ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުގެ ’ގެދޮރުވެރިޔާ‘ ސްކީމުގެ ދަށުން 4،000 ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ތެރެއިން، ޝަރުތު ހަމަނުވާކަމަށް ބެލެވޭ 450 އަށް ވުރެ ގިނަ މީހުންގެ ފްލެޓް އަތުލައި، އެ ތަންތަން ހައްގުވެރި ފަރާތްތަކަށް ދީފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
މުއްތޮލިބު ވިދާޅުވީ، ދޮގު މައުލޫމާތު ދީފައިވުމާއި ޝަރުތުތައް ފުރިހަމަ ނުވުމުގެ ސަބަބުން މިހާތަނަށް ގާތްގަނޑަކަށް 460 އެއްހާ އެޕްލިކޭޝަން ބާތިލުކޮށްފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ.
”އަދިވެސް އެބަހުރި ބައެއް ކޭސްތައް އެއްކޮށް ނުނިމޭ. ނަމަވެސް އަޅުގަނޑު ހަނދާންވަނީ ސީދާ އަދަދެއް [ނޭނގެ]. [ހަނދާންވަނީ] 460 ކޮންމެވެސް ވަރެކޭ. އެހެންވީމަ 450 އެހާކަށްވަރުގެ އެޕްލިކޭޝަންތައް ވާނީ ބާތިލުކުރެވިފައި،“ މިނިސްޓަރު ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުން އެކުލަވާލި ލިސްޓު މުރާޖައާ ކުރަން ޖެހުނު މައިގަނޑު ސަބަބެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ، 76 އަށް ވުރެ މަތިން މާކްސް ލިބިފައިވާ 500 އަށް ވުރެ ގިނަ މީހުންނަށް ފްލެޓު ނުދީ، 75 މާކްސް ލިބުނު ބައެއް މީހުންނަށް ފްލެޓު ދީފައި ހުރުމެވެ. އެހެންކަމުން، އުސޫލުގެ ތެރެއިން މަތިން މާކްސް ލިބުނު ފަރާތްތަކަށް އިސްކަންދިނުމުގެ ގޮތުން ލިސްޓަށް ބަދަލުތަކެއް ގެންނަން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ތިން ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަނުވެ އެ ތަންތަން ލިބިފައި ހުރި މީހުންގެ އަތުން އެ ފްލެޓުތައް ނަގައި، އެ ފަރާތްތަކަށް ދެ ކޮޓަރީގެ ފްލެޓުތަކަށް ބަދަލުކުރުން ފަދަ އޮޕްޝަންތަކެއް ދީފައިވާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. މި ބަދަލުތަކަކީ ހައްގުވެރިންނަށް ފްލެޓު ކަށަވަރުކޮށްދިނުމަށް ކުރެވުނު މަސައްކަތެއް ކަމަށް ސަރުކާރުން ބުނެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން 3,778 މީހުންނާއެކު ފްލެޓު އެއްބަސްވުމުގައި ސޮއިކޮށްފައިވެ އެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، އެ ލިސްޓުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ އާ ކޮމިޓީއެއް މެދުވެރިކޮށް ލިސްޓު ވަނީ މުރާޖައާކޮށްފަ އެވެ. ފްލެޓުވެރިންގެ ހައްގުގައި މަސައްކަތްކުރާ ’ފަހި ޔޫނިއަން‘ އިން މީގެ ކުރިން ބުނެފައިވަނީ، ސޮއިކޮށްފައިވާ އެއްބަސްވުންތަކެއް ބާތިލުކުރެވޭނީ ހަމައެކަނި ކޯޓު މެދުވެރިކޮށް ކަމަށެވެ.

