ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުތައް ބެލެހެއްޓުމުގައި ބައިނަލްއަޤުވާމީ އެއްބާރުލުން ބޭނުންވޭ: އިރުތިޝާމް

ފޮޓޯ: މަސްވެރިކަމާއި ބެހޭ ވުޒާރާ
ފޮޓޯ: މަސްވެރިކަމާއި ބެހޭ ވުޒާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށާއި މަސްވެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ބައިނަލްއަޤުވާމީ މިންގަނޑުތަކަށް އަމަލުކުރުމާއި ސަރަޙައްދީ ފެންވަރުގައި ގުޅުން ބަދަހިކުރުމަކީ މިއަދު ނުހަނު ބޭނުންތެރި ކަމެއް ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގެ 30 ވަނަ އަހަރީ ބައްދަލުވުން ރާއްޖޭގައި ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން މިހާރަށްވުރެ ބަދަހިކުރަންޖެހޭ ކަމަށް ގޮވާލައްވާފައެވެ.

ވަޒީރުގެ ވާހަކަފުޅުގައި އެންމެ ބޮޑަށް ބާރުއެޅުއްވީ ކަނޑުތަކުގެ ހިންގުން ހަރުދަނާކުރުމަށް އެކުލަވާލާ ނިޒާމުތަކަކީ ހުރިހާ ގައުމެއްގެ، ހާއްސަކޮށް ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ބޭނުންތަކަށް ރިޢާޔަތްކުރެވިފައިވާ ނިޒާމުތަކަކަށް ހެދުމުގެ މުހިންމުކަމުގެ މައްޗަށެވެ.

 ”މަސްވެރިކަމާ ގުޅޭ ނިންމުންތައް ނިންމާއިރު ކުދި ގައުމުތަކުގެ ހިއްސާ ހަމަހަމަކަމާއެކު އޮންނަންޖެހޭނެ،“ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެކަން ކަށަވަރުކުރުމަށްޓަކައި ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ބައިނަލްއަޤުވާމީ މުޖުތަމައުން ފޯރުކޮށްދޭންޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ދެމެހެއްޓެނިވި މަސްވެރިކަމެއް ގާއިމްކުރުމަށް ކުރެވޭ މަސައްކަތުގައި ބައިނަލްއަޤުވާމީ އަދި ސަރަހައްދީ ޖަމްޢިއްޔާތަކުން އެއް އަމާޒަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، މިކަމުގައި ރާއްޖެއިން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އެކަމަނާ ދެއްވިއެވެ.

މިމަހުގެ 11 އިން 15 އަށް ރާއްޖޭގައި ކުރިއަށްދާ މި ބައްދަލުވުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ވަރަށް މުހިންމު ބައްދަލުވުމެކެވެ. 2011 ވަނަ އަހަރުން ފެށިގެން އައިއޯޓީސީގެ މެންބަރެއްގެ ގޮތުގައި ރާއްޖެއިން އަންނަނީ މި ސަރަހައްދުގެ މަސްވެރިކަން ރެގިއުލޭޓްކުރުމުގައާއި، ކުދި ޖަޒީރާ ގައުމުތަކުގެ މަސްލަހަތު ހިމާޔަތްކުރުމުގައި އިސް ދައުރެއް އަދާކުރަމުންނެވެ.

މި ބައްދަލުވުމުގެ ސަބަބުން އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ މުހިންމު ސިޔާސަތުތަކެއް ކަނޑައެޅިގެންދާނެ ކަމަށް ބެލެވެއެވެ. ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި މަސްވެރިކަމުގެ ނަމޫނާ ގައުމަކަށްވާއިރު، މިފަދަ ބައިނަލްއަޤުވާމީ މަންސަތަކުގައި ރާއްޖޭގެ އަޑު އިއްވުމަކީ ސަރަހައްދީ މަސްވެރިކަމުގެ މުސްތަގުބަލަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: