ބުއްދިވެރިންނަކީ މާޒީއިން އިބްރަތް ހޯދައިގެން ކުރިއަށްދާން އިނގޭ މީހުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ، ނިމިދިޔަ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި އއ. ހިމަންދޫއިން ކޮންގްރެސް ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ ބުރާސްފަތި ދުވަހުގެރޭ އެ ޕާޓީގެ ފަރާތުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އަބްދުއްރަހީމް ވިދާޅުވީ، އިއްޔެ ވެރިކަންކޮށްފައި ތިއްބެވި ބޭފުޅުން ވެރިކަން ކުރެއްވި ގޮތާއި އެބޭބޭފުޅުން ކަންކުރެއްވި ގޮތާއި އޭގެ ނަތީޖާ މިއަދު ދިވެހި ރައްޔިތުންނަށް ފެނިފައިވާނެކަމަށެވެ. އިއްޔެއާއި ދޭތެރޭ ނުވިސްނަންޏާ މާދަމާއެއް ނުހޯދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
“ އިއްޔެ ވެރިކަންކޮށްފައި ތިއްބެވި ބޭފުޅުން ވެރިކަން ކުރެއްވި ގޮތާއި އެބޭބޭފުޅުން ކަންކުރެއްވި ގޮތާއި އޭގެ ނަތީޖާ މިއަދު އަޅުގަނޑުމެންނަށް އިނގޭ. އިއްޔެއާއި ދޭތެރޭ ނުވިސްނަންޏާ މާދަމާއެއް އަޅުގަނޑުމެންނަކަށް ނުހޯދޭނެ. “ އަބްދުއްރަހީމް އަބްދުﷲ
މިގޮތުން މާޒީއިން އިބްރަތް ހޯއްދަވައިގެން މާދަމާއެއް ބިނާކުރެއްވުމަށް ކެރިވަޑައިގެން ހުންނެވި ހަމަ އެކަނި ލީޑަރަކީ އަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒުގެ އެ ހިތްވަރު ހުންނެވިކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ. މީގެ ހެއްކަކީ ކައުންސިލް އިންތިޚާބުގެ ނަތީޖާ ބަލައިގަނެ ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރައްވަން އެމަނިކުފާނު ތައްޔާރަށް ހުންނެވިކަމުގައި އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
ފާއިތުވި ދެއަހަރަށް ބައްލަވާލައްވައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ. މުއިއްޒު ބައްދަލު ނުކުރައްވާ ކައުންސިލެއް އަދި ވަޑައިނުގަންނަވާ ރަށެއް ނެތް ކަމަށެވެ. އަދި ޖަލްސާތަކަށް ވަޑައިގެންނެވުމުގެ ކުރީން އެމަނިކުފާނު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި ބައްދަލު ކުރައްވާ ކަންބޮޑުވުންތައް އަޑު އައްސަވާކަމަށް އޭނާ ވިދާޅުވިއެވެ.
މިގޮތުން އެކަންބޮޑުވުންތައް ހުދު އެމަނިކުފާނު ނޯޓްކުރައްވާ ރައްޔިތުންގެ ގާތަށް ވަޑައިގެން ޖަލްސާތަކުގައި ވާހަކަ ދައްކަވާ، ރައްޔިތުންގެ ހިތްތަކަށް ތަސައްލީ ގެންނަވާކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. މިނިޒާމުގައި މިގޮތަށް ކަންކުރެއްވި އެއްވެސް ވެރިއެއް ނުހުންނަވާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ޤައުމެއް ބިނާކޮށް މާދަމާގެ މުސްތައުބަލް އުޖާލާ ކުރެވޭނީ ރައްޔިތުންގެ ފަޅީގައި ރައްޔިތުންނާއިއެކު ތިބެގެން ކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތުން ޕީއެންސީ މިތިބީ ސާބިތުކަމާއިއެކު ރައީސް ޑރ. މުއިއްޒުއާއި އެކު ރައްޔިތުންގެ ފަޅިގައިކަމަށް އޭނާ ވިދާޅުވިއެވެ.

