މާލޭގައި ސިފައިންގެ އާއިލާތައް ދިރިއުޅުމަށް ހާއްސަކޮށްފައިވާ ބަނޑޭރިކޮށި ތަޅާލައި، އެ ސަރަހައްދުގައި ސިފައިންނާއި ފުލުހުންނަށް ހާއްސަ ބޮޑު ހައުސިން މަޝްރޫއެއް އަންނަ އަހަރު ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މި މަޝްރޫއާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ބަނޑޭރިކޮއްޓަކީ ސިފައިންގެ ހިދުމަތުގައި ތިބޭ ފަރާތްތަކަށް ބޯހިޔާވަހިކަން ދިނުމަށް ކަނޑައަޅާފައިވާ ތަނަކަށް ވީނަމަވެސް، އެތަނުގެ ހާލަތު މިހާރު ހުރީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި ކަމަށެވެ. އަދި އެތަނުގައި މިހާރު ދިރިއުޅެވެނީ މަދު އާއިލާތަކަކަށް ކަމަށާއި، ޒަމާންތަކެއް ވެފައިވާ އެ އިމާރާތްތައް ތަރައްގީ ނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބަނޑޭރިކޮށި ތަރައްގީކުރުމުގެ ވާހަކައަކީ ކޮންމެ ސަރުކާރެއްގައިވެސް ދެކެވޭ ވާހަކައެއް. ނަމަވެސް އެކަމަށް އަމަލީ ސިފައެއް ނާދޭ. އަޅުގަނޑު މިހާރު ވާނީ އެކަން ބަދަލުކޮށް، އެ ސަރަހައްދު ތަރައްގީކުރަން ނިންމާފައި
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ މި މަޝްރޫއުގެ އަމަލީ މަސައްކަތް އެންމެ ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ފެށުމެވެ. އަދި ކުރިއަށް އޮތް އަށް މަސްދުވަހުގެ ތެރޭގައި މަޝްރޫއު ފެށުމަށް ބޭނުންވާ އިދާރީ އަދި ފަންނީ ހުރިހާ ތައްޔާރީތަކެއް ނިންމަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން ބަނޑޭރިކޮށި ސަރަހައްދު އެއްކޮށް ތަޅާލައި، އެތަން ޒަމާނީ ފެންވަރަށް ތަރައްގީކުރެވޭނެކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ ސަބަބުން މިހާރު އެތަނުގައި ދިރިއުޅޭ ސިފައިންގެ އާއިލާތައް ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލުކުރަން ޖެހޭނެކަން ރައީސް ރޭ ފާހަަގަކުރެއްވި އެވެ. ނަމަވެސް އެކަމުގައި ސަރުކާރުން ގެންގުޅޭ ވިސްނުން ހާމަކުރައްވާފައި ނުވެއެވެ.
މި މަޝްރޫއަކީ ހަމައެކަނި ސިފައިންނަށް ހާއްސަ މަޝްރޫއެއް ނޫންކަމަށާއި، ފުލުހުންނަށްވެސް މި މަޝްރޫއުގެ ތެރެއިން ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

