މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، ސަރުކާރު ހިންގާ ޕީއެންސީއާ ގުޅުނު މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅަން ނިންމާފައިވާ ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އަލީ ހުސެއިން ވިދާޅުވީ ގޮނޑި ގެއްލިފައިވާ ކަމަށް ބެލެވޭ 8 މެންބަރުން މިވަގުތު މަޖިލީހުގައި އެބަތިބި ކަމަށާއި، އެ މެންބަރުންގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށެވެ. މި މައްސަލަ ހުށަހަޅަން ނިންމާފައިވަނީ ދާދިފަހުން ސުޕްރީމް ކޯޓުން ގޮނޑީގެ މައްސަލައިގައި ނިންމާފައިވާ ނިންމުމަށް ރިއާޔަތްކޮށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މެންބަރުން:
މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި އިންތިހާބުވުމަށްފަހު ޕީއެންސީއަށް ސޮއިކުރެއްވި މެންބަރުންނަކީ:
1. ނައިފަރު ދާއިރާގެ މެންބަރު ޔާސީން އަބްދުﷲ
2. ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުއްއަޒީޒު
3. ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު
4. ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބް
5. ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަލްސަން އަހުމަދު
6. ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް
7. ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު
8. މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު
ޕާޓީއަކުން މެންބަރަކު ވަކިކުރުމުން ނުވަތަ އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން މަޖިލީހުގެ ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް މިހާރު ވަނީ އިސްލާހު ގެނެސްފައެވެ. މި އިސްލާހުގެ ދަށުން މިނިވަން މެންބަރުން ޕާޓީއަކަށް ސޮއިކުރުމުން ވާނެ ގޮތަކާ މެދު ގާނޫނީ ބަހުސްތަކެއް ވަނީ އުފެދިފައެވެ.
އަލީ ހުސެއިން އިތުރަށް ވިދާޅުވީ، މި މައްސަލަ ކޯޓަށް ހުށަހެޅުމުގެ މަގްސަދަކީ ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހުތަކުގެ ދަށުން މިފަދަ ހާލަތްތަކުގައި އަމަލުކުރަންޖެހޭ ގޮތް ސާފުކުރުން ކަމަށެވެ.

