އެޓެންޝަން ޑެފިސިޓް ހައިޕަރ އެކްޓިވިޓީ ޑިސްއޯޑަރ (އޭ.ޑީ.އެޗް.ޑީ) ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމުގައި، ފަސްޓްލައިން ޓްރީޓްމަންޓަށް ބޭނުންކުރާ ބޭހުގެ ބާވަތެއްކަމަށްވާ މިތައިލްފެނިޑޭޓް ލިބޭނެ ގޮތް އޭޑީއެޗްޑީ ބަލި މީހުންނަށް ބޭނުންވާ ބޭހަށް ބޭނުންކުރާ މިތައިލްފެނިޑޭޓް ބޭހުގެ ގޮތުގައި ބޭނުންކުރެވޭ ގޮތަށް ހަމަޖައްސަވައިފިއެވެ.
މިގޮތަށް ކަނޑައެޅުއްވީ މަސްތުވާތަކެއްޗާބެހޭ ޤާނޫނު ގެ ޖަދުވަލު 1 އިޞްލާޙުކުރައްވާ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނެރުއްވި ގަރާރުންނެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ހުށަހަޅުއްވާފައިވާ ލަފަޔާމެދު، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 4-3 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ހުށަހެޅުއްވުމުން، އެ ޤާނޫނުގެ ޖަދުވަލު 1 ގައި ހިމެނޭ މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ލިސްޓުގެ 89 ވަނަ ނަންބަރުގައިވާ މިތައިލްފެނިޑޭޓް އެ ލިސްޓުން އުނިކޮށް، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި އެ ބޭސް ހަމަޖެއްސުމަށް ރުހުން ދިނުމަށް ފެނިވަޑައިގަންނަވާކަމަށް، 11 މޭ 2026 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާގައި ފާސްކުރައްވާފައިވާތީއެވެ.
އިއްޔެ އޮތް މަޖިލީހުގެ ޖަލްސާގައި މިތައިލްފެނިޑޭޓް މަނާ ލިސްޓުން އުނިކުރުމަށް ބައިވެރިވެވަޑައިގެންނެވި 51 މެންބަރުންގެ ވޯޓާއެކު ވަނީ ފާސްކޮށްފައެވެ.
ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 3-4 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް ޢަމަލުކުރަންފަށާފައެވެ. އެހެންކަމުން މި އިޞްލާޙާއެކު، އޭ.ޑީ.އެޗް.ޑީ ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ މިތައިލްފެނިޑޭޓް ޤާނޫނީ އޮނިގަނޑުގެ ތެރެއިން ދިވެހިރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

