މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސޯދަށް ފޯރައި، ފަތުރުވެރިކަމުގެ ސިނާއަތަށް 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު މާލީ ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސަސް އެސޯސިއޭޝަނުން ބުނެފި އެވެ.
މަޓާޓޯއާއި، ގެސްޓް ހައުސް އެސޯސިއޭޝަން ގުޅިގެން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، މިދިޔަ މާޗު މަހުން ފެށިގެން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 15 އާއި 20 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށް ގޮސްފައިވާ ކަމަށެވެ.
ބަޔާނުގައި ބުނީ މި ހާލަތުގެ ސަބަބުން ލިބުނު ހީނަރުކަމުގެ ސަބަބުން އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައިވަނީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ގެސްޓްހައުސްތަކުގެ އިތުރުން ލޯކަލް ޓްރެވަލް އެޖެންޓުންނަށް ކަމަށެވެ. އަދި އެ ފަރާތްތަކުގެ އާމްދަނީ ދަށްވެ، ވިޔަފާރިތައް ހުއްޓާލަންޖެހިދާނެހާ ދަށަށް ގޮސްފައިވާތީ، ސިނާއަތް ހަމައަކަށް އެޅުވުމަށްޓަކައި ސަރުކާރާއި މާލީ އިދާރާތަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެދޭކަމަށް ބަޔާނުގައި ވެއެވެ.
މި ބަޔާނުގައި ދެ ޖަމިއްޔާގެ ފަރާތުން ގޮވާލާފައި ވަނީ އިންޓަރެސްޓް ނުހިމެނޭ ގޮތަށް ލޯނު ދެއްކުން ފަސްކޮށްދިނުމާއި، މިހާރު ހުރި ލޯނުތައް ރީސްޓްރަކްޗާ ކޮށްދިނުމުގެ އިތުރުން ޓެކްސްއާއި އެކި ބާވަތުގެ ފީތައް ދެއްކުމުގައި ލުއިތަކެއް ހަމަޖައްސައިދިނުމެވެ.
މީގެ އިތުރުން، އޮޕަރޭޝަނަލް ހަރަދުތައް މަތިވަމުންދާތީ، އެއާޕޯޓުން ވިއްކާ ތެލުގެ އަގު ކޮންޓްރޯލްކުރުމަށާއި، ކޮންސްޓްރަކްޝަނަށް ބޭނުންވާ ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން ހުއްޓިފައިވާ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ސަޕޯޓް މެކޭނިޒަމެއް ގާއިމުކޮށްދިނުމަށް ހުށަހަޅާފައި ވެއެވެ. ބަޔާނުގައި ވާގޮތުން މިހާރުގެ ބުކިން ކެންސަލޭޝަންތަކާއި ޓްރެންޑްތަކަށް ބަލާއިރު، މުޅި ސިނާއަތަށް ލިބޭ ގެއްލުން 500 މިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ. އަދި މީގެ ސަބަބުން ވަޒީފާތަކަށާއި ބޭރު ފައިސާގެ އާމްދަނީއަށް ނޭދެވޭ އަސަރުކޮށް، ގައުމުގެ އިގްތިސޯދަށް ސީރިއަސް ނުރައްކަލެއް ދިމާވުމުގެ ބިރުއެބައޮތްކަމަށް ވަނީ ބުނެފަ އެވެ.
ޖަމިއްޔާ ގޮވާލާފައި ވަނީ ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސޯދުގެ މައިބަދަ ކަމަށްވާއިރު، މި ހާލަތުން އަރައިގަތުމުގައި އެހީތެރިވެ، ވިޔަފާރިތައް ސަލާމަތްކޮށް ވަޒީފާތައް ރައްކާތެރިކުރުމަށެވެ. އަދި މިއީ ގައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތެއްކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

