ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙާ އިންޑިއާގައި ބައްދަލު ކުރައްވައި މަޝްވަރާތަކެއް ކުރެއްވި ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށާއި، ނަމަވެސް މިވަގުތު އިންޑިއާގައި ހުންނެވި ރައީސް ސާލިޙާ ފޯނުން ގުޅުއްވައި ވާހަކަފުޅު ދެއްކެވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އިންޑިއާގައި ބޭއްވި ”އިންޑިއަން އޯޝަން ޑަޔަލޮގް 2026“ ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ނިއުދިއްލީއަށް ކުރެއްވި ދަތުރުފުޅުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހާ ބައްދަލުކުރެއްވި ކަމަށް މީޑިއާގައި ފެތުރުނު ޚަބަރުތައް ނަޝީދު ވަނީ ދޮގުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ”ދެ ބޭފުޅުން ބައްދަލުވެފައި ނުވާ“ ކަމަށާއި، ނަމަވެސް ފޯނުން ވާހަކަދެއްކެވި ކަމަށެވެ. އެހެންނަމަވެސް، ފޯނުން ދެއްކެވި ވާހަކައިގެ އެއްވެސް ތަފްޞީލެއް އެމަނިކުފާނު ހާމައެއް ނުކުރައްވައެވެ.
ދަތުރުފުޅާއި ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ ކަނޑުގެ ސަރަޙައްދުގެ 23 ޤައުމެއް ބައިވެރިވި މި ފޯރަމަކީ މުޅި ސަރަޙައްދީ މަޞްލަޙަތާ ގުޅޭ ގިނަގުނަ މަޝްވަރާތަކެއް ކުރެވުނު މުހިންމު މައިދާނެއް ކަމަށެވެ.
މި ދަތުރުފުޅުގައި މޮރިޝަސްގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި، ރާއްޖެއާއި މޮރިޝަސްއާ ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުން އަލުން އިއާދަކުރުމަށް ބާރުއެޅުއްވި ކަމަށް ވިދާޅުވިއެވެ. މޮރިޝަސްގެ ފަރާތުން ވެސް މަޝްވަރާއަށް ތައްޔާރަށް ތިބިކަމުގެ އިޝާރާތެއް ލިބިފައިވާތީ، ދިވެހި ސަރުކާރުން އެ މަގަށް މަސައްކަތް ކުރުމަށް ނަޝީދު އެދިވަޑައިގެންނެވިއެވެ.
އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ބޮންޑު ނުވަތަ ޓްރެޜަރީ ބިލެއްގެ ފައިސާ ދެއްކުމާ ގުޅޭގޮތުން ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަންނަ ހަފުތާ ނުވަތަ އަންނަ މަހުގެ ތެރޭގައި މި ފައިސާ ދައްކަންޖެހޭ އިރު، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް އޮތް ޕްރެޝަރާ މެދު އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ. ސަރުކާރުގެ ޚަރަދުތައް ބެލެހެއްޓުމުގައި ހަރުދަނާ އުޞޫލުތަކެއް ގެންގުޅުމަކީ ބޭރުގެ މާލީ އިދާރާތަކާއި ބައިވެރިންގެ އިތުބާރު ހޯދުމަށް މުހިންމު ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

