ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިކްޓާރ އޮރްބާންގެ 16 އަހަރުވީ ދިގު ވެރިކަން ނިމްމާލާ ހަންގޭރީ އާ ބޮޑުވަޒީރަކަށް ޕީޓާ މަގްޔާރު!

ހަންގޭރީގެ އާ ބޮޑުވަޒީރު ޕީޓާ މަގްޔާރް، 9 މޭ 2026 ގައި އެޤައުމުގެ ވެރިރަށް ބުޑަޕެސްޓުގައި ހުންނަ ޕާލަމަންޓުގައި ބޭއްވުނު މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ތަޤުރީރު ކުރައްވަނީ. (އޭ.އެފް.ޕީ)
ޝެއާރކޮށްލާ ކަހަލަދޯ؟

ހަންގޭރީގައި ބޭއްވި އާންމު އިންތިޚާބުގައި، ވިކްޓަރ އޯރބަންގެ 16 އަހަރުވީ ވެރިކަމަށް ނިމުމެއް ގެނައުމަށްފަހު، އެ ގައުމުގެ އާ ބޮޑުވަޒީރުގެ މަގާމުގެ ހުވާ ޕީޓަރ މަގްޔާރް ކުރައްވައިފިއެވެ.

މެދުތެރޭ ކަނާތު ފިޔައިގެ ’ޓިޒާ‘ ޕާޓީގެ ލީޑަރު، އުމުރުން 45 އަހަރުގެ މަގްޔާރް ވެރިކަމަށް ވަޑައިގެންނެވީ، އޯރބަންގެ ވެރިކަމުގައި ގައުމުގެ އިގްތިސާދު ހީނަރުވެ، ވިލާތުގެ އިއްތިހާދާއި އެހެނިހެން ބައިނަލްއަގުވާމީ ބައިވެރިންނާ އޮތް ގުޅުން ގޯސްވެފައި އޮތް އޮތުން ބަދަލުކޮށްދެއްވާނެ ކަމުގެ ވައުދާއެކުގައެވެ. ހޮނިހިރު ދުވަހު އޭނާ ވަނީ، ނިޒާމަށް ބަދަލުތަކެއް ގެނައުމުގެ އާ ފެށުމަކާ ގުޅުމަށް ހަންގޭރީގެ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.

ހަންގޭރީގެ ގާނޫނު ހަދާ މަޖިލީހުގެ 199 ގޮނޑީގެ ތެރެއިން 141 ގޮނޑި ކާމިޔާބުކޮށް، މަގްޔާރްގެ ޕާޓީން ވަނީ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ހޯދާފައެވެ.

އެހެންނަމަވެސް، އާ ބޮޑުވަޒީރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި، ވިލާތުގެ އިއްތިހާދާ (އީ.ޔޫ) އެކު އޮތް ގުޅުން އިއާދަކުރުމާއި، އިގްތިސާދު ކޮޅަށް ޖެހުމުގެ އިތުރުން، މިއަހަރުގެ އޭޕްރީލް މަހާ ހަމައަށް އައިއިރު ބަޖެޓް ޑެފިސިޓް ނުވަތަ ދަރަނި އިންތިހާއަށް ބޮޑުވެފައިވާ މައްސަލަ ހައްލުކުރުން ހިމެނެއެވެ.

މަގްޔާރް މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވީ ހަންގޭރީގެ ތާރީޚީ ޕާލަމެންޓް އިމާރާތުގައެވެ. މި ރަސްމިއްޔާތުގައި، އޯރބަންގެ ވެރިކަމުގައި މަޖިލިސް ކުރާގެއިން ނަގާފައިވާ އީ.ޔޫގެ ދިދަ، 12 އަހަރަށްފަހު ފުރަތަމަ ފަހަރަށް ވަނީ އަލުން ނަގާފައެވެ.

