ދައުލަތުގެ އެންމެ އިސްވެރިޔާއާއި ސަރުކާރުގެ އެންމެ އިސްވެރިޔާ ވަކިކުރުމަކީ ހަމައެކަނި ބަރުލަމާނީ ނިޒާމަށް ހާއްސަ ސިފައެއް ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހސަން ލަތީފް ވިދާޅުވީ މި ބަދަލު ގެނައުމުގެ އަސްލު ބޭނުމަކީ ވެރިކަން ހިންގުމުގެ ނިޒާމު އިތުރަށް ޖަވާބުދާރީކުރުވައި ހަރުދަނާކުރުން ކަމަށެވެ.
ހަސަން ލަތީފް ފާހަގަކުރެއްވި ގޮތުގައި ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އެމްޑީޕީގެ ތެރެއިން ތައާރަފްކުރަން އުޅޭ ”ބޮޑު ބަދަލު“ ގެ ތަފްސީލުތައް އަދި އާންމު މެންބަރުންނަށާއި ރައްޔިތުންނަށް އެންމެ ފުރިހަމައަށް ސާފުވެފައެއް ނުވެއެވެ. މި ބަދަލުތަކާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ފުޅާ ހަރަކާތްތަކެއް ރޭވިފައިވާ ކަމަށާއި، އޭގެ ތެރޭގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ކަރުދާހެއް ތައްޔާރުކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އިސްލާހީ މަސައްކަތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހިންގުމަށް ގެންނަންޖެހޭ ބަދަލުތަކާއި، ގައުމީ މުހިންމު ކަންކަމުގައި ރައްޔިތުންގެ ސީދާ ބައިވެރިވުން އިތުރުކުރުމަށްޓަކައި ”ރިފަރެންޑަމް“ ނުވަތަ ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ސަގާފަތެއް ގާއިމްކުރުން ހިމެނެއެވެ. ހސަން ލަތީފް ވިދާޅުވި ގޮތުގައި މި އިސްލާހުތަކަކީ ގައުމުގެ ހަމަޖެހުމަށްޓަކައި ރައްޔިތުން ތަކުރާރުކޮށް އެދެމުންދާ ކަންކަމެވެ.
ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ތައްޔާރުވާން ޖެހޭކަން ފާހަގަކުރައްވަމުން ހސަން ލަތީފް ވިދާޅުވީ، މި ބޮޑު އިސްލާހީ މަސައްކަތުގެ މުގުލުގައި ހުންނަވަންޖެހޭ ބޭފުޅަކީ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. އެމްޑީޕީގެ ކުރިމަގާއި މި ގެންނަން އުޅޭ ބަދަލުތައް ގުޅިފައިވަނީ ސީދާ ރައީސް ނަޝީދުގެ ސިޔާސީ ތަސައްވުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ނަޝީދު ޕާޓީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެ ވަޑައިގެންފިނަމަ، ރާއްޖެއާއި ރާއްޖޭން ބޭރުގައި ޕާޓީގެ ހަރަކާތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ހސަން ލަތީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ އަމާޒަކީ ހަމައެކަނި ވެރިކަމަށް އައުމެއް ނޫނެވެ. އޭގެ ބަދަލުގައި ނިޒާމީ ބަދަލުތަކެއް މެދުވެރިކޮށް ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ދައުލަތް ހިންގުމުގެ މަގު ފަހިކޮށްދިނުމެވެ.

