މާލޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 250 އަށްވުރެ ގިނަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ފަރާތްތައް އަތުލައިގަނެފައިވަނީ ކަމާބެހޭ މުއައްސަސާތައް ގުޅިގެން މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
”އޮޕަރޭޝަން ކުރަނގި“ ގެ ތިންވަނަ ފިޔަވަހީގެ ދަށުން ކުރިއަށްގެންދިޔަ މި ހަރަކާތަކީ ބަޔޯމެޓްރިކް މައުލޫމާތު ދިނުމަށް އުޒުރުވެރިވެ، ފިލައިގެން އުޅޭ ބިދޭސީން ހޯދުމަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނެކެވެ. މޯލްޑިވްސް އިމިގްރޭޝަނާއި، ފުލުހުންގެ އިތުރުން ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ބައިވެރިވި މި އޮޕަރޭޝަނުގައި ދެ ގަޑިއިރުގެ ތެރޭގައި 639 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. މި ފާސްކުރުންތަކުގެ ތެރޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދިޔަ ދެ ތަނެއް ވަނީ ބަންދުކޮށްފައެވެ.
މި އޮޕަރޭޝަނުގައި ޖުމްލަ 1،344 ބިދޭސީންގެ މައުލޫމާތު ޗެކްކޮށްފައިވާއިރު، އޭގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅުނު 254 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ހިމެނެނީ 219 ފިރިހެނުންނާއި 35 އަންހެނުންނެވެ.
އިމިގްރޭޝަނުން ފާހަގަކުރި ގޮތުގައި، މި އޮޕަރޭޝަންތަކުން އެންމެ ބޮޑަށް ފާހަގަވަނީ ”އޯޕަން ވީޒާ“ ގެ ނަމުގައި ރާއްޖޭގައި އުޅޭ ބިދޭސީން އިތުރުވަމުންދާ ކަމެވެ. ގިނަ ފަހަރަށް މުއްދަތު ހަމަނުވާ ވިޒާ އޮތް ނަމަވެސް، އެ ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ހުއްދަ ދޫކޮށްފައިވާ ދާއިރާ ނޫން އެހެން ދާއިރާތަކުގައެވެ. އަދި އަމިއްލައަށް ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ހޯދަމުންދާކަން ވެސް މުއައްސަސާތަކަށް ވަނީ ފާހަގަކުރެވިފައެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މި މަސައްކަތުގެ ދަށުން، އެފަދަ ފަރާތްތައް އަނބުރާ ގައުމަށް ފޮނުވާލުމުގެ އިތުރުން، ބިދޭސީންނާ މެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިދާރާތަކުން ވަނީ ދީފައެވެ. މިކަމުގައި އާންމު ރައްޔިތުންނާއި ވަޒީފާދޭ ފަރާތްތަކުން ޒިންމާދާރުވުމަށް އިމިގްރޭޝަނުން އިލްތިމާސްކުރެއެވެ.

