ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކްސް މައުލޫމާތު އެއްކޮށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވާފައިވަނީ ރާއްޖޭގައި ގަވާއިދާ އެއްގޮތަށް މަސައްކަތްކުރާ ބިދޭސީންގެ ދަފްތަރު ފުރިހަމަކުރުމަށް ކުރަމުންދާ މަސައްކަތުގެ ތަފާސްހިސާބުތައް ހާމަކުރައްވަމުންނެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް ’އެކްސް‘ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ސައްޙަކަން ކަށަވަރު ކުރެވިފައިވާ އެކްޓިވް ވޯކްޕަރމިޓުގައި މިވަގުތު ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން ގިނަ ބައެއްގެ ބަޔޯމެޓްރިކްސް މިހާރު ނިޒާމުގެ ތެރެއަށް ވައްދާފައިވާ ކަމަށެވެ. މީގެ ތެރޭގައި ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި، ސާފު ފޮޓޯ ނެގުން ހިމެނެއެވެ.
މި ސަރުކާރުން މަސްއޫލިއްޔަތާ ހަވާލުވިއިރު މި މަސައްކަތް އޮތް ހާލަތާ އަޅާބަލާއިރު މިއީ ބޮޑު ކުރިއެރުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން 17 ނޮވެމްބަރު 2023 ގައި މި އަދަދު ހުރީ އެންމެ 13 އިންސައްތައިގައެވެ. ނަމަވެސް، ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި ކުރެވުނު ބުރަ މަސައްކަތުން، ރާއްޖޭގައި ތިބި ގިނަ އަދަދެއްގެ ބިދޭސީންގެ މައުލޫމާތު މިހާރު ވަނީ ކަށަވަރުކުރެވިފައެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެކެވެ. މި މަސައްކަތުގެ ދެން އޮތް ފިޔަވަހީގައި، ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ކުރެވޭނެ އެންމެ މުހިންމު ކަމަކީ، ގަވާއިދާ ޚިލާފަށް އުޅޭ ބާކީ ތިބި މީހުން ހޯދައި، އެމީހުން ރާއްޖެއިން ޑިޕޯޓުކުރުމުގެ ޚާއްސަ މަސައްކަތްތައް ހިންގުން ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން މި މަސައްކަތް ކުރިއަށް ގެންދަނީ ރާއްޖޭގެ އަމަންއަމާންކަން ދަމަހައްޓައި، ބިދޭސީ މަސައްކަތްތެރިންނަކީ ގައުމުގެ ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލަނބާ ބައެއްކަން ކަށަވަރު ކުރުމުގެ ބޭނުމުގައެވެ. މީގެ އިތުރުން، މި ނިޒާމުގެ ސަބަބުން ކުށްކުރާ ބިދޭސީން ދެނެގަތުމަށާއި، ގައުމީ ސަލާމަތް ވަރުގަދަކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