މަޖިލީހުގެ އާ ރައީސާ އެގްނެސް ފޯސްޓްހޮފާގެ ފުރަތަމަ ނިންމެވުމެއްގެ ގޮތުން އެ ދިދަ އަލުން ނެގުމަށް އެންގެވިއިރު، އެކަމަކީ ވިލާތުގެ އާއިލާއާ އަލުން ގުޅުމަށް އެޅުނު ފުރަތަމަ ރަމްޒީ ފިޔަވަޅު ކަމުގައި އޭނާ ސިފަކުރެއްވިއެވެ.

އާ ބޮޑުވަޒީރުގެ އަމާޒަކީ އީ.ޔޫއާއެކު އެއްބަސްވުމަކަށް އައިސް، ހިފަހައްޓާފައިވާ 20 ބިލިއަން ޑޮލަރުގެ އެހީ ހޯދުމެވެ. މި ފައިސާ ހިފަހައްޓާފައިވަނީ އޯރބަންގެ ވެރިކަމުގައި އިންސާނީ ހައްގުތަކަށް އިހުތިރާމް ކުޑަވުމާއި ގާނޫނީ ސިޔާދަތު ބަލިކަށިވުމުގެ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.

ކުރީގެ ނިޒާމު މުލުން ފަސްގަނޑުން ނައްޓާލުން

އޯރބަންގެ ވެރިކަމުގައި މޮސްކޯއާ ގާތް ގުޅުމެއް ބާއްވަމުން ދިޔައިރު، ހަންގޭރީ އޮތީ އީ.ޔޫއާ ދުރުގައެވެ. ކުރީގެ ބޮޑުވަޒީރު ވަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށާއި ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އީ.ޔޫއިން ނިންމި ނިންމުންތަކަށް ހުރަސްއަޅުއްވާފައެވެ. ސަރޭ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ތިއޮފާނިސް އެގްޒަޑަކްޓިލޯސް ’އަލްޖަޒީރާ‘ އަށް ވިދާޅުވި ގޮތުގައި، މަގްޔާރް ޖެހިވަޑައިގަންނަވާނީ އޭނާއަކީ އޯރބަންއާ ތަފާތު ބޭފުޅެއްކަން ސާބިތުކޮށްދެއްވުމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، އޯރބަން ގިނަ ދުވަސްތަކެއް ވަންދެން ވެރިކަމުގައި ހުންނެވުމުގެ ސަބަބުން ގައުމުގެ އިދާރީ އޮނިގަނޑަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެހެންކަމުން، ކުރީގެ ނިޒާމުގެ ނުފޫޒުތައް ނައްތާލުމަކީ ބޮޑު ގޮންޖެހުމަކަށް ވާނެއެވެ. އަދި މަގްޔާރްގެ ސިޔާސީ ފިކުރަކީ ކަނާތު ފިޔައިގެ ފިކުރަކަށް ވުމުން، އޭނާއާމެދު ސުވާލު އުފައްދާނެ ފަރާތްތަކެއް ތިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، އީ.ޔޫގެ ގައުމުތަކާއެކު އޮތް ގުޅުން ވަރުގަދަކޮށް، އާ ބައިވެރިން ހޯދުމަށްޓަކައި ޚާރިޖީ ދާއިރާއިން ބުރަ މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށްވެސް ޕްރޮފެސަރު ފާހަގަކުރެއްވިއެވެ.

މަގްޔާރް ބޮޑުވަޒީރުކަމަށް ވަޑައިގަތުމަކީ ހައިރާންކުރުވަނިވި ކާމިޔާބީއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. ސަބަބަކީ 2024 ވަނަ އަހަރުގެ ކުރީކޮޅާ ހަމައަށް އޭނާއަކީ ސިޔާސީ ގޮތުން މާ ބޮޑު މަގުބޫލުކަމެއް އޮތް ބޭފުޅަކަށް ނުވުމެވެ. އޭނާ ސިޔާސީ މައިދާނަށް ބޮޑަށް ފާހަގަވެގެންދިޔައީ، ކުރިން އޭނާ ނިސްބަތްވި އޯރބަންގެ ފިޑޭޒް ޕާޓީއާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: