ކޯޓުތަކުން ނެރޭ އަމުރަށް ގޮންޖަހައި ހިތުހުރި ގޮތަކަށް ނޫސްވެރިން ޢަމަލުކުރުމަކީ ޑިމޮކްރަސީއެއް ނޫންކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ގުޅޭގޮތުން ”އަދަދު“ ނޫހުން ތައްޔާރުކުރި ވީޑިއޯއަކާ ގުޅޭގޮތުން ވާހަކަނުދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ވީޑިއޯއާ ގުޅޭގޮތުން ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމާ ގުޅިގެންނެވެ.
ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުޢިއްޒަކީ މީޑިއާއާއި ޑިމޮކްރަސީއާ ބީރައްޓެހި ބޭފުޅެއްގެ ގޮތުގައި ސިފަކުރަން ވާދަވެރި ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތަކީ ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ކުރާ ފިތުނަވެރި މަސައްކަތެއް ކަމަށެވެ. އަދި ރައީސް މަސައްކަތްކުރައްވަނީ މީޑިއާތަކާ ވަރަށް ގާތުން ކަމަށާއި، ކޮންމެ ހަފްތާއަކު ނޫސްވެރިންނާ ބައްދަލުކުރައްވައި މަޢުލޫމާތު ޙިއްސާކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ކްރިމިނަލް ކޯޓުގެ ’ގޭގް އޯޑަރާ‘ ޚިލާފުވުމުން ”އަދަދު“ ނޫހުގެ ނޫސްވެރިޔާ މާލަމުން ނެރެފައިވާތީ، އެކަމަށް އިޝާރާތްކުރައްވައި ޝިޔާމް ވިދާޅުވީ ޝަރުޢީ ކޯޓުތަކުގެ އަމުރުތަކަށް ތަބާވުމާއި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމަށެވެ.
”މިނިވަން ނޫސްވެރިކަމުގެ ނަމުގައި މީހުންގެ އަބުރު ނަގާލާ، ކޯޓުތަކުން ކުރާ އަމުރުތަކަށް ގޮންޖަހާ ހިތުހުރި ގޮތަކަށް ’ނޫސްވެރިން‘ ޢަމަލުކުރުމަކީ ޑިމޮކްރަސީގެ ސިފައެއް ނޫން،“ ވަޒީރު ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ ބައެއް ނޫސްވެރިން ރައީސުލްޖުމްހޫރިއްޔާގެ ނޫސްވެރިންގެ ބައްދަލުވުންތަކަކީ ޒާތީގޮތުން ފުރައްސާރަކުރަން ލިބޭ ފުރުޞަތެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަމަށެވެ. މިއީ ނޫސްވެރިކަމުގެ އަޚްލާޤީ ހަމަތަކާ ޚިލާފު ދަށުދަރަޖައިގެ ޢަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އަދި މިފަދަ ޒިންމާދާރުކަން ކުޑަ ޢަމަލުތަކުގެ ސަބަބުން އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރާ އެހެން ނޫސްވެރިންނަށްވެސް ހުރަސްތަކެއް ކުރިމަތިވާކަމަށް ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުން އާދިއްތަ ދުވަހު ނެރުނު އަމުރުގައި ވަނީ، ”އަދަދު“ ނޫހުން ތައްޔާރުކޮށްފައިވާ ވީޑިއޯ ޑޮކިއުމަންޓްރީއާ ގުޅޭ މައްސަލަ ޝަރީޢަތުން ވަކި ގޮތެއް ނިންމަންދެން އެ ވީޑިއޯ މުޖުތަމަޢުގެ ތެރޭގައި ދައުރު ނުކުރުމަށް އަންގާފައެވެ. މި އަމުރާ ޚިލާފުވުމަކީ ކޯޓުގެ ޙުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށްވެސް އެ އަމުރުގައި ބަޔާންކޮށްފައިވެއެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އަބަދުވެސް ޒިންމާދާރު ނޫސްވެރިކަމަށް މަރުޙަބާ ކިޔާނެ ކަމަށާއި، ނަމަވެސް ޤާނޫނުގެ ވެރިކަން ނަގަހައްޓަން ކުރަންޖެހޭ ކަންކަމުގައި އެމަނިކުފާނު ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. ”އަދަދު“ ނޫހުގެ ނޫސްވެރިޔާގެ އަމަލުތަކާ ގުޅިގެން އާންމުންގެ ގިނަ ބަޔަކުވެސް އަންނަނީ ފާޑުކިޔަމުންނެވެ.

