ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަގުބޮޑު އިންވެސްޓްމަންޓަކީ ހެޔޮ ތަރުބިއްޔަތު: ކުޑަކުދިންގެ ދުވަހު ވަޒީރުގެ ވަރުގަދަ މެސެޖެއް

photo from google
photo from google
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ދެއްވި ޚާއްޞަ މެސެޖެއްގައި، ކުޑަކުދިންނަކީ މާތްﷲ އަޅުގަނޑުމެންނާ ހަވާލުކުރެއްވި އެންމެ މާތް އަމާނާތްކަން ފާހަގަކުރައްވައި، އެކުދިންނަށް އަމާން އަދި އުފާވެރި މުސްތަގުބަލެއް ހޯދައިދިނުމަށް މުޅި މުޖުތަމައު އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވައިފިއެވެ.

ވަޒީރު ވިދާޅުވީ މިއީ ހަމައެކަނި އުފާފާޅުކުރުމުގެ މުނާސަބަތެއް ނޫން ކަމަށާއި، މިއީ އަޅުގަނޑުމެންގެ ލޯބިވާ ދަރިންގެ ހައްގުތަކާއި އެކުދިން ދެކޭ ހުވަފެންތަކާ މެދު ފުންކޮށް ވިސްނާލަންޖެހޭ ދުވަހެއް ކަމަށެވެ. މި ފުރުސަތުގައި ރާއްޖޭގެ އެންމެހައި ކިޔަވާކުދިންނަށާއި، އެކުދިންގެ ހިތްތަކުގައި އުންމީދު އާލާކޮށްދެއްވުމަށް ރެޔާއިދުވާލު މަސައްކަތްކުރައްވާ މުދައްރިސުންނާއި ބެލެނިވެރިންނަށް ވަޒީރު ވަނީ އިހުލާސްތެރި ތަހުނިޔާއާއި ހެޔޮދުއާ ފޮނުއްވާފައެވެ.

ކުޑަކުދިންނަކީ މުޖުތަމައުގެ ”ލޯގަނޑު“ ކަމަށް ސިފަކުރައްވަމުން ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، އެކުދިންނަކީ ބޮޑެތިމީހުންގެ ބަސްމަގާއި، އަގުތަކާއި، އަދި އަހުލާގީ މިންގަނޑުތައް އެންމެ ފުރިހަމައަށް ނަކަލުކުރާ މައުސޫމް ފުރާނަތަކެއް ކަމަށެވެ. އެހެންކަމުން، ކުއްޖަކު ހެދިބޮޑުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ އެކުއްޖަކު އުޅޭ މާހައުލުކަން ފާހަގަކުރައްވައި، ހިތްހަމަޖެހުމާއި، ތަރުހީބާއި، އަދި ރައްކާތެރިކަން ލިބޭ ”ހިތްފަސޭހަ“ މާހައުލެއް ކުދިންނަށް ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް ވަޒީރު ބާރުއެޅުއްވިއެވެ. އެފަދަ މާހައުލެއްގައި ބޮޑުވާ ކުއްޖަކީ ދިރިއުޅުމުގެ ގޮންޖެހުންތަކަށް ކުރިމަތިލާން ކެރޭ، ހިކުމަތްތެރި މީހަކަށް ވާނެކަން ޔަގީންކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ކޮންމެ ބެލެނިވެރިއެއްގެ އަދި މުދައްރިސެއްގެ ޒިންމާއަކީ އެކުދިންގެ ސިކުނޑިތައް އިލްމުން މުއްސަނދިކުރުމުގެ އިތުރުން، އެކުދިންގެ ހިތްތައް ހިތްހަމަޖެހުމާއި އަމާންކަމުން ފުރާލަދިނުން ކަމަށެވެ. ހިކުމަތްތެރިކަމާއެކު ކަންކަން ދަސްކޮށްދީ ހެޔޮ ނަމޫނާ ދެއްކުމަކީ ކުއްޖާގެ މުސްތަގުބަލަށްޓަކައި ކުރެވޭ އެންމެ އަގުބޮޑު އިންވެސްޓްމަންޓްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ. މިއަދުގެ ކުޑަކުދިންނަށް އަޅުގަނޑުމެން ދައްކާ ނަމޫނާއަކީ މާދަމާގެ ދިވެހި ގައުމުގެ އުޖާލާ ތަސްވީރު ކަމަށްވާއިރު، ކޮންމެ ކުއްޖަކީވެސް މުޖުތަމައުގައި އަގުވަޒަންކުރެވޭ، ރައްކާތެރިކަން ލިބިގެންވާ، އަދި އުފާވެރިކަމާއެކު ހެދިބޮޑުވާ ކުއްޖަކަށް ހެދުމަށް އަޒުމް އާކުރުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.

ވަޒީރުގެ މެސެޖު ނިންމަވާލެއްވީ ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް ބާއްޖަވެރި، އަމާން އަދި އުޖާލާ މުސްތަގުބަލެއް މިންވަރުކުރެއްވުމަށް އެދި ދުއާކުރައްވަމުންނެވެ. އަދި އެކުދިންނަށް އޯގާތެރި، ނަމޫނާ ބަޔަކު ކަމުގައި އަޅުގަނޑުމެން ލެއްވުމަށް އެދި ދުއާކުރައްވައި، ކުޑަކުދިންގެ ތަރުބިއްޔަތުގައި މުޅި މުޖުތަމައުގެ ޒިންމާ ފުރިހަމައަށް އަދާކުރުމުގެ މުހިންމުކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

މިއީ ތައުލީމީ ދާއިރާއިން ކުޑަކުދިންގެ ނަފްސާނީ އަދި އަހުލާގީ ދުޅަހެޔޮކަމަށް ދޭ އަހައްމިއްޔަތު ހާމަވެގެންދިޔަ މުހިންމު މެސެޖެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: