ދިވެހި ޤައުމު މިނިވަންކަމާއެކު މިއަދާހަމައަށް ގެނެސްދީފައި ވަނީ ދިވެހި ސިފައިންގެ ހިތްވަރާއި ޖިހާދުން ކަމަށާއި، ދިވެހި ޤައުމު ދެކެ ލޯބިވާ ކޮންމެ މީހެއްގެ ހިތުގައި އެންމެ ފަޚްރުވެރި މަޤާމު އޮންނަން ވާނީ ދިވެހި ސިފައިންނަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގައުމުގެ މިނިވަންކަން ދެމެހެއްޓުމުގެ އެންމެ މަތިވެރި ޒިންމާ ރެޔާއި ދުވާލު އަދާކުރަމުންދާ ފަހުރުވެރި ފަރާތްތަކަކީ ދިވެހި ސިފައިން ކަމަށެވެ.
ދިވެހި ގައުމު މިނިވަންކަމާއެކު މިއަދާ ހަމައަށް ގެނެސްދިނުމުގައި ސިފައިން ދައްކާފައިވަނީ ނަމޫނާ ހިތްވަރެއްކަން ފާހަގަކުރައްވައި، ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ސިފައިންނަށް ދެވިފައިވަނީ އެންމެ ފަހުރުވެރި މަގާމުކަމަށް އެމަނިކްފާނު ވިދާޅުވިއެވެ.
މި ވެރިކަން ފެށުނީއްސުރެ ސިފައިންގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އިންޑިވިޖުއަލް ހައިސިއްޔަތުން ސިފައިންގެ ހުނަރު ތަރައްގީކުރުމާއި، ސިފައިންނަށް ލިބެންޖެހޭ ހައްގުތަކާއި ވަސީލަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށެވެ. ރާއްޖެއަކީ އާބާދީގެ ގޮތުން ކުޑަ ގައުމެއް ނަމަވެސް، މިއީ އިންޑިއާ ކަނޑުގެ ބޮޑު ސަރަހައްދެއް ބަލަހައްޓަންޖެހޭ ގައުމެއްކަން ފާހަގަކުރައްވައި، އެމަނިކްފާނު ވިދާޅުވީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް މިހާރު ވަރުގަދަކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އޭރިއާ ކޮމާންޑް ސެންޓަރުތައް އިތުރަށް ތަރައްގީކޮށް، ސިފައިންގެ މީހާގެ އާއިލާ ދިރިއުޅޭ ސަރަހައްދަކުން ޚިދުމަތް އަދާކުރެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމަށްވެސް ރައީސް ވައުދުވެވަޑައިގަތެވެ.
ސިފައިންގެ ވަޒީފާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މިހާރު އޮތް ބައެއް ގަވާއިދުތަކަށް ބަދަލު ގެންނަވާނެކަން އިއުލާން ކުރައްވާފައެވެ. އެގޮތުން، ވަކި މުއްދަތެއް ވަންދެން އެއް ރޭންކެއްގައި ޕްރޮމޯޓް ނުވެ ހުރެއްޖެނަމަ ވަޒީފާއިން ވަކިކުރަންޖެހޭ ގަވާއިދަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށާއި، އެ ގަވާއިދު ބަދަލުކޮށް ސިފައިންގެ މަގާމުގައި ދެމިހުރެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، ރިޓަޔަރމަންޓް ގަވާއިދަށް އިސްލާހު ގެނެސް، ޚިދުމަތް ކުރި މުއްދަތަށް ބަލައި ރިޓަޔަރމަންޓް ފައިސާގެ އަދަދަށް ހެޔޮ ބަދަލެއް ގެންނަން ޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެ

