ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއުތަކުގެ ތެރެއިން، ”ބިންވެރިޔާ“ ސްކީމްގެ އުސޫލަށް ގެނައި މުހިންމު ބަދަލުތަކާއެކު ކެޓަގަރީ 3 އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނެވި މި ބަދަލުތަކާއެކު، ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ދެމިއޮންނާނެއެވެ. ގެޒެޓްކުރެވިފައިވާ އާ އުސޫލުގައިވާ ގޮތުން، ކެޓަގަރީ 3 ގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ލިބިގެންވަނީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ހޯދުމަށް ”ސިންގަލް އެޕްލިކޭޝަން“ ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ލިބުނު ގޯތި ދޫކޮށްލުމަށްފަހު ފްލެޓަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށާއި، ”ޖޮއިންޓް އެޕްލިކޭޝަން“ ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެ ގޯތި ދޫކޮށްލުމަށްފަހު ވަކިވަކިން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކަށެވެ.
މި ޕްރޮގްރާމްގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިން ކަމަށްވާއިރު، އެއީ 1,250 އަކަފޫޓުގެ ގޯތިތަކެވެ. މީގެ އިތުރުން، ”އާއިލީ ބޯހިޔާވަހިކަން“ ސްކީމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ކެޓަގަރީއަށް ވެސް ވަނީ މުހިންމު ބަދަލެއް ގެނެސްފައެވެ. އެގޮތުން، އަމިއްލައަށް ފޯމު ފުރުމަށް ދަތިވާ ފަރާތްތަކާއި 18 އަހަރު ނުފުރޭ ކުދިންގެ ބަދަލުގައި، އެންސްޕާގައި ރަޖިސްޓަރީވެފައިވާ ބެލެނިވެރިންނަށް ފޯމު ހުށަހެޅޭ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ. ބެލެނިވެރިންނަށް މި ފުރުސަތު ހުޅުވާލުމަށް ނިންމާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
ސަރުކާރުން ވަނީ ބޯހިޔާވަހިކަމުގެ ބޭނުންޖެހިފައިވާ އެކި ފަރާތްތަކަށް އަމާޒުކޮށް ކެޓަގަރީތައް ތަރުތީބުކޮށްފައެވެ. ކެޓަގަރީ 1 ގައި ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ މީހުން ހިމެނޭއިރު، ކެޓަގަރީ 2 ހާއްސަކޮށްފައިވަނީ ސަރުކާރުގެ ކުރީގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮތުމުގެ ސަބަބުން ބިންވެރިޔާ ސްކީމަށް ކުރިމަތިނުލެވުނު ފަރާތްތަކަށެވެ. މި ހުރިހާ މަސައްކަތްތަކަކީވެސް ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން 15,000 ގޯއްޗާއި 7,900 ފްލެޓް ދޫކުރުމަށް ފެށި ބިޔަ މަޝްރޫއުގެ ބައެކެވެ.
ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި ލިބުނު ޚިޔާލުތަކަށް ރިއާޔަތްކޮށް، ބޯހިޔާވަހިކަމުގެ ކެޓަގަރީތަކަށް ވަނީ އިތުރު ފުރިހަމަކަމެއް ގެނެސްފައެވެ. ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ގިނަ ކެޓަގަރީތަކަކަށް ފޯމު ހުށަހަޅަންޖެހޭ ސުންގަޑިއަކީ މި މަހުގެ ނިޔަލަށް ކަމަށްވާތީ، ވީހާވެސް އަވަހަކަށް އެޕްލިކޭޝަންތައް ފުރިހަމަކޮށް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. މި މަޝްރޫއަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ މުހިންމު އެއް މަސައްކަތެވެ.

