މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން ކަމުގެ މަޤާމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންތިޚާބުވެވަޑައިގެންފިނަމަ، އެ ޕާޓީއަށް އާ ދިރުމަކާއި ޖޯޝެއް ލިބި، އިދިކޮޅު ޕާޓީއެއްގެ ދައުރު މިހާރަށްވުރެ ވަރުގަދައަށް ފެންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ “ ހަބަރަށްފަހު“ ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އިމްތިޔާޒް ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައާއި، ޚާއްޞަކޮށް ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކާ ގުޅިގެން އެމްޑީޕީން އަބަދުވެސް ދަނީ ސަރުކާރަށް ފާޑުކިޔައި އަޑުއުފުލަމުންނެވެ. ނަމަވެސް، ފަހަކަށް އައިސް އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން އެމްޑީޕީން ފެންނަންޖެހޭ ވަރުގަދަ މަސައްކަތްތަކެއް ނުފެންނަކަމުގެ އިޙްސާސް ގިނަ ބަޔަކަށް ކުރެވޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް ޗެއަރޕާސަން އިންތިޚާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިމްތިޔާޒް ވިދާޅުވީ، ނަޝީދު އެ މަޤާމަށް ވަޑައިގަތުމަކީ ސިޔާސީ ހަރަކާތްތައް އިތުރަށް ވަރުގަދަވެ، ބޮޑެތި އެއްވުންތައް ބޭއްވި، އިދިކޮޅު ޕާޓީއެއްގެ ދައުރު ފުރިހަމައަށް އަދާކުރެވޭނެ ކަމެއް ކަމަށެވެ. ”އެމްޑީޕީގެ ނަން އިވުމާއެކު ގިނަ ބައެއްގެ ހިތަށް އެންމެ ފުރަތަމަ ވެސް އަންނަނީ ނަޝީދުގެ ނަންފުޅު. އެހެންކަމުން، މިވަގުތު ޕާޓީއަށް އެންމެ ބޭނުންވަނީ އެމަނިކުފާނު ފަދަ ލީޑަރެއް،“ އިމްތިޔާޒް ވިދާޅުވިއެވެ.
ނަޝީދުގެ ސިޔާސީ އުކުޅުތަކަށާއި ތަޞައްވުރަށް ތައުރީފު ކުރައްވަމުން އިމްތިޔާޒް ވިދާޅުވީ، ސަރުކާރުން ހުށަހަޅާ އިޞްލާޙީ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރަން ތައްޔާރަށް ހުންނެވިކަން ނަޝީދު މިހާރުވެސް ހާމަކުރައްވާފައިވާ ކަމަށެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި މުޒާހަރާތަކަށް ނިކުމެގެން ވިޔަސް، ނަޝީދުގެ ލީޑަރޝިޕްގެ ދަށުން އެމްޑީޕީއަކީ ހަރަކާތްތެރި އަދި ވަރުގަދަ ޕާޓީއެއްގެ ގޮތުގައި އަލުން ފެނިގެންދާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
ޒުވާނުން ސިޔާސީ ދާއިރާއަށް ނެރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން އިމްތިޔާޒް ވިދާޅުވީ، ނަޝީދަކީ ސިޔާސީ މަސައްކަތްތައް ޒުވާން އުމުރުގައި އެންމެ ތިރިން ފައްޓަވައިގެން، އެއްވެސް ކުރުމަގަކުން ވަޑައިނުގެން ކޮންމެ މަރުހަލާއެއް ގިރާކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. މީގެއިތުރުން، ނަޝީދު އަމަލީ ގޮތުން ކެމްޕޭނަށް ނިކުމެވަޑައިގަތުމުން، ޕާޓީގެ އެހެން ބައެއް އިސް ފަރާތްތަކުގެ ފެނުން މަދުވެފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

