުޅޭ ޤާނޫނުތަކަކީ މަޖިލީހުގައި ތަކުރާރުކޮށް ބަހުސްކުރެވޭ މައުޟޫޢެކެވެ. ޤާނޫނުއަސާސީން ޚާއްޞަ ހާލަތްތަކުގައި ދައުލަތް ހިންގާ ބާރަށް ބާރުތަކެއް ދިން ނަމަވެސް، އެ ބާރުތައް ދެމިއޮންނަންޖެހޭ މިންވަރާ މެދު މަޖިލީހުގައި ބަހުސް ހިނގައެވެ.
މިސާލަކަށް:
- ކުއްލި ހާލަތުގައި ގެންނަ ހަނިކުރުންތައް އަމިއްލައަށް ނިމުމަކަށް އަންނަންޖެހޭނެތޯ، ނުވަތަ ޤާނޫނަކުން އެ މުއްދަތު އިތުރުކުރެވޭނެތޯ؟
- ސަރުކާރުން ނިންމާ ކުއްލި ނުރައްކަލުގެ ނިންމުންތަކުގެ މައްޗަށް މަޖިލީހުގެ ބާރު އޮންނަންވީ ކިހާ މިންވަރަކަށްތޯ؟
- ”ވަގުތީ ބޭނުމަކަށް“ ދެވޭ ބާރެއް، ދާއިމީ ހަނިކުރުމަކަށް ބަދަލުވަނީ ކޮން ހިސާބަކުންތޯ؟
މި ބަހުސްތަކުން ފެންނަނީ އެންމެންގެ ވެސް އޮތް އެއް ކަންބޮޑުވުމެކެވެ. އެއީ، ޤާނޫނީ ގޮތުން ޞައްޙަވި ނަމަވެސް، ކުއްލި ހާލަތުގެ ބާރުތަކުގެ ސަބަބުން އާންމު ޙައްޤުތައް ބޭނުންކުރުމަށް އޮންނަ ފުރުޞަތު ދާއިމީ ގޮތެއްގައި ބަދަލުވެގެން ހިނގައިދާނެ ކަމުގެ ބިރެވެ. މިއީ ޤާނޫނީ މުހިންމު ސުވާލެއް އުފައްދާ ކަމެކެވެ. ކުއްލި ހާލަތުގެ ބާރުތަކަކީ އާންމު އުޞޫލަކަށް ނުވެ، އެއީ ހަމައެކަނި ޚާއްޞަ ހާލަތްތަކުގައި ބޭނުންކުރާ ބާރުތަކެއްކަން މަޖިލީހުން ކަށަވަރުކުރާނީ ކިހިނެއް ހެއްޔެވެ؟
މައިގަނޑު މައްސަލަ: ޤާނޫނާއި ސިޔާސީ މާނަކުރުން
މަޖިލީހުގެ މި ބަހުސްތަކުން އެނގެނީ މައްސަލައަކީ ޤާނޫނުއަސާސީއާ މެދު އޮތް ދެބަސްވުމެއް ނޫން ކަމެވެ. އެއީ ޢަމަލީ ގޮތުން އޭގެ މާނައާ މެދު އޮތް ދެބަސްވުމެކެވެ. އެއް ފަރާތަކުން ދެކޭ ގޮތުގައި ޤާނޫނުއަސާސީއަކީ ލުއި އެއްޗެކެވެ؛ އެއީ މާނަކުރުމަށާއި، ހާލަތަށް ފެއްތުމަށާއި، ޤާނޫނީ އިޚްތިޔާރު ބޭނުންކުރުމަށް ފުރުޞަތުދޭ އެއްޗެކެވެ. އަނެއް ފަރާތުން ދެކޭ ގޮތުގައި އެ ލުއިކަމުގެ ސަބަބުން، ސިޔާސީ މަޤާމަށް ބަލައި އެއް މާއްދާއަކުން ތަފާތު ސިޔާސަތުތަކެއް ދިފާޢުކުރެވޭތީ، އެއީ ނިޒާމު ހަމަނުޖެހުމަކަށް ހުށަހެޅޭ ކަމެކެވެ. އެހެންކަމުން، ޙައްޤުތަކާއި، މުއައްސަސާތަކާއި، ނުވަތަ ހިންގުމާ ގުޅޭ ޤާނޫނުތަކަށް މަޖިލީހުން ބަހުސްކުރާއިރު، އަޞްލު މައްސަލައަކީ މިއެވެ. މިއީ ޤާނޫނުއަސާސީގެ ހުދޫދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ހެއްޔެވެ؟ ނުވަތަ މިއީ މާނަކުރުމުގެ ތެރެއިން ޤާނޫނުއަސާސީގެ ބާރު ކަނޑުވާލުން ހެއްޔެވެ؟
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ އޮނިގަނޑަކީ އޮޅުންބޮޅުން ބޮޑު އެއްޗެއް ނޫނެވެ. ނަމަވެސް، އެ ތަންފީޛުކުރުން ބިނާވެފައިވަނީ އެކި ފަރާތްތަކުން މާނަކުރާ ގޮތަށާއި، މުއައްސަސާތަކުގެ ގުޅުމަށާއި، އަދި ސިޔާސީ ބަހުސްތަކުގެ މައްޗަށެވެ. އެހެންކަމުން، އެންމެ މައިގަނޑު ސުވާލަކީ މި ޤާނޫނުއަސާސީގެ މާއްދާތައް ފުށުއަރައި، އެކި ގޮތްގޮތަށް މާނަކުރުމުގެ ފުރުޞަތު އޮތުމުން، އުފެދެނީ ޑިމޮކްރެޓިކް ހަމަޖެހުމެއް ހެއްޔެވެ؟ ނުވަތަ ޤާނޫނުއަސާސީން ލާޒިމު ކުރާ ކަންކަމާ މެދު އުފެދޭ މެދުނުކެނޑޭ ދެބަސްވުންތަކެއް ހެއްޔެވެ؟

